ހުކުރު ދުވަހުގެ ހަވީރު ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައި، މެމްބަރު އަޙްމަދު މަޙުލޫފަށް ހަމަލާދީ، އޭނާ ހައްޔަރުކޮށް އަދި މީހުންގެ ލޮލަށް ޕެޕަރ ސްޕްރޭ ޖެހިޖެހުން ކުށްވެރިކުރުން

ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުގެ ސަރުކާރުން ރައްޔިތުންގެ ފައިސާއިން ކޮށްފައިވާ އެތަކެއް ބިލިޔަން ރުފިޔާގެ ބޮޑު ވައްކަމާ ދެކޮޅަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ފަރާތުން އިންތިޒާމުކޮށްގެން “ވަގު ޔަޤީން” ގެ ނަމުގައި ހުކުރު ދުވަހުގެ ހަވީރު ބޭއްވި ސުލްޙަވެރި އިޙްތިޖާޖް ކުރިޔަށް ގެންދިއުމަށް ފުލުހުން މެދުވެރިކޮށް ސަރުކާރުން ޤާނޫނު އަސާސީއާ ކަނޑައެޅިގެން ޚިލާފަށް ހުރަސްއަޅައި، އިޙްތިޖާޖުކުރި މީހުންގެ ލޮލަށާއި ރާއްޖެޓީވީ ގެ ނޫސްވެރިއާ މުޙައްމަދު ވިސާމުގެ ލޮލަށް ޕެޕަރ ސްޕްރޭ ޖަހައި، ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޢަހްމަދު މަޙުލޫފަށް ފުލުހުން ހަމަލާދީ އަދި ޤާނޫނު އަސާސީއާ ޚިލާފަށް އޭނާ ޙައްޔަރުކޮށްފައިވާތީ، އެކަން މި ޕާރޓީން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

ޤާނޫނު އަސާސީން ލިބިދޭ މުޒާހަރާ ކުރުމާއި އެއްވެއުޅުމުގެ ޙައްޤަށް ރައީސް ޢަބްދުﷲ ޔާމިނުގެ ސަރުކާރުން ފާޅުގައި އަރައިގަނެ، އަދި މިހާރު އެ ފުރުސަތު އެއްކޮށް ބަންދުކުރަމުންދާދިއުމުގެ ތެރެއިން އިއްޔެގެ އެއްވުން ފެށުމާއެކު މާކުރިން ފުލުހުން ކޯޓު އަމުރެއް ހޯދައިގެން އެ އެއްވުން ބޭއްވުމަށް ހަމަޖެހިފައިވާ މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ސަރަޙައްދުގައި ހުންނަ މއ.މާދެލި ގެއަށް ވަދެ އެގޭގައި ހުރި ސައުންޑް ސިސްޓަމަކާއި ސްޕީކަރުތަކެއް ގެންގޮސްފައިވެއެވެ. މިއީ، އެގޭގައި ހުރި އެ ސާމާނު ބޭނުންކޮށްގެން އެ އެއްވުމުގައި ވާހަކަދައްކާ ފަރާތްތަކުން އެ އެއްވުމުގެ ބައިވެރިންނާ މުޚާތަބުކޮށް ވާހަކަ ދައްކާފާނެކަމަށް ބަލައިގެން ފުލުހުންނާއި ކްރިމިނަލް ކޯޓުން ދުރާލައި ރާވައިގެން އެ އެއްވުމަށް ހުރަސްއެޅުމުގެ ގޮތުން ޤާނޫނު އަސާސީއާ ޚިލާފަށް ހިންގާފައިވާ ޢަމަލެކެވެ. ޖިނާޢީ ކުށެއް ކުރުމުގައި ބޭނުން ކުރާ ހަތިޔާރަކަށް ނުވާ ސައުންޑް ސިސަޓަމެއް ގެއެއްގެ ތެރެއިން ނަގައިގެން ގެންދިއުމަށް ކްރިމިނަލް ކޯޓުގެ އަމުރެއް ހޯދުމަށް އެދުމާއި އަދި އެ ފަދަ އަމުރެއް އެ ކޯޓުން ދިނުމަކީ މިރާއްޖޭގެ ޖިނާޢީ ޢަދުލުގެ ނިޒާމު ގެނބިގެން ގޮސްފައިވާ ދަށުދަރަޖަ ރަނގަޅަށް ހާމަވެގެންދާ ކަމެކެވެ.

ރައްޔިތުންގެ ފައިސާއިން ސަރުކާރުން ކޮށްފައިވާ ސިއްސައިގެންދާވަރުގެ ބޮޑެތި ވައްކަމާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން ބޭއްވި އެ އެއްވުން ފެށުމާއެކު އެތަނަށް ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ފޮނުވައި އެއްވުމުގެ ބައިވެރިން ކޮށްޕައި ބައިބައިކޮށް، އެއްބަޔަކު ޗާންދަނީ މަގު ޖަލާލުއްދީނު މިސްކިތް ހުންނަ ފަޅިއަށް ވައްދާފައިވެއެވެ. އަދި 6 ޖެހުމުން އެ އެއްވުން ނިންމާލުމާއެކު އެއްވުމުގެ ބައިވެރިން އެނބުރި ގެއަށްދިއުމަށް އުޅުމުން މަޖީދީ މަގާއި ޗާންދަނީ މަގާ ގުޅޭ ސަރަޙައްދުގައި ތިބި ފުލުހުން ޗާންދަނީ މަގުގެ ޖަލާލުއްދީނު މިސްކިތް ހުންނަ ފަޅިން ގެއަށް ދިއުމަށް ފޮނުވާލުމުން އެގޮތުގެ މަތިން އެނބުރި ދަނިކޮށް ޗާންދަނީ މަގުގެ އެފަޅީގައި ތިބި ފުލުހުން، ގެއަށް ދިއަ މީހުން އެގޮތަށް ވެސް ދިއަނުދީ ހިފަހައްޓައި ކަރުނަ ގޭސްޖަހައި ހަމަނުޖެހުން ހިންގާފައިވެއެވެ.

މިގޮތުން އެ މަންޒަރު ކަވަރުކުރަމުންދިއަ ރާއްޖެޓީވީގެ ނޫސްވެރިޔާ މުޙައްމަދު ވިސާމުގެ ލޮލަށާއި އެނޫން ވެސް އެތަކެއް ބައެއްގެ ލޮލަށް ގިނަ އަދަދެއްގެ ކަރުނަ ގޭސް ޖެހުމުގެ ސަބަބުން ބައެއް ފަރާތްތައް ހޮސްޕިޓަލަށް ފަރުވާދިނުމަށް ގެންދަންޖެހިފައިވެއެވެ.

އަދި ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޢަހްމަދު މަޙުލޫފަށް ފުލުހުން ހަމަލާދީ އަދި ޤާނޫނު އަސާސީއާ ޚިލާފަށް އޭނާ ޙައްޔަރުކޮށްފައިވެއެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ ޖަލާލުއްދީން މިސްކިތުގައި އިންނަވަނިކޮށް ފުލުހުން އެ މިސްކިތުގެ ޙުރުމަތްކަނޑައި ބޫޓުތަކާއެކު މިސްކިތުގެ ނަމާދުކުރާ ތަނުގެތެރެއަށް ވަދެގަނެއެވެ.

ހުކުރު ދުވަހުގެ އެއްވުމަށް ފުލުހުން ހުރަސްއަޅައި އެ ޙައްޤު ނިގުޅައިގަތުމުގެ އިތުރުން، އެ އެއްވުން ނިންމާލުމާއެކު އެއްވުމުގެ ބައިވެރިން އެނބުރި ގެއަށް ދިއުމަށް ފުލުހުން ފޮނުވާލި މަގުން ގެއަށް ދަނިކޮށް އަނެއްކޮޅުން އެހެން ފުލުހުންތަކެއް އެމީހުން ހުއްޓުވައި ހިނގާ ބިނގާވެ އުޅުމުގެ ޙައްޤަށް ވެސް އަރައިގަނެފައިވެއެވެ. އަދި ފުލުހުން އެކަން އެގޮތަށްކޮށް ހަމަނުޖެހުން އުފައްދައި ޕެޕަރ ސްޕްރޭ ޖަހައިހަދާފައިވެއެވެ. މިއީ ޤާނޫނު އަސާސީއާ ކަނޑައެޅިގެން ޚިލާފަށް ފުލުހުން ހިންގާފައިވާ ޢަމަލެކެވެ. އަދި ފުލުހުންގެ މުވައްސަސާއިން ކޮށްފައިވާ ޓްވީޓުން ވެސް އިޢުތިރާފުލިބޭކަމެކެވެ. ފުލުހުން ކޮށްފައިވާ އެ ޓްވީޓުގައި ބުނެފައިވަނީ “މިއަދުގެ އެއްވުން ނިންމާލުމަށްފަހު” ހިނގި ހަމަނުޖެހުމެއްގެ ވާހަހަކައެވެ. އެހެންކަމުން އެ ހަމަނުޖެހުން ހިންގާފައިވަނީ އެ އެއްވުން ނިންމާލާފައިވެސް ވަނިކޮށް، ފުލުހުން އެ އެއްވުމުގެ ބައިވެރިން އެނބުރި ގެއަށް ދިއުމަށް ފޮނުވާލި މަގުން އެނބުރި ގެއަށް ދަނިކޮށް އަނެއްކޮޅުން އެހެން ފުލުހުންތަކެއް އެމީހުން ހުއްޓުވައި ހިނގާ ބިނގާވެ އުޅުމުގެ ޙައްޤަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގައިގެންކަން ވީޑިއޯ ފުޓޭޖްތަކުން ސާބިތު ހެކި ލިބެއެވެ. އެހެންކަމުން ފުލުހުން ހިންގި އެ ހަމަނުޖެހުމުގެ ފުރިހަމަ ޒިންމާ ފުލުހުން ނަގަންޖެހެއެވެ. އަދި އެކަމާ ގުޅުވައި ހައްޔަރުކޮށްފައިވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު މަޙުލޫފް ވަގުތުން މިނިވަންކުރުމަށް މި ޕާރޓީން ގޮވާލަމެވެ. ހަމައެއާއެކު މި ހަމަނުޖެހުން އުފައްދައި، އެއްވެއުޅުމުގެ މިނިވަންކަމުގެ އިތުރުން ހިނގާ ބިނގާވެ އުޅުމުގެ މިނިވަންކަމަށް ޤާނޫނު އަސާސީއާ ޚިލާފަށް އަރައިގަތް ފުލުހުންގެ މައްސަލަ ވަގުތުން ބަލައި ފިޔަވަޅު އެޅުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް މި ޕާރޓީން ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް
ތާރީޚު: 12 މާރޗް 2016