ސަރުކާރުގެ ވެރިންގެ ވައްކަމާއި ޚިޔާނާތް ފޮރުވުމަށް އައްޑޫ ސިޓީގެ މޭޔަރަށް ސަރުކާރުން ފުރައްސާރަ ކުރުން ހުއްޓާލުމަށް ގޮވާލުން

އައްޑޫ ސިޓީ މޭޔަރު ޢަބްދުﷲ ޞާދިޤްގެ މައްޗަށް ކޮރަޕްޝަންގެ ތުޙުމަތު ކުރެވޭކަމަށް ބުނެ ދައުލަތުން އެމަނިކުފާނުގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވުމަކީ ކަނޑައެޅިގެން އައްޑޫ ސިޓީ މޭޔަރަށް ބިރު ދައްކައި މި ސަރުކާރުން ކުރައްވާ ފުރައްސާރައެއް ކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން (އެމް.ޑީ.ޕީ) ދެކެމެވެ.

ސާރކް ސަމިޓު ބޭއްވުމަށް ސަރުކާރުން ޢިމާރާތްކުރި އައްޑޫ ކޮންވެންޝަން ސެންޓަރުގެ އިންޓީރިއާ ޑިޒައިން ކުރުމަށް އެންމެ ހެޔޮ އަގުގައި ހޯދުނު އާރޓްވަރކްތަކެއް ބޭނުންނުކޮށް ބަހައްޓާފައިވާކަމަށް ބުނާ ބުނުމުގެ ފުރިހަމަ ޒިންމާ އެމް.ޑީ.ޕީ ސަރުކާރު ވައްޓާލުމަށްފަހު ޤާއިމުކުރި ސަރުކާރުތަކުން ނަންގަވަން ޖެހެއެވެ. ފެބްރުއަރީ 2012 ގައި އެމް.ޑީ.ޕީ ސަރުކާރު ވައްޓާލިއިރު އައްޑޫ ކޮންވެންޝަން ސެންޓަރު ތަރައްޤީކުރުމަށް ކުރެވިފައިވާ ހުރިހާ މަސައްކަތްތައް ބާޠިލް ކުރުމަށްފަހު ކޮންވެންޝަން ސެންޓަރުގެ ހުރިހާ ކަމެއް ސަރުކާރުގެ ބެއްލުވުމުގެ ދަށަށް ގެންނަވައި އެ ކޮންވެންޝަން ސެންޓަރަކީ އައްޑޫ ސިޓީ ކައުންސިލްގެ އެއްވެސް ބާރެއް ނުހިނގާ ތަނެއްގެ ގޮތުގައި ހެއްދެވިއެވެ. އެއަށްފަހު ދައުލަތުން ބޮޑެތި ޚަރަދުކޮށްފައިވާ އައްޑޫ ކޮންވެންޝަން ސެންޓަރު ވީރާނާ ވުމަށް ދޫކޮށްލާފައިވާކަން ކަންބޮޑުވުމާއެކު ފާހަގަ ކުރަމެވެ. އަދި މިހާރު ރައްޔިތުންނާއި ކައުންސިލްގެ އެއްވެސް ޚިޔާލު ހޯދުމަކާ ނުލައި ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ސަރުކާރުން ނިންމަވާފައިވާކަމީ އައްޑޫ ސިޓީގެ ރައްޔިތުން އައްޑޫ ސިޓީގެ ކަންކަމާމެދު ބަސް ބުނެ، ގޮތް ނިންމުމުގެ ބާރުވެރިކަމަށް ސަރުކާރުން ގޮންޖެއްސެވި ގޮންޖެއްސެވުމެއްކަމަށް ދެކެމެވެ.

މިދަނޑިވަޅުގައި އައްޑޫ ސިޓީ މޭޔަރުގެ މައްޗަށް މިފަދަ ތުހުމަތެއްކުރައްވައި އަސާސެއް ނެތް ދަޢުވާއެއް އުފުއްލަވައި، ބޭއިންސާފުން ޝަރީޢަތް ހިންގެވުމަށް ކުރެވޭ މަސައްކަތަކީ ކަނޑައެޅިގެން އެމަނިކުފާނަށާއި އައްޑޫ ސިޓީގެ ރައްޔިތުންނަށް ބިރުދެއްކެވުމަށާއި، އައްޑޫ ހޮސްޕިޓަލާއި ކޮންވެންޝަން ސެންޓަރާ ގުޅޭ ގޮތުން މި ސަރުކާރުން ހިންގަވާ ބޮޑު ޖަރީމާ ފޮރުވުމަށް ކުރާ މަސައްކަތެއް ކަމުގައި ޤަބޫލުކުރެވެއެވެ. އަދި ރާއްޖޭގެ ތާރީޚްގައި ވެސް ކޮށްފައިވާ އެންމެ ބޮޑު ވައްކަން، މި ސަރުކާރުގެ އެންމެ އިސް ވެރިން ކުރައްވާފައިވުމާއި އަދި އެކަމުގައި ސީދާ ރައީސް ޢަބްދުﷲ ޔާމިން ބައިވެރިވެވަޑައިގެންފައިވާކަމުގެ ބޮޑެތި ތުޙުމަތުތައްކުރެވޭހިނދު، އެ ވައްކަމާއި ޚިޔާނާތުގެ ޢަމަލުތައް ފޮރުވުމަށް ރައީސް ޢަބްދުﷲ ޔާމިން ކުރައްވާކަމެއްގެ ގޮތުގައި ޤަބޫލުކުރެވެއެވެ. މިފަދަ ނޭއްގާނީ ކަންކަމުން ސަރުކާރު ދުރުވެ، އައްޑޫ ރައްޔިތުންނަށް ޙައްޤުވާ ތަރައްޤީ ހޯދައިދިނުމަށް ގޮވާލަމެވެ. އަދި ރައްޔިތުންނަށާއި ރައްޔިތުންގެ މަންދޫބުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅުމުގެ ގޮތުން ސިޔާސީ މަޤުސަދުގައި އަސާސެއް ނެތް ދަޢުވާތައް ކުރެއްވުން މިހާރުން މިހާރަށް ހުއްޓަވާލެއްވުމަށް މި ޕާރޓީން ސަރުކާރަށް ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް
ތާރީޚް: 5 މާޗް 2016