ސިޔާސީ ލީޑަރުން މިނިވަންނުކުރަނީސް މަޝްވަރާގައި ބައިވެރިނުވާނެ ކަމުގައި އެމް.ޑީ.ޕީން ކޮމަންވެލްތު ޑެޕިއުޓީ ސެކެޓަރީ ޖެނެރެލް އަރިހުގައި ދަންނަވައިފި

ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަޙްގެ ކަންކަން ދެނެގަނެ ސިޔާސީ ހުރިހާ ފަރާތްތަކާ މިހާރު ބައްދަލުކުރެއްވުމަށް ރާއްޖެ ވަޑައިގެން އުޅުއްވާ ކޮމަންވެލްތްގެ ޑެޕިއުޓީ ސެކެޓަރީ ޖެނެރެލް ޑރ. ޖޯސެފީން އޮޖިއާންބޯ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދުގެ ބައްދަލުކޮށްލެއްވުމުގައި ސިޔާސީ ޕާޓީތަކުގެ މަޝްވަރާއާމެދު މަޝްވަރާކުރެވުނެވެ. ދިވެހިރާއްޖެ މިއަދު ވެއްޓިފައިވާ ނުރައްކާތެރި ޙާލަތުން މިންޖުވުމަށް ސަރުކާރު ހިމެނިގެން ސިޔާސީ ފަރާތްތަކާއެކު މަޝްވަރާކުރުމަށް އެމް.ޑީ.ޕީން އަބަދުވެސް ތާޢީދުކުރާހިނދު، އިދިކޮޅު ސިޔާސީ ލީޑަރުންނާއި އެތައް ބަޔަކު ސިޔާސީ ބޭނުމަށް ހައްޔަރުކޮށް، ބޭއިންސާފުން ޝަރީޢަތް ހިންގައި ޖަލަށްލާފައިވާކަން އެމް.ޑީ.ޕީން ފާހަގަކުރިއެވެ. އިދިކޮޅު ސިޔާސީ ލީޑަރުންނާއި ސަރުކާރުން އެދޭގޮތަށް ދިވެހިރާއްޖޭގެ ޤާނޫނު އަަސާސީއާއި ބައިނަލްއަޤްވާމީ މުޢާޙަދާތަކާ ކަނޑައެޅިގެން ޚިލާފަށް ޝަރީޢަތް ހިންގައި ޖަލަށްލާފައިވާ ސިޔާސީ ލީޑަރުން މިނިވަންނުކޮށް އިތުބާރު އޮތް މާޙައުލެއް ޤާއިމުނުކުރެވޭނެ ކަމުގައި އެމް.ޑީ.ޕީން ފާހަގަ ކުރިއެވެ. އެހެންކަމުން މިފަދަ މާޙައުލެއް ޤާއިމުކުރެވޭނީ ހައްޔަރުކުރެވިފައިވާ ނުވަތަ ބޭއިންސާފު ޝާރީޢަތް ހިންގަައި ޖަލަށްލާފައިވާ ސިޔާސީ ވެރިން އެއްވެސް ޝަރުތެއްނެތި މިނިވަންކޮށްގެން ކަމުގައި އެމް.ޑީ.ޕީން ޑެޕިއުޓީ ސެކެޓަރީ ޖެނެރެލް އަރިހުގައި ދެންނެވިއެވެ. އަދި އިސްވެދެންނެވުނު ކަންކަން ފުރިހަމަ ނުވަނީސް ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި އެމް.ޑީ.ޕީން ބައިވެރިނުވާނެ ކަމުގައިވެސް ޑެޕިއުޓީ ސެކެޓަރީ ޖެނެރެލް އަރިހުގައި ދެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ފެބްރުއަރީ މަހު ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕުގެ ފަރާތުން ކަންބޮޑުވުން ފާޅުކުރައްވައި އިސްލާޙްކުރެއްވުމަށް ސަރުކާރަށް ހުށަހެޅުއްވި ހުރިހާ ކަމަކާ ގުޅޭ ގޮތުން އެމް.ޑީ.ޕީގެ ފަރާތުން ތައްޔާރުކޮށްފައިވާ ތަފްޞީލީ ކަރުދާހެއް ފޮރިން ރިލޭޝަންސް ކޮމިޓީގެ ޗެއަރ އަދި ހެންވޭރު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ހޮނަރަބްލް ޢަބްދުﷲ ޝާހިދު ޑެޕިއުޓީ ސެކެޓަރީ ޖެނެރެލްއާ ހިއްސާކުރެއްވިއެވެ. މި ކަރުދާހުގައި ފެބްރުއަރީ މަހު ސީމެގުން ނިންމެވި ހުރިހާ ކަމަކާ ގުޅޭ ގޮތުން ސަރުކާރުން ޢަމަލުކުރައްވާ ގޮތުގެ ތަފްޞީލު ހިމެނެއެވެ.
އެމް.ޑީ.ޕީގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ޑެޕިއުޓީ ޗެއަރޕަސަނާއި ފޮރިން ރިލޭޝަންސް ކޮމިޓީގެ މެމްބަރުންނެވެ.