ރާއްޖެ ޓީވީގެ 4 ނޫސްވެރިންގެ މައްޗަށް ކުރާ ޖިނާޢީ ދައުވާތައް އަނބުރާ ގެންދިއުމަށް ގޮވާލަން

މިނިވަން ނޫސްވެރިކަމަށް ހުރަސްއަޅައި، ނޫސްވެރިންނަށް ބިރުދެއްކުމުގެ ގޮތުން ރާއްޖެ ޓީވީގެ 4 ނޫސްވެރިންގެ މައްޗަށް ނުޙައްޤުން ޖިނާޢީ ދައުވާ އުފުލާފައިވާތީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމް.ޑީ.ޕީ)ން އެކަން އެންމެ ހަރުއަޑުން ކުށްވެރިކޮށް މިހާރުން މިހާރަށް އެދައުވާތައް އަނބުރާ ގެންދިއުމަށް ސަރުކާރަށް ގޮވާލަމެވެ.

ރާއްޖެ ޓީވީގެ ހަތަރު ނޫސްވެރިންގެ މައްޗަށް ޖިނަޢީ ދައުވާކޮށް މިހާރު ކުރިއަށްދާ ޝަރީޢަތްތަކަކީ އެއްވެސް އަސާސްތަކެއްގެ މައްޗަށް ހިންގޭ ޝަރީޢަތްތަކެއް ނޫނެވެ. އެއީ ޑިމޮކްރަސީގެ ހަތަރުވަނަ ތަނބު ކަމުގައިވާ މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅައި ނޫސްވެރިން ކުރަމުން އަންނަ މަސައްކަތްތައް އެއްކޮށް ނައްތާލުމަށް ސީދާ ރައީސް ޔާމީންގެ އިރުޝާދުގެ މަތީން ހިންގާ ބޮޑު ޖަރީމާއެކެވެ.

ފާއިތުވީ އަހަރުތަކުގެ ތެރޭގައި ރާއްޖެޓީވީއަށް އެތައް ގޮތަކުން ބޮޑެތި ގެއްލުންތަކެއް ދީ ރާއްޖެ ޓީވީ ރޯކޮށް އަންދައި އަޅިޔަށް ހަދާލި މައްސަލައިގައި އެއްވެސް އިންސާފެއް މިއަދާ ޖެހެންދެންވެސް ހޯދައިނުދީ، އެޓީވީގެ ކުރީގެ ނޫސްވެރިޔާ އިބްރާހީމް ވަހީދު (އަސްވާޑް) އަށް މަރުގެ ޙަމަލާއެއްދީ ޒަހަމްކޮށްލުމާ ގުޅިގެންވެސް އެއްވެސް އިންސާފެއް ހޯދައިނުދީ މިއަދު އަނެއްކާ ރާއްޖެޓީވީގެ 4 ނޫސްވެރިންގެ މަައްޗަށް އުފުލާފައިވާ ދައުވާތަކަކީ ނާއިންސާފުން ފުރިގެންވާ ކަމެކެވެ. ދާދީ ފަހުން ފުލުހުންގެ ފޮޓޯއެއް ނެގި ކަމަށް ބުނެ އެ ޗެނަލް ހިންގާ ޢިމާރާތުގެ ތެރެެއަށް ކޯޓު އަމުރެއް ނެތި ފުލުހުން ވަދެ ރާއްޖެ ޓީވީގެ ނޫސްވެރިއެއް ހައްޔަރުކޮށްފައިވާކަންވެސް ފާހަގަ ކުރަމެވެ. އަދި ސިޔާސީ ކުލަވަރު ޖެހިފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން މެދުވެރިކޮށް ޤާނޫނުތަކާ ޚިލާފަށް ރާއްޖެ ޓީވީއަށް އިންޒާރުދީ ރާއްޖޭ ޓީވީއަށް ބިރު ދެއްކުމަށް ކުރަމުން ގެންދާ ކަންކަން މިހާރުން މިހާރަށް ހުއްޓާލުމަށް އެ ކޮމިޝަނަށްވެސް ގޮވާލަމެވެ. މީގެ އިތުރުން އެއްވެސް ސަބަބެއް ބަޔާންކުރުމެއް ނެތި ރާއްޖޭގެ އެންމެ ބޮޑު އަދި މަޤްބޫލު ޓީވީ ޗެނަލެއް ކަމުގައިވާ ރާއްޖެ ޓީވީގެ ނޫސްވެރިން ކްރިމިނަލް ކޯޓުގެ އަޑުއެހުންތަކަށް ވަނުން މަނާކުރުމަކީ އެކޯޓުގައި ހިނގާ ޝަރީޢަތްތަކުގެ މައުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށް އެޅިފައިވާ ބޮޑު ހުރަހެކެވެ.

މިފަދަ ނާތަހުޒީބީ ކަންކަމުގެ ސަބަބުން މިއަދު ދިވެހިރާއްޖެއަކީ ނޫސްވެރިކަމަށް ހުރަސްއަޅާ ނޫސްވެރިކަމުގެ މިނިވަންކަން އެއްވެސް މިންވަރަކަށް ނެތް ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ނަން ހުތުރުވެ، ރާއްޖެއަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުގައި މިއަދު އެކަހެެރިވެފައިވާ ޤައުމެކެވެ.

ރާއްޖެ ޓީވީގެ 4 ނޫސްވެރިންގެ މައްޗަށް އުފުލައި ޝަރީޢަތުގެ މަރުހަލާގައިވާ މައްސަލަތައް އަނބުރާ ގެެންދެވުމަށާއި 3 އޭޕްރިލް 2016 ގައި ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކުރުމަށް ގޮވާލައި އިހުތިޖާޖުކުރި ނޫސްވެރިންގެ ތެރެއިން 16 ނޫސްވެރިންނާ މެދު މިހާރު ކުރިއަށްދާ ތަޙްޤީޤްތައްެވެސް ހުއްޓާލެއްވުމަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްޓޭރިއެޓް
ތާރީޚް: 18 އޭޕްރިލް 2016