މަޝްވަރާތައް ވީހާވެސް އަވަހަކަށް ފެށުމަށްޓަކައި އިތުބާރު އޮތް މާހައުލެއް ޤާއިމުކުރުމަށް ގޮވާލާ ރައީސުލްޖުމްހޫރިއްޔާއަށް ސިޓީއެއް ފޮނުވައިފި

އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާކުރުމަށް ކަމަށް ވިދާޅުވެ ސަރުކާރުން ދައްވަކާ ވާހަކަތަކާ ގުޅިގެން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)އިން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިނަށް މިއަދު ސިޓީއެއްފޮނުވައިފިއެވެ.

މި ސިޓީގައި ދިވެހިރާއްޖޭގެ ޙާލަތު މިއަދު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކޮށް ރާއްޖޭގެ ރައްޔިތުންގެ ތަރައްޤީއާ މަންފާއަށް މިވަގުތު އެންމެ މުހިއްމީ ރާއްޖޭގެ ހުރިހާ ސިޔާސީ ފަރާތްތަކުގެ މެދުގައި މަޝްވަރާކުރުން ކަމުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން ދެކޭހިނދު އެ މަޝްވަރަތައް ވީހާވެސް އަވަހަށް ފެށުމަށްޓަކައި އިތުބާރުއޮތް މާހައުލެއް ޤާއިމުކުރުމަށް ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ރައީސލްޖުމްހޫރިއްޔާއަށް ގޮވާލައިފައިވެއެވެ.

އެމް.ޑީ.ޕީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް މިއަދު ފޮނުވި ސިޓީގައި ދަންނަވާފައިވަނީ މީގެ ކުރިންވެސް މަޝްވަރާތައް ނާކާމިޔާބުވެފައިވަނީ ސަރުކާރުގެ އަމަލުތަކުގެ ސަބަބުންކަމަށާއި، މަޝްވަރާގެ ވާހަކަތައް ދެއްކުމަށް އިތުބާރު އޮތް މާހައުލެއް ސަރުކާރުން ޤާއިމުކުރައްވާން ޖެހިވަޑައިގައްނަވާކަމުގައެވެ.