އަދާަލަތު ޕާޓީގެ ރައީސާއި ކުރީގެ ޑިފެންސް މިނިސްޓަރު ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލުކުރެއްވީ ބައިނަލްއަޤްވާމީ މުޖުތަމަޢަށް އޮޅުވާލުމަށް

ޓެރަރިޒަމްގެ ކުށުގައި ނުޙައްޤުން ޙުކުމްކޮށް ޖަލަށްލާފައިވާ އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ޠަލްޙަތު އިބްރާހީމް ކަލޭފާނު ހައްޔަރުކޮށް ބައިތިއްބާފައިވާ ޖަލު ގޮޅިތައް މަރާމާތުކުރުމަށް ކަމަށް ބުނެެ ގޭބަންދަށް ބަދަލުކޮށްފައިވަނީ ސަރުކާރަށް މިވަގުތު ބައިނަލްއަޤްވާމީ ފަރާތްތަކުންނާއި ރައްޔިތުން ކުރިމަތިކޮށްފައިވާ ޕްރެޝަރުން ވަގުތީ ގޮތުން މިންޖުވުމަށް ޙިލާތްތެރި ނިޔަތެއްގައި ކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން (އެމް.ޑީ.ޕީ) ދެކެމެވެ.

އެމް.ޑީ.ޕީއާއި އިދިކޮޅު ސިޔާސީ ފަރާތްތަކުން އަބަދުވެސް އެދެމުން މިއަންނަނީ މަޝްވަރާކުރުމަށް އިތުބާރު އޮތް މާޙައުލެއް ޤާއިމުކުރުމަށް ޖަލުގައި ބަންދުކޮށްފައިވާ ސިޔާސީ ލީޑަރުން މިނިވަން ކުރަން ޖެހޭނެ ކަމުގައެވެ. ހޯމަ ދުވަހުގެރޭ ވަގުތީގޮތަށް ގޭބަންދަށް ބަދަލުކުރެއްވި ދެ ބޭފުޅުންގެ އިތުރުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމް.ޑީ.ޕީގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުޙައްމަދު ނާޒިމާއި ކުރީގެ ނައިބުރައީސް އަޙްމަދު އަދީބުވެސް ދާއިމީކޮށް މިނިވަން ކުރުމަށް ގޮވާލަމެވެ.

ސަރުކާރުގެ ޢަމަލުތަކާމެދު ރައްޔިތުންގެ ނުރުހުން އިތުރުވެ، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ފިއްތުންތައް އިތުރުވާ ކޮންމެ ދަނޑިވަޅެއްގައި އެފަރާތްތަކަށް އޮޅުވާލުމަށް ސަރުކާރުން ކުރައްވާ ކަންކަން މާޒީގެ ތަޖުރިބާތަކަށް ބަލައި އެއީ ހެޔޮނިޔަތުގައި ކުރައްވާ ކަންކަން ކަމުގައި ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.

އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕުގެ ބައްދަލުވުމާ ދިމާކޮށް އެކި ފަރާތްތަކަށް އޮޅުވާލުމަށް ކުރައްވަމުން ގެންދަވާ ކަންކަން ހުއްޓަވާލެއްވުމަށް ސަރުކާރަށް ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކެޓޭރިއެޓް
ތާރީޚް: 5 އޭޕްރިލް 2016