ބިރުފަހަނާޅައި ގޮސް ހިތްވަރާއެކު ނޫސްވެރިކަން ކުރަމުންދާ އެންމެހައި ނޫސްވެރިންނަށް ތަހުނިޔާ ކިޔަން

މިއަދަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައި ދުނިޔޭގައި ފާހަގަކުރާ ދުވަސްކަމަށްވާތީ، ނޫސްވެރިންނަށް ބިރުހުރި ސަރުކާރެއް ރާއްޖޭގައި އޮތް މިދުވަސްވަރު ބިރުފަހަނާޅައި ގޮސް ހިތްވަރާއެކު ނޫސްވެރިކަން ކުރަމުންދާ އެންމެހައި ނޫސްވެރިންނަށް މިއަދުގެ ހެޔޮއެދުމާއި ތަޙުނިޔާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން ކިޔަމެވެ.

މިއަހަރުގެ ނޫސްވެރިކަމުގެ ދުވަސް ދިވެހި ނޫސްވެރިންނާ ބައްދަލުކުރާއިރު، ސަރުކާރުން ނޫސްވެރިކަމާ ބައްދަލުކޮށްފައިވަނީ ހަންމުށްޓާއެކުގައެވެ. މިގޮތުން ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުގެ ކޮންމެ ތަޤުރީރެއްގައި ނޫސްވެރިންނަށް ނަފުރަތުކުރެއްވުމާއި “ކުޑަގޮޅީގެ” އިންޒާރުދެއްވުން ހިމެނޭކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. އަދި މި ސަރުކާރު އައިފަހުން ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް އެއްވެސް ކުރިއެރުމެއް ލިބުމުގެ ބަދަލުގައި ނޫސްވެރިންނަށް ހައްތަހާވެސް ކުރިމަތިކޮށްފައިވަނީ ބިރުވެރިކަމާއި ގޮންޖެހުންތަކެވެ.

މިގޮތުން މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ވަގަށްނެގިތާ 633 ދުވަސް ފާއިތުވެފައިވާއިރު އެ މައްސަލަ ފުރިހަމަގޮތުގައި ފުލުހުން ތަޙްޤީޤްކޮށްފައި ނުވަނީ، އަދި ރައްޔިތުންގެ މަޖިލީހުން ވެސް އެ މައްސަލަ ބަލާފައި ނުވަނީ، ސީދާ ސަރުކާރުން ގަސްތުގައި އެ މައްސަލަ ބަލަން ބޭނުންނުވާތީކަމުގައި ޤަބޫލުކުރެވެއެވެ.

އަދި ރާއްޖެ ޓީވީ އަންދައި އަޅިޔަށް ހަދައިލި މައްސަލައާއި ނޫސްވެރިޔާ އިބްރާޙިމް ވަޙީދު (އަސްވާޑް) އަށް ދިން މަރުގެ ޙަމަލާގެ މައްސަލާގައި އިންސާފެއް ހޯދިފައި ނުވަނީ ވެސް ސަރުކާރުން ގަސްތުގައި އެކަންކުރަން ބޭނުން ނުވާތީކަމުގައި ބެލުމުގެ ޙައްޤު ބޮޑެވެ.

މިކަންކަން ބެލުމެއް ނެތި ރާއްޖެ ޓީވީ ގެ 4 ނޫސްވެރިޔަކަށް ޖިނާޢީ ދަޢުވާ އުފުލައިގެން އެ މައްސަލަތައް ކުރިއަށް ގެންދާ ގެންދިއުމަކީ ހަމަހަމަކަމާއި އިންސާފުގެ ކަންފުޅެއްވެސް މި ސަރުކާރުގެ ނެތްކަން އެނގިގެންދާ ކަމެކެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ރާއްޖެ ޓީވީ އަށާއި ސަންގު ޓީވީއަށް ޤާނޫނާ ކަނޑައެޅިގެން ޚިލާފު އެކިއެކި އަމުރުތައްކޮށް ބްރޯޑްކާސްޓްކުރުމުގެ މިނިވަންކަމަށް ތަކުރާރުކޮށް އަރައިގަންނަމުންދާކަން ވެސް ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

ހަމަ އެފަދައިން ނޫސްވެރިކަމުގައި މަސައްކަތްކުރަމުންދާ އެތަކެއް އަންހެން އަދި ފިރިހެން ނޫސްވެރިންނާމެދު ނަހަމަގޮތުގައި ބާރުގެ ބޭނުންކޮށް، ޕެޕަރ ސްޕްރޭޖަހައި އަދި އެ ނޫސްވެރިން ހިފައި ހައްޔަރުކޮށް ޖަލަށްލައި އަދި ދަޢުވާ އުފުލުމުގެ މަރުޙަލާގައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. އަދި ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ “ހަވީރު” ނޫސް ބަންދުކޮށް އަދި އެ ނޫސް ހިންގާ އިދާރާގައި ހުޅުޖަހައި އަންދާލުމުގެ ޖަރީމާ ވެސް ހިންގާފައިވެއެވެ. ހަމައެފަދައިން “އަށްޑޫ ލައިވް” ގެ ވެބްސައިޓަށް ނުވަދެވޭގޮތަށް އެ އޮންލައިން ނޫސް ވެސް ބަންދުކޮށްފައިވެއެވެ. އަދި ފުލުހުން ސަންގު ޓީވީ ރެއިޑްކޮށް އެޓީވީ ސްޓޭޝަނަށް ވަދެގަނެ އެތަނުގައި ބްރޯޑްކާސްޓްކުރުމަށް ބޭނުންކުރާ ތަކެތި ނަގައިގަނެގެން ގެންދިއުމުގެ ސަބަބުން ބްރޯޑްކާސްޓްކުރުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވެއެވެ. ހަމައެފަދައިން ޤާނޫނީ އެއްވެސް ހަމައެއް ނެތި ނޫސްވެރިން ކްރިމިނަލް ކޯޓުގެ ޝަރީޢަތްތަކަށް ނުވެއްދުމުގެ ސަޤާފަތެއް ކްރިމިނަލް ކޯޓުން ފައްޓާފައިވެއެވެ. އަދި ނޫސްވެރިކަން ކުރުމުގެ ސަބަބުން އެތަކެއް މިލިޔަން ރުފިޔާއިން ނޫސްވެރިން ޖޫރިމަނާކޮށް، ޖަލު ޙުކުމް އިއްވޭގޮތަށް ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނެތިކޮށްލާ ޤާނޫނެއް ސަރުކާރުން ހެދުމަކީ އިންތިހާއަށް ކަންބޮޑުވާކަމެކެވެ.

ރާއްޖޭގެ ނޫސްވެރިންނަށް ނުޙައްޤުން ކުރިމަތިކުރުވާ ގޯނާތަކާއި ފުރައްސާރަތަކާއި އަދި ދެމުންދާ ޙަމަލާތަކުގެ ސަބަބުންނާއި، އަދި އެފަދަ މައްސަލަތައް ދަޢުލަތުގެ ނިޒާމުގެ ތެރެއިން ބަލަމުންނުދާތީއާއި، ނޫސްވެރިންގެ ޙައްޤު ރައްކާތެރިކޮށް ނުދޭތީ، ބައިނަލް އަޤުވާމީ ނޫސްވެރިންގެ ޖަމިއްޔާތަކުން ތަކުރާރުކޮށް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިގޮތުން ރިޕޯރޓާރސް ވިތައުޓް ބޯރޑާރސް އިން އެންމެ ފަހުން ނެރުނު ރިޕޯރޓުގައި ވެސް ފާހަގަކޮށްފައިވާގޮތުން މިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ދަށަށް ވެއްޓެމުން ގޮސް މިހާރު 2008 ވަނަ އަހަރުގެ ކުރިން އޮތް ދަރަޖައާ ގާތަށް ދަށަށް ވެއްޓިފައިވާކަން ފާހަގަކޮށްފައިވެއެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކެޓޭރިއެޓް
ތާރީޚް: 3 މެއި 2016