ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ކުރުމަށް އިތުބާރު އޮތް މާޙައުލެއް ޤާއިމުކުރުމަށް ސިޔާސީ ހައްޔަރީން މިނިވަން ކުރުމަށް ގޮވާލަން

ސަރުކާރާއެކު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން ވަކިން މަޝްވަރާގެ މޭޒުދޮށަށް ދިއުމަށް ދައުވަތު ފޮނުވާފައިވީނަމަވެސް، ސިޔާސީ ޕާރޓީތަކަށް އަރުވާފައިވާ ދަޢުވަތަށް އެމް.ޑީ.ޕީ އާއި އަދި އަދާލަތު ޕާޓީގެ ފަރާތުން މީގެ ކުރިން ނިންމާފައިވާ ނިންމުމަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަން ތަކުރާރުކުރަމެވެ. އަދި އެމް.ޑީ.ޕީ އާއި އަދާލަތު ޕާރޓީ އިން ސަރުކާރާއެކު މަޝްވަރާއަށް ދާނޭ ގޮތް މީގެކުރިން ވެސް މި ދެޕާރޓީން ސަރުކާރަށް ވާނީ އަންގައިފައެވެ.

ރައީސް މުޙައްމަދު ނަޝީދަށް ލުޔެއް ހޯދިދާނެ ގޮތްތަކާމެދު މަޝްވަރާކުރެއްވުމަށްކަމަށް ވިދާޅުވެ ސަރުކާރުން އެމް.ޑީ.ޕީއަށް ވަކިން ދެއްވާފައިވާ ދަޢުވަތަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް އޮޅުވާލެއްވުމަށް ސަރުކާރުން ރާއްވަވާފައިވާ ހީލަތްތެރި ރޭވުމެކެވެ.

ދިވެހިރާއްޖެ މިއަދު ވައްޓާލާފައިވާ މި އަނދަވަޅުން ސަލާމަތްވުމަށާއި ދިވެހިރައްޔިތުން އެދޭފަދަ ޤައުމެއް ބިނާ ކުރުމަށް ދައުލަތުގެ އެންމެހައި ފަރާތްތައް އިޚްލާސްތެރިކަމާއެކު މަޝްވަރާ ކުރަން ޖެހޭ ކަމުގައި އެމް.ޑީ.ޕީން ޤަބޫލުކުރަމެވެ. ބޭއިންސާފު ދަޢުވާތަކާއި ޝަރީޢަތްކޮށް ޖަލަށް ޙުކުމްކޮށްފައިވާ ސިޔާސީ ލީޑަރުންނަށް ލުޔެއް ހޯދައިދިނުމަށް މަޝްވަރާ ކުރުމުގެ ބަދަލުގައި ލީޑަރުން މިނިވަންކުރަން ޖެހެއެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް
ތާރީޚް: 8 މާޗް 2016