ހަވީރު ނޫސް ނެރުން ހުއްޓުވާލުމާމެދު ކަންބޮޑުވުން ފާޅުކުރުން

ދިވެހިރާއްޖޭގައި އެންމެ ދުވަސްވީ އަދި ޕްރިންޓްކޮށްގެން ނެރެމުންދާ ހަމައެކަނި ނޫސް ނެރުން ހުއްޓާލުމަށް އިއްޔެ ސިވިލް ކޯޓުން ވަގުތީ އަމުރު ނެރުއްވާފައިވާތީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމެވެ.
ހަވީރު ނޫސް ނެރުން ހުއްޓާލުމަށް އެންގުމަކީ މިނިވަން ނޫސްވެރިކަމަށް އެޅޭ ހުރަހެއް ކަމުގައި އެމް.ޑީ.ޕީން ދެކެމެވެ. ހަވީރު ނޫހަކީ ޚަބަރާއި މައުލޫމާތު ހޯދުމަށް އެތަށް ހާސް ރައްޔިތުންނެއް ބަރޯސާވާ ނޫހެއް ކަމުން ހަވީރު ނޫސް ނެރުން ހުއްޓާލުމުން އެކަމުގެ ގެއްލުން ރައްޔިތުންނަށް އެތަށް ގޮތަކުން ލިބޭނެއެވެ. އެހެން ކަމުން އެއީ އާންމު މަސްލަޙަތުވެސް ހިމެނޭ މައްސަލައެކެވެ.

ފާއިތުވީ އަހަރުތަކުގެ ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން އެތައް ދަރަޖައަކަށް މިވަނީ ދަށްވެގެންގޮސްފައެވެ. 2015 އަހަރު ޕްރެސް ފރީޑަމްގައި ދިވެހިރާއްޖޭ ވަނީ 180 ޤައުމުތަކުގެ ތެރެއިން 112 ވަނަ އަށް ވެއްޓިފައެވެ. ރައްޔިތުން އިންތިޚާބުކޮށްފައިވާ ސަރުކާރު ބަޣާވާތަކުން ވައްޓާލުމަށްފަހު މިއައި އަހަރުތަކުގެ ތެރޭގައި އެތައް ނޫސްވެރިންނެއް ހައްޔަރުކޮށް، އެމީހުންނަށް އަނިޔާކޮށް އަދި ޖަލަށްލައި އެތައް ނޫސްވެރިންގެ މައްޗަށް ނުޙައްޤުން ޖިނާޢީ ދައުވާވެސް ވަނީ އުފުލާފައެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ ހަޔާތުގައި ހިނގި އެންމެ ހިތާމަވެރި ޙާދިސާ ކަމުގައިވާ މިނިވަން ނިއުސްގެ ނޫސްވެރިޔާ އަޙްމަދު ރިލްވާން ގެއްލުވާލައި އެކަން އެއްވެސް މިންވަރަކަށް ތަޙްޤީޤް ނުކުރުމުން ސަރުކާރުން ނޫސްވެރިންގެ ރައްކާތެރިކަމާމެދު އެއްވެސް ޝައުޤުވެރިކަމެއް ނެތްކަން އެނގެއެވެ. މިއީ ޑިމޮކްރަޓިކް ވެރިކަމެއް އޮންނަ ޤައުމެއްގައި މިނިވަން މީޑިޔާއާ މެދު ކަންކޮށްގެން ވާނެ ގޮތެއް ނޫނެވެ. ސާރުކާރުން ބޭނުންވާ ހިނދެއްގައި ވަކި ބަޔަކަށް އިސްކަންދީގެން ސަރުކާރުން އެދޭ ގޮތަށް މީޑިޔާ މެދުވެރިކޮށް ޚަބަރު ގެނައުމަށް މަސައްކަތްކޮށް އެފަދަ ކަންކަން ކުރުމަށް އިންކާރު ކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމާއި، ނޫސްތަކާއި ޓީވީ ސްޓޭޝަންތައް ނައްތާލާނެ ކަމުގެ އިންޒާރު ދިނުމަކީ ރައީސް ޢަބްދުﷲ ޔާމީން ކުރައްވާ ފިނޑި ކަމެކެވެ. އަދި މިފަދަ ކަންކަމުނެ ރައީސް ޔާމީނުގެ ޚުދުމުހުތާރުކަން އިތުރަށް ހާމަވެއެވެ.

މީޑިޔާއަކީ ޑިމޮކްރަސީގެ އެންމެ މުހިއްމު އެއް ތަނބު ކަމުގައިވާއިރު މިނިވަން ނޫސްވެރިކަން ކުރުމުގެ މާޙައުލު މިއަދު ދިވެހިރާއްޖޭގައި ނެތްކަމީ ކަންބޮޑުވާ ކަމެކެވެ. އަދި މިކަމުން ދިވެހިރާއްޖެ މިއަދު ވެއްޓިފައިމިވާ އަނދަވަޅުގެ ފުންމިން ހާމަވެއެވެ. ސަރުކާރުގެ ޚުދުމުހުތާރުކަމާ، ސަރުކާރުން ޝާރުޢީ ދާއިރާއަށް ނުފޫޒު ފޯރުވާ މިންވަރުވެސް ހާމަވެއެވެ.
ހަވީރު ނޫސް ނެރުމަކީ ދިވެހިރައްޔިތުންގެ މަސްލަހަތު އެކަމުގައި މިއަދު ހިމެނޭ ކަމެއްކަމުގައިވުމުން ހަވީރު ނޫސް ނެރުމަކީ މިއަދު ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއްކަމުގައި އެމް.ޑީ.ޕިން ދެކެމެވެ. އަދި މިނިވަން ނޫސްވެރިކަމަށް ހުރަސް ނާޅުއްވައި ބިރުވެރިކަމެއް ނެތި މަސައްކަތް ކުރެވޭނެ މިނިވަން ނޫސްވެރިކަމުގެ މާހައުލެއް ޤާއިމުކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީނަށް ގޮވާލަމެވެ.
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކެޓޭރިއެޓް
ތާރީޚް: 1 އޭޕްރިލް 2016