ނޫސްވެރިކަމުގެ މިނިވަންކަމަށް ގޮވާލައި އިހްތިޖާޖްކުރި ނޫސްވެރިން މިހާރުން މިހާރަށް މިނިވަން ކުރުމަށް ގޮވާލުން

މީޑިޔާގެ މިނިވަންކަމަށާއި ރައްޔިތުންގެ މަޖިލިހަށް ސަރުކާރުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަތުމަށް ހުށަހަޅާފައިވާ ބިލް އަނބުރާ ގެންދިއުމަށް ގޮވާލާ ރާއްޖޭގައި މަސައްކަތް ކުރާ ގިނަ ނޫސްވެރިންތަކެއް މިއަދު ރައީސް އޮފީސް ކައިރީގައި ސުލްޙަވެރިކަމާއެކު އިހްތިޖާޖު ކުރުމުން ޙާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، އެތައް ނޫސްވެރިންނަށް އަނިޔާކޮށްެ، 16 އަށްވުރެ ގިނަ ނޫސްވެރިން ހައްޔަރުކުރުން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ ފަރާތުން އެންމެ ހަރު އަޑުން ކުށްވެރިކޮށް ހުރިހާ ނޫސްވެރިން މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލަމެވެ.

ރާއްޖޭގައި ހިންގަމުން އަންނަ އެންމެ ދުވަސްވީ ނޫސްތަކާއި ޓީވީ އަދި ރޭޑިއޯ ސްޓޭޝަންތަކުގެ އިސް ނޫސްވެރިން ޙާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް އަނިޔާވެރިކޮށް ހައްޔަރުކުރުމަކީ ފަހުގެ ތާރީޚެއްގައި ނޫސްވެރިކަމަށް ދެވުނު އެންމެ ބޮޑު ހަމަލާއެވެ. ޑިމޮކްރަސީގެ އެންމެ މުހިއްމު އެއް ތަނބު ކަމުގައިވާ ނޫސްވެރިކަމަށް މިއަދު ސަރުކާރުން ކުރިމަތިކުރުވާ ހުރަސްތަކަކީ ގަސްދުގައި ރާވައިގެން ސަރުކާރުން ހިންގަމުން އަންނަ ބޮޑު ޖަރީމާއެކެވެ. ސަރުކާރުގެ ފުރިހަމަ އަޣްލަބިއްޔަތު ލިބިފައިވާ ޤާނޫނު ހަދާ މަޖިލިހާއި ސިޔާސީ ނުފޫޒު ފޯރާފައިވާ ފަނޑިޔާރުން ބޭނުންކޮށްގެން ދައުލަތުން މިއަދު އަންނަނީ ނޫސްވެރިން ފިއްތާލައި އޮްބަހައްޓައިގެން ބިރުވެރިކަމެއްގެ ތެރެއަށް ފައްތާލަމުންނެވެ. މިއީ ސަރުކާރުގެ ޚުދުމުހުތާރުކަން ފޮރުވައި ރައްޔިތުންގެ އަޑު ކަނޑުވާލުމަށް ް ކުރަމުން އަންނަ ކަމެއް ކަމުގަައި ދެކެމެވެ.

ނޫސްވެރިންގެ ސުލްޙަވެރި އިހްތިޖާޖު އަނިޔާވެރިކޮށް ރޫޅާލައި އެތައް ނޫސްވެރިންތަކެއް ހައްޔަރުކުރުމުން ދިވެހި ސަރުކާރުން ކަންކަން ޙައްލުކުރުމަށް ބޭނުންވަނީ ގޮށްމުށުގެ ބާރު ބޭނުންކޮށްގެންކަން ހާމަވެއެވެ. ފާއިތުވީ އަހަރުތަކުގެ ތެރޭގައި ނޫސްވެރިކަމުގެ މިނިވަންކަން އެތައް ދަރަޖައަކުން ވަނީ ދަށަށްގޮސް މިއަދު ދިވެހިރާއްޖެއަކީ ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ދަށް އެއް ޤައުމެވެ. ރާއްޖޭގައި ހިންގަމުން އައި އެންމެ ދުވަސްވީ ނޫސް ހުއްޓާލުމަށް ނުފޫޒު ފޯރުވައިގެން އަމުރުނެރެ، އެތައް ނޫސްވެރިންތަކަކަށް އަނިޔާކޮށް ޖިނާޢީ ދައުވާ އުފުލައި، ރާއްޖެ ޓީވީ ރޯކޮށް، ފުރާނައަށް ނުރައްކާވާފަދަ ޙަމަލާތައް ނޫސްވެރިންނަށްދީ، ގެއްލުވާލުން ފަދަ ނުރައްކާތެރި އަދި ބިރުވެރި ކަންކަމުން ރާއްޖޭގައި މިއަދު ނޫސްވެރިކަމުގެ މިނިވަންކަން ނެތްކަން އެނގެއެވެ.

ނޫސްވެރިކަމަށާއި ޚިިޔާލުފާޅުކުރުމުގެ މިނިވަންކަމަށް މިއަދު ސަރުކާރުން އިންތިހާއަށް ހުރަސް އަޅަމުންގެންދާއިރު ނޫސްވެރިންގެ މިއަދު ދައްކުވައިދިން ނަމޫނާއިން ރައްޔިތުންގެ އަސަސީ ޙައްޤުތައް ނިގުޅައިގަތުމަށް ދިވެހިން ފުރުޞަތު ނުދޭނެކަން ހާމަވެއެވެ. މިއަދު ނޫސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރުކުރި ހުރިހާ ނޫސްވެރިން މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލަމެވެ. އަދި މިނިވަން ނޫސްވެރިކަން ކުރިއަރުވައި ބިރުވެރިކަމެއް ނެތި ނޫސްވެރިކަން ކުރެވޭނެ މާޙާއުލެއް ޤާއިމުކުރުމަށް ސަރުކާރަށް ގޮވާލަމެވެ.
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކެޓޭރިއެޓް
ތާރީޚް: 3 އޭޕްރިލް 2016