އެއާރޕޯޓުގައި މުޒާހަރާ ކުރިކަމަށް ބުނެ އަންހެނުންގެ ރޫހުގެ ގިނަ އަންހެން ބޭކަނބަލުންތަކަކަށާއި ޤައުމީ މަޖިލިހުގެ މެމްބަރަކަށް އިއްވި ނާއިންސާފް ހުކުމާއިމެދު ކަންބޮޑުވުންފާޅުކޮށް އެކަން ކުށްވެރިކުރުން

އެއާރޕޯޓުގައި މުޒާހަރާ ކުރިކަމަށް ބުނެ އަންހެނުންގެ ރޫހުގެ ގިނަ އަންހެން ބޭކަނބަލުންތަކަކަށާއި ޤައުމީ މަޖިލިހުގެ މެމްބަރަކަށް އިއްވި ނާއިންސާފް ހުކުމާއިމެދު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ން ކަންބޮޑުވުންފާޅުކޮށް އެކަން އެންމެ ހަރުއަޑުން ކުއްވެރިކުރަމެވެ.

އެމް.ޑީ.ޕީގެ އަންހެނުންގެ ރޫހުގެ ރައީސާ އަދި މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރ ޝިފާ މުޙައްމަދު ހިމެނިވަޑައިގައްނަވާގޮތުން އަންހެނުންގެ ރޫހުގެ 14 އަންހެން ބޭކަނބަލަކާއި އަދި ޤައުމީ މަޖިލިސް މެމްބަރު، ވިލިމާލޭ ދާއިރާގެ ރައީސް އިބްރާޙިމް މަނިކްގެ މައްޗަށް ކްރިމިނަލް ކޯޓުން މިއަދު އިއްވާފައިވަނީ އެ ހުރިހާ ބޭފުޅުން 3 މަސްދުވަހަށް ޖަލަށްލުމުގެ ސަސްޕެންޑެޑް ހުކުމެކެވެ. އެއާރޕޯޓްގައި މުޒާހަރާކުރިކަމަށްބުނެ މިގޮތަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވިނަމަވެސް އެބޭފުޅުން އެއާރޕޯޓްގައި މުޒާހަރާއެއްކޮށްފައިނުވެއެވެ. އެއާއި ޙިލާފަށް ރައީސް ނަޝީދުގެ މައްޗަށް އޭރު ހިންގަމުންދިޔަ ނާއިންސާފު ޝަރީއަތާއިމެދު ކަންބޮޑުވެ ހިމޭން ސުލްހަވެރި އިހްތިޖާޖެއް ކުރުމަކީ އެފަދަ ނާއިންސާފް ޖަލު ހުކުމެއް އިއްވިގެންވާނޭކަމެއްނޫނެވެ. ހަމައެހެންމެ ހިމޭން ސުލަހަވެރި އިހްތިޖާޖެއް ކުރުމުން އެފަދަ ނާއިންސާފް ހުކުމެއް އިއްވުމަކީ މި ސަރުކާރުގެ އަނިޔާވެރިކަން އިންތިހާއަށް ގޮސްފައިވާކަން އިތުރަށް ހާމަވެގެންދާކަމެކެވެ. ޙާއްސަކޮށް ގިނަ އަދަދެއްގެ އަންހެން ބޭކަނބަލުންތަކަކަށް މިފަދަ ހުކުމެއް އިއްވުމަކީ މިސަރުކާރު ވެއްޓިފައިވާ ދަށުދަރަޖަ ޔަޤީންވާކަމެކެވެ. އެފަދަ ޖަލު ހުމުކުމެއް މިބޭފުޅުންގެ މައްޗަށް އިއްވާފައިވާއިރު މި ރާއްޖޭގައި ހިނގަމުންދާ ބޮޑެތި ޖަރީމާތަކާއި ވައްކަންތަކުގެ މައްސަލަތަކުގެ ފުރިހަމަ ތަހުޤީޤުތަށް ހިންގައި ހުކުމް ކުރަމުން ނުދާކަން ފާހަގަކުރަމެވެ. އަދި މިއީ އެމް.ޑީޕީގެ އިސްސަފުގައި ހަރަކާތްތެރިވާ އެފަދަ ބޭފުޅުންނަށް ބިރުދެއްކުމުގެ ގޮތުން ސަރުކާރުން ހިންގި އަމަލެކެވެ.

ނާއިސާފުގެ ކުރިމަތީގައި އެއަންހެންބޭކަނބަލުންނާއި ޤައުމީ މަޖިލިހުގެ މެމްބަރު ދެއްކެވި ސާބިތުކަމާއި ހިއްވަރުފުޅަށް މި ޕާޓީން އައްސެރިބަހާއި ސާބަސްދަންނަވަމެވެ. އަދި ނާއިންސާފާއި އަނިޔާވެރިކަމާއި ދެކޮޅަށް އެމް.ޑީ.ޕީން ކުރަމުންމިދާ މަސައްކަތް ހުއްޓުމެއްނެތި ކުރަމުން ގެންދާނެކަމުގެ ޔަޤީންކަން ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އަރުވަމެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީގެ ސެކްރެޓޭރިއަޓް
ތާރީޙް: 31 މާރިޗް 2016