ފުލުހުން ހިމެނޭ ގޮތަށް މާލޭގައި ރޭގައި ހިންގި އަނިޔާކުރުންތަކާއި ހަމަނުޖެހުންތައް ތަހްޤީޤްކުރުމަށް ގޮވާލުން

ރޭގެ ވަގުތެއްގައި އެސް.އޯ ފުލުހުންގެ ބަޔަކު ނުކުމެ މާލޭގެ ދެ ގްރޫޕަކަށް ނިސްބަތްވާ ބަޔަކަށް ހަމަލާދީ، ގޯތިގެދޮރަށްވަދެ މުދަލަށް ގެއްލުންދީ ހިންގާފައިވާކަމަށް ބެލެވޭ ބޮޑު ޖަރީމާގެ މައްސަލައިގެ ފުރިހަމަ ތަހްޤީޤެއް ހިންގެވުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ން ގޮވާލަމެވެ.

އެސް.އޯ ފުލުހުންންގެ ބަޔަކު ރައްޔިތުންގެ ނަފްސާއި މުދަލަށް ލާއިންސާނީ ގެއްލުންދިން ކަންމުގެ ހެކިތަށް ވަނީ މަންޒަރުތަކާއި ހެކިތަކާއިއެކު ހާމަވެފައެވެ. އަދި މި ހާދިސާގެ ތެރެއިން 13 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މިމައްސަލައާއި ގުޅިގެން ފުލުހުންނަށް އެހީތެރިވުމަށް ކަމަށް ބުނެ ސިފައިން މަގުމައްޗަށް ނެރެފައިވާކަން ފާހަގަކުރެވިފައެވެއެވެ. އެހެންކަމުން ރޭގައި ވަރަށް ސީރިއަސް ހާދިސާއެއް ހިނގާފައިވާކަމަށް ގަބޫލުކުރެވެއެވެ. އެހެން ނަމަވެސް މިކަމުގެ ފުރިހަމަ މައުލޫމާތުތަށް ފުލުހުންގެ ފަރާތުން ރައްޔިތުންނަށް ހިއްސާކުރަމުން ނުދާކަން ކަންބޮޑުވުމާއިއެކު ފާހަގަކުރަމެވެ.

ވީމާ މާލޭގެ ބަެއެއް ގްރޫޕްތަކަށް ނިސްބަތްވާ ފަރާތްތަކަށް ލާއިންސާނީ އަނިޔާކޮށް، ގޯތިގެދޮރަށް ވަދެ މުދަލަށްގެއްލުންދީ ހަލާކުކޮށްފައިވާކަމުގެ ހެކިދޭ މަންޒަރުތަކާއި ވާހަކަތަށް ހާމެވެފައިވާތީ މި މައްސަލައިގެ ފުރިހަމަ ތަހްޤީޤެއް ދައުލަތުގެ ކަމާއި ބެހޭ ފަރާތްތަކުން ވަގުތުން ހިންގެވުމަށް މި ޕާޓީން ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއަޓް
ތާރީހް: 19 މާރިޗް 2016