ލާހޯރުގައި ދިން ޓެރަރިސްޓް ޙަމަލާތަކުގައި އެތައް ބަޔަކު މަރުވެ އަދި އެތައް ބަޔަކު ޒަޙަމްވި ހިތާމާގައި އެމް.ޑީ.ޕީ އިން ބައިވެރިވެ، އެ ޓެރަރިސްޓް ޙަމަލާތައް ކުށްވެރިކުރުން

ޕާކިސްތާނުގެ، ޕަންޖާބްގެ ވެރިރަށް ލާހޯރުގައ ދިން ޓެރަރިސްޓް ޙަމަލާތަކުގައި އެތައް ބަޔަކު މަރުވެ އަދި އެތައް ބަޔަކަށް އަނިޔާލިބި ޒަޙަމްވެފައިވާތީ އެކަމުގެ ހިތާމާގައި ބައިވެރިވެ، އަދި މަރުވި މީހުންނާއި ޒަޙަމްވި މީހުންގެ އާއިލާތަކަށާއި، ޕާކިސްތާނުގެ ރައްޔިތުންނަށާއި ސަރުކާރަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން ތަޢުޒިޔާއާއި ހިތާމައިގެ މެސެޖް ފޮނުވަމެވެ. އަދި އެ ޓެރަރިސްޓް ޙަމަލާތައް އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

ޕާކިސްތާނުކުގެ ލާހޯރުގެ ގުލްޝަން އިގްބާލް ޕާރކް ސަރަހައްދުގައި އާދިއްތަ ދުވަހު ގިނަ އަދަދެއްގެ ކުޑަކުދިންނާއިއެކު އާއިލާތަށް ޕާރކަށް ގޮސްއުޅެނިކޮށް ދިން ޓެރަރިސްޓް ޙަމަލާތަކުގެ ސަބަބުން ގިނަ ކުޑަކުދިންނާއި އާންމު އެތަކެއް ރައްޔިތުންތަކެއް މަރުވެ، އަދި އޭގެ އިތުރުން އެތައް ބަޔަކު ޒަޙަމްވެފައިވެއެވެ. ޢާންމު ރައްޔިތުންނަށާއި ކުޑަކުދިންނަށް އަމާޒުކޮށްގެން ދިން މި ޓެރަރިސްޓް ޙަމަލާތަކުން ވެސް އެނގެނީ ޓެރަރިޒަމްގެ ނުރައްކާ ދުނިޔޭގެ ހުރިހާ ޤައުމުތަކަށް ކުރިމަތިވެފައިވާކަމެވެ. އަދި ޓެރަރިޒާމާ ދެކޮޅަށް މުޅި ދުނިޔޭގެ ހުރިހާ ޤައުމުތަކުންނާއި ޖަމާޢަތްތަކުން އެކުގައި މަސައްކަތްކޮށްގެން މެނުވީ ޓެރަރިޒަމުގެ ނުރައްކަލުން ޤައުމުތަކާއި ރައްޔިތުން ރައްކާތެރިކުރެވެން ނެތްކަމެވެ.

އެހެންކަމުން ޤައުމުތަކުގައި ޓެރަރިޒަމާ ގުޅޭ ޤާނޫނުތައް ހެދުމުގައާއި އަދި އެ ޤާނޫނުތައް ހިންގުމުގައާއި ސިޔާސަތުތައް ކަނޑައެޅުމުގައި ސީރިއެސް ކަމާއިއެކު، އަދި މާނަހުރިގޮތުގައި އެކަންކަންކުރުން މުހިއްމުވެގެންވެއެވެ. މިގޮތުން މި ދިވެހިރާއްޖޭގައި ޓެރަރިޒަމަކީ ކުރިން ނެތް ނުރައްކަލެއްކަމަށް ވިޔަސް ފަހުގެ ތާރީޚުގައި ޓެރަރިޒަމާ ގުޅޭ ޢަމަލުތައް ދިވެހިންނާ ގުޅިގެން ބައިނަލްއަޤުވާމީ ފެންވަރުގައި ވަރަށް ބާރަށް ކުރިއަށް ގެންދާކަމުގެ ސައްޙަ މަޢުލޫމާތުތައް ލިބެމުންދިއުމާއި، މިގޮތުން ޓެރަރިޒަމަށް ފައިސާ ޖަމާކުރުމާއި ޓެރަރިސްޓުން ރެކްރޫޓުކުރުމުގެ ޢަމަލުތައް ހިންގާކަމުގެ ސައްޙަމަޢުލޫމާތުތައް ބައިނަލްއަޤުވާމީ ފަރާތްތަކުން ހާމަކުރަމުންދާއިރު ދިވެހި ސަރުކާރުން އެކަން ސިއްރުކޮށް އަދި ދޮގުކުރަމުންދާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. ހަމައެފަދައިން ދުނިޔޭގެ ޓެރަރިސްޓް ޖަމާޢަތްތައް ކަނޑައަޅައި ލިސްޓުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމުވާގޮތަށް ޤާނޫނު ފާސްކުރުމަށްފަހު އެކަން އަލުން ބަދަލުކޮށް ޓެރަރިސްޓް ޖަމާޢަތްތައް ލިސްޓްކޮށް ހާމަނުކުރާގޮތަށް ކަނޑައެޅުމަކީ ސަރުކާރުން ފަހަތަށް އެޅި ފިޔަވަޅެއްކަމާއި އަދި ސަރުކާރުގެ އިޚްލާޞްތެރިކަމެއް ނެތްކަން ހާމަވާކަމެކެވެ. އަދި ޓެރަރިޒަމާ ބެހޭ ޤާނޫނު ފާސްކުރުމަށްފަހު ސަރުކާރުން އެޤާނޫނުގެ ބޭނުން ހިފާފައިވަނީ ހަމައެކަނި ސިޔާސީ މީހުން ޖަލަށްލުމަށާއި، ނަމަވެސް ޓެރަރިސްޓް ޖަމާޢަތްތަކުގައި ބައިވެރިވެ ރާއްޖެއިން ބޭރަށް ފުރާ އެއްވެސް ފަރާތަކާމެދުގައާއި ނުވަތަ ބޭރުގެ އެކިއެކި ހަނގުރާމަވެރި ޖަމާޢަތްތަކާ ބައިވެރިވެގެން ހަނގުރާމައަށް ފުރާ އެއްވެސް ފަރާތަކާމެދު އެ ޤާނޫނުގެ ދަށުން އެއްވެސް ފިޔަވަޅެއް މިހާތަނަށް އަޅާފައިނުވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. ހަމަ އެފަދައިން ކަޅުފައިސާ ދޮވުމުގެ ބައިނަލްއަޤުވާމީ ބޮޑެތި ޖަރީމާތައް ދައުލަތުގެ އިސް ވެރިން ބައިވެރިވެގެން ހިންގަމުންދާކަމުގެ މަޢުލޫމާތު ވެސް ހާމަވެފައިވާއިރު، އެފަދަ ޖަރީމާތަކާއި ޓެރަރިޒަމާ ގުޅުންވާކަމަށް ބެލުމުގެ ފުރުސަތުއޮތްކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.
ވީމާ ޓެރަރިޒަމް ހުއްޓުވުމަށް ދުނިޔޭގެ ޤައުމުތަކުންނާއި ޖަމާޢަތްތަކުން ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމުގައި އިޚްލާޞްތެރިކަން ބެހެއްޓުމަށް އެމް.ޑީ.ޕީ އިން ދިވެހި ސަރުކާރަށް ގޮވާލަމެވެ.
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް
ތާރީޚް: 28 މާރޗް 2016