ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ހުރިހާ ރައްޔިތުންނަށް މަރުޙަބާ ދަންނަވަން

2016 ވަނަ އަހަރުގެ ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަހުގެތަޙުނިޔާ އާއި ހެޔޮއެދުންތައް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ފަރާތުން ދިވެހި އަންހެންކަބަލުންނަށް އަރިސްކުރަމެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއްވެސް ވަރުބަލިކަމެއް ނެތި ހީވާގިކަމާއެކު ރައްޔިތުންނަށް ޤަދަރުވެރި، ތާހިރު ދިރިއުޅުމެއް ހޯދައިދިނުމަށް މަސައްކަތްޕުޅު ކުރައްވާ އެންމެހާ ދިވެހި އަންހެން ކަބަލުންނަށް ޝުކުރާއި މުބާރިކުބާދީ އަރިސްކުރަމެވެ. އަދި އުފެއްދުންތެރި ޒިންމާދާރު އާޖީލެއް ބިނާކުރުމަށްޓަކާ ބުރަ މަސައްކަތްޕުޅު ކުރައްވާ އެންމެހާ ދިވެހި ކަބަލުންނަށް އައްސަރިބަހާ ސާބަސް ރައްދުކުރަމެވެ.

އެމް.ޑީ.ޕީ އުފެދުނީއްސުރެން މިއަދާ ހިސާބަށް މި ޕާޓީން ހިންގި އަދި ހިންގަމުންދާ ހުރިހާ ހަރަކާތްތަކެއްގާ އަންހެން ކަބަލުން ފިސާރި ކެރިގެން އަތުުކުރި އޮޅާލާ ނުކުމެ ތިބޭކަމީ އެކަބަލުންގެ ހިއްވަރާއި ސާބިތުކަން ދައްކުވައިދޭ ސާފު މިސާލެކެވެ. ޕާޓީގެ ސިޔާސަތުތައް ނިންމުމުގާ އަދި މަގު މަތީ ހަރަކާތް ތަކާއި ކެންޕެއިން މަސައްކަތާއި، ގައުމީމަޖުލީހާއި އަދި އެހެނިހެންވެސް ޕާޓީގެ މުހިންމު ހުރިހާ ހަރަކާތްތަކުގާ ކަބަލުންގެ ހިއްސާ ނުހަނު ބޮޑުކަން އުފަލާއެކު ފާހަގަ ކުރަމެވެ. މުޅި ރާއްެޖެއަށް ބަލައިލިނަމަވެސް ދިވެހިރާއްޖޭގެ ހުރިހާ ކަމެއްވެސް ކުރިއަރާގޮސްފައިވަނީ ދިވެހި އަންހެނުން ރައްޔިތުންގެ ތަރައްޤީއަށް ދެމުންގެންދާ ސަމާލުކަމުންކަން ފާހަގަ ކުރަމެވެ. އެހެންކަމުން ޤައުމުގެ ސިޔާސަތުތައް ކަނޑައަޅާއިރު ގައުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ އަންހެނުން ބައިވެރިކުރާ މިންވަރަށްވުރެ ބޮޑުކުރުމަށް މުޅި ޤައުމު ތެދުވުމަށް ގޮވާލަމެވެ.

މިއަދު ދިވެހިރާއްޖެއަށް ކުރިމަތިވެފައިމިވާ ބޮޑެތި މައްސަލަތަކުން އެންމެ ބޮޑު އަސަރަެއް ކުރަނީ ދިވެހި އަންހެނުންނަށެވެ. ސަރުކާރުގެ ސިޔާސަތުތަކުގެ ދޯދިޔާކަމާއި ކޮރަޕްޝަނާއި ފަސާދައިން މުޅި ދައުލަތް ފުލުން ގޮސްފައިވުމުން އެކަމުގެ ގެއްލުން އެންމެ ބޮޑަށް ތަޙައްމަލު ކުރެވެނީ އަންހެނުންނަށެވެ. ވަކީން ޚާއްސަކޮށް އެމްޑީޕީ ސަރުކާރުން 2009 ވަނަ އަހަރު އަންހެނުން ބާރުވެރި ކުރުމަށް ކަޑައަޅާފައިވާ އިޖުތިމާޢީ ރައްކާތެރިކަމުގެ ސިޔާސަތުތަށް މަޑުޖެހި އެކަމުގެ ތެރެއަށް ސިޔާސީ ފިކުރުވަދެ ހަމަހަމަ ގޮތުގައި މިޚިދުމަތްތައް ނުދެވޭކަން ކަންބޮޑުވުމާއެކު ފާހަގަ ކުރަމެވެ. އަދި މިފަދަ ނާތަހުޒީބީ ކަންކަމުން ދުރުވުމަށް ސަރުކާރުގެ ހުރިހާ ފަރާތްތަކަށް ގޮވާލަމެވެ. ދައުލަތުން ރައްޔިތުންނަށް ހަމަހަމަ ގޮތުގައި ފޯރުކޮށްދޭންޖެހޭ އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށް އުފެއްދިފައިވާ ނިޒާމު ގަޑުބަޑުކޮށް އެކަނިވެރި މައިންނަށް ދެމުން އައި ފައިސާގެ އެހީތެރިކަން ރައީސުލްުޖުމްހޫރިއްޔާ ދެއްވާ އެއްޗެއްގެ ގޮތުގައި ހެދުމަކީ އިންސާނިއްޔަތުކަމެއް ނެތް ކަންބޮޑުވާ ކަމެކެވެ. އަދި އަންހުނުންނާއި ޢާއިލާގެ ނިކަމެތިކަމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ރައްިތުން އަޅުވެތިކުރުމަށް ކުރާ ކަމެއްގެ ދަށު ދަރަޖައިގެ ޢަމަލެކެވެ. މިފަދަ ކަންކަން މިހާރުން މިހާރަށް ހުއްޓާލުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ގޮވާލަމެވެ. އަދި ޙަރާްން ގޮތުގައި ހޯދާފައިވާ ފައިސާއިން ދުރުވުމަށް ރައްޔިތުންނަށް އިލްތިމާސް ކުރަމެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް
ތާރީޚް: 8 މާޗް 2016