ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ދިވެހިރާއްޖޭގެ ވެރިމަކާ ހަވާލުވެވަޑައިގަތްފަހުން، ސަރުކާރުގެ އެތެރެއިންނާއި ސަރުކާރުން ބޭރުން ބޮޑެތި ވައްކަމާއި ފޭރުމުގެ ޢަމަލުތައް ހިންގުން ޢާންމުވެ، އަދި މިކަމުގެ ތެރެއަށް އެހެން ދަރަޖައެއްގެ ބޮޅެއް އިތުރުވެ، ފަތުރުވެރިން ޒިޔާރަށްކުރާ ރިޒޯޓުތަކަށް ފޭރޭ މީހުން މޫނުނިވާކޮށްގެން ތިބެ ދަންވަރު އަރާ އެތަންތަނުގައި ތިބޭ މީހުން ބަނދެ ރަހީނުކޮށް ތިޖޫރީ ވަގަށްނަގައި، ރާއްޖޭގެ ރިޒޯޓްތައް ނާމާންކަމުގެ ޙާލަތަށް މި ސަރުކާރު އޮވެގެން ވައްޓާލާފައިވާތީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.
މިގޮތުން އެންމެ ފަހުން މޫނުނިވާކޮށްގެން ތިބި ބަޔަކު ކަނޑުމަގުން އުޅަނދެއްގައި ގޮސް އެރަށަކަށް އަރައި އެރަށުގެ ޑިއުޓީގައި ތިބި މީހުން ބަނދެ ރަހީނުކޮށް 2 ތިޖޫރީ ފޭރިގަނެގެން ގެންގޮސްފައިވަނީ މިދިއަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ބ.އަތޮޅު ރީތި ބީޗް ރިޒޯޓުންނެވެ. ރީތި ބީޗް ރިޒޯޓަށް މިގޮތަށް ދަންވަރު އަރައި މުވައްޒަފުން ބަނނުމަށްފަހު 2 ތިޖޫރީ ފޭރިގަނެގެން ގެންގޮސްފައިވާއިރު މިދިއަ މަހު ހަމަ އެގޮތަށް މޫނު ނިވާކޮށްގެން ދަންވަރު ކަނޑުމަގުން ބަޔަކު މީހުން ކ.ފިނޮޅު ވިލާސް ރިޒޯޓަށް އަރައި އެ ރިޒޯޓުގެ މުވައްޒަފުން ބަނުމަށްފަހު 4 ތިޖޫރީ ފޭރިގަނެގެން ގެންގޮސްފައިވެއެވެ. ހަމަ އެފަދައިން 2014 ވަނަ އަހަރު ވެސް ފ.ފިލިތެޔޮ ރިޒޯޓަށް ހަމަ އެގޮތަށް އަރައި މުވައްޒަފުން ރަހީނުކޮށް ތިޖޫރީ ފޭރިގަނެގެން ގެންގޮސްފައެވެ.
މި ނުރައްކާތެރި ޖަރީމާ ހިންގުން ހުއްޓުމެއް ނެތި ކުރިއަށް ދިއުމާއި އަދި އެކަމުގައި ސަރުކާރުން އެކަށީގެންވާ ޖިނާޢީ ތަޙްޤީޤު ހިންގައި ރިޒޯޓުތަކަށާއި ފަތުރުވެރިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ފިޔަވަޅުތައް އަޅަމުން ނުދާތީ އެކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.
ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤުތިޞާދުގެ މައި ނާރުކަމަށް ވާއިރު، ފަތުރުވެރިން ޒިޔާރަތްކުރާ ރިޒޯޓުތަކަށް މީގެ ކުރިން ނެތް ނުރައްކަލަކާއި ބިރުވެރިކަމެއް މިހާރު މިވަނީ ކުރިމަތިވެ، އާންމުވެފައެވެ. އަދި ފަތުރުވެރިން ޒިޔާރަތްކުރާ ރިޒޯޓުތަކަށާއި، ފަތުރުވެރިކަން ހިންގާ ފަރާތްތަކަށާއި އަދި ފަތުރުވެރިންނަށް ވެސް މި ފަދަ ނުރައްކަލާއި ނާމާންކަމާ ކުރިމަތިލާންޖެހުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށާއި އިޤުތިޞާދަށް ފޫނުބެދޭވަރުގެ ބޮޑެތި ގެއްލުންވާނޭކަމެކެވެ. އަދި މިކަން މިހެން މިދިމާވަނީ ފުލުން ގޮސްފައިވާ މި ސަރުކާރު ރާއްޖޭގައި އަމަން ޤާއިމުކުރުމުގައި ނުކުޅެދި ފޭލްވުމުގެ ސަބަބުންނެވެ.
ބ.އަތޮޅު ރީތި ބީޗް ރިޒޯޓަށާއި އަދި އެނޫންވެސް ރިޒޯޓުތަކަށް ދަންވަރު އަރައި މުވައްޒަފުން ބަނނުމަށްފަހު ތިޖޫރީތައް ފޭރިގަނެގެން ގެންގޮސްފައިވާ މައްސަލަތަކުގެ ފުރިހަމަ ޖިނާޢީ ތަޙްޤީޤު ހިންގުމަށާއި ރިޒޯޓުތައް ހިންގާ ފަރާތްތަކާއި ރާއްޖެ ޒިޔާރަތްކުރަން ތިބި ފަތުރުވެރިންނަށް އެ ތަޙްޤީޤުތަކުގެ އިތުބާރުކުރެވޭނޭގޮތަށް އެ ތަޙްޤީޤްތައް ހިންގުމަށާއި އެ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރަށް ގޮވާލަމެވެ. ހަމަ އެފަދައިން ފުލުހުންގެ މުވައްސަސާގެ ބައެއް އިސްވެރިންގެ މައްޗަށް ކޮރަޕްޝަނާއި ފަސާދައިގެ ބޮޑެތި ތުޙުމަތުތައް ކުރެވޭހިނދު، އަދި ހުދު ރައީސް ޢަބްދުﷲ ޔާމިން އެގޮތަށް ވިދާޅުވެފައިވީހިނދު، ރިޒޯޓުތަކަށް މިގޮތަށް ދަންވަރު އަރައި މުވައްޒަފުން ބަނނުމަށްފަހު ތިޖޫރީތައް ފޭރިގަނެގެން ގެންދިއުމުގެ ޖަރީމާތައް ހިންގުމުގައި ފުލުހުން ޝާމިލު ނުވާކަމުގެ ޔަޤީންކަން ރިޒޯޓުތައް ހިންގާ ފަރާތްތަކަށާއި، ރައްޔިތުންނަށާއި އަދި ފަތުރުވެރިންނަށް ސަރުކާރުން ދިނުމަށް އެމް.ޑީ.ޕީ އިން ގޮވާލަމެވެ.
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް
ތާރީޚް: 5 މާރޗް 2016