އިންސާނީ ޙައްޤުތައް ހިމާޔަތް ކުރުމާ ގުޅޭ ގޮތުން ޔުނިވަރސިޓީ އޮފް އެސެކްސްގައި ރައީސް މުޙައްމަދު ނަޝީދު ތަގްރީރުކުރައްވައިފި

އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އެސެކްސްގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ ‘ހިއުމަން ރައިޓްސް އިން އޭޝިޔާ ކޮންފަރެންސް 2016″ ޝަރަފްވެރިކޮށްދެއްވައި އެ ޔުނިވަރސިޓީގައި މިއަދު ރައީސް މުޙައްމަދު ނަޝީދު ތަގުރީރުކުރައްވައިފިއެވެ. ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅު ދެއްކެވީ އިންސާނީ ޙައްޤުތައް ހިމަޔާތް ކުރެއްވުމުގައި މަސައްކަތްކުރައްވާ ބޭފުޅެއްގެ ހައިސިއްޔަތުން އެމަނިކުފާނުގެ ހަނދާންތަކާ އަދި މިހާރުވެސް ކުރައްވާ ކަންކަމާ ގުޅޭ ގޮތުންނެވެ.

ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވަމުން ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ހިމާޔަތް ކުރުމަށާއި ޑިމޮކްރަޓިކް ވެރިކަމެއް ޤާއިމުކުރުމަށް އެމަނިކުފާނު ކުރެއްވި ކަންކަމާ މެދ ވާހަކަފުޅު ދެއްކެވިއެވެ. އެންމެ ފުރަތަމަ ލިޔުންތެރިއެއްގެ ހައިސިއްޔަތުން ފެއްޓެވި މަސައްކަތާ ގުޅިގެން އެތައް ފަހަރަކު ޖަލަށް ލައި އަނިޔާކޮށްފައިވާ ކަމަށާއި އިންސާނީ ޙައްޤުތައް ހިމާޔަތް ކުރުމުގެ މަސައްކަތަތީ ފަސޭހަ މަސައްކަތެއް ނޫން ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ޚުދުމުހުތާރު ވެރިޔަކު ދުރުކުރެވުނު ނަމަވެސް ޚުދުމުހުތާރު ވެރިކަމާއި އެ ވެރިކަމުގެ ސަޤާފަތް އިސްލާޙް ކުުރުމަކީ ދަތިއުނދަގޫ ކަމެއް ކަމގުައި ރައީސް ނަޝީދު ވިދާޅުވިއެވެ. ދިވެހިރާއްޖޭގައި މިއަދު ސަރުކާރުން އިންސާނީ ޙައްޤުތަކަށް އަރައިގަނެ ނޫސްވެރިކަމުގެ މިނިވަންކަން ނަގާލައި ރައްޔިތުންގެ ބިރުވެރިކަމުގެ ތެރެއަށް ގަންބާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. ސަރުކާރުން ކުރާ މިފަދަ ކަންކަން އަބަދުވެސް ހާމަ ކުރުމަކީ އިންސާނީ ޙަައްޤުތައް ހިމާޔަތް ކުރާ މީހުންގެ އެންމެ މުހިއްމު ޒިންމާ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުން ފަދަ ކަންކަމުގެ ވާހަކަ އަބަދުވެސް ދައްކަން ޖެހޭނެ ކަމުގައި ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ އެމަނިކުފާނުގެ މަސައްކަތުގައި އެންމެ ބޮޑު ހިއްވަރެއް ލިބިވަޑައިގަންނަވަނީ ޢައިލާއާއި އެމަނިކުފާނުގެ އަނބިކަނބަލުން ކިބައިން ކަމުގައެވެ.

2009 ވަނަ އަހަރުން ފެށިގެން ޔުނިވަރސިޓީ އޮފް އެސެކްސްގެ ހިއުމަން ރައިޓްސް ސެންޓަރުގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ މިކޮންފަރެންސަކީ އޭޝިޔާ ސަރަޙައްދުގެ އިންސާނީ ޙައްޤުތަކަށް ޙާއްސަކޮށްގެން ކުރައަށް ގެންދާ ކޮންފަރެންސެކެވެ.