ސިޔާސީ ހައްޔަރީން ދޫކޮށްލުމަަށާއި ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ މައްސަލަތައް ތަޙްޤީޤް ކުރުމަށް ގޮވާލައި ގަރާރެއް އައި.ޑީ.ޔޫ އިން ފާސްކޮށްފި

ދުނިޔޭގެ ކަނާތުފިޔައިގެ ސިޔާސީ ޕާޓީތަކުގެ މައި ޖަމްޢިއްޔާ އިންޓަރނޭޝަނަލް ޑިމޮކްރަޓް ޔޫނިޔަން (އައި.ޑީ.ޔޫ) އެކްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ ރައީސް އަދި ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދާއި ސިޔާސީ ހައްޔަރީން ދޫކޮށްލުމަށާއި، ސިޔާސީ ޕާޓީތަކާއެކު ހެޔޮނިޔަތުގައި މަޝްވަރާކުރުމަށާއި، މަނީ ލޯންޑަރިނާއި ކޮރަޕްޝަންގެ ތުހުމަތުތައް ތަޙްޤީޤްކުރުމަށް ގޮވާލައި ޤަރާރެއް ފާސްކޮށްފައިވާތީ އެމް.ޑީ.ޕީގެ ފަރާތުން އައި.ޑީ.ޔޫއަށް މަރުޙަބާ ދަންނަވަމެވެ.

އައި.ޑީ.ޔޫގެ އެކްޒެކެޓިވް ކޮމިޓީން ހުކުރު ދުވަހު ފާސްކުރެއްވި ގަރާރުގައި ވަނީ ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަޙާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޤަރާރުގައި ރައީސް އަބްދުﷲ ޔާމީން އިދިކޮޅު ސިޔާސީ ފަރާތްތަކާއި އިންސާނީ ޙައްޤުތައް ހިމާޔަތް ކުރުމަށް މަސައްކަތްކުރާ ފަރާތްތަކާމެދު ރައީސް ޔާމީންގެ ސީދާ ބާރުގެ ދަށުގައިވާ ކޯޓުތަކާއި އެކިއެކި މުވައްސަސާތައް މެދުވެރިކުރައްވައި ނުޙައްޤުން ފިޔަވަޅު އެޅުއްވުމާ މެދު އައި.ޑީ.ޔޫ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ސަރުކާރަށް އަމާޒުކުރެވިފައިވާ ކޮރަޕްޝަނާއި މަނީ ލޯންޑަރިން ފަދަ ބޮޑެތި ތުހުމަތުތަކާ ގުޅިގެން މިހާރުން މިހާރަށް ތަޙްޤީޤް ކުރެވެން ޖެހޭނެ ކަމުގައިވެސް ޤާރާރުގައިވެއެވެ. އަދި ކޯޓުތަކާއި މުޅި ޝަރުޢީ ދާއިރާއާއި މިނިވަން މުވައްސަސާތައް ސިޔާސީ ކުރެވިފައިވާަކަމަށާއި މީޑިޔާއާއި މަދަނީ ޖަމްޢިއްޔާތައް ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލާފައިވާކަން ޤަރާރުގައި ވަނީ ކަންބޮޑުވުމާއެކު ފާހަގަކޮށްފައެވެ. މިކަންކަމާ ގުޅިގެން ދިވެހި ދައުލަތުގެ އިސްވެރިންގެ މައްޗަށް ފިޔަވަޅު އެޅުމަށް ތާއީދުކުރާ ކަމުގައިވެސް ޤަރާރުގައިވެއެވެ.

ހުކުރު ދުވަހު ބޭއްވި އައި.ޑީ.ޔޫގެ އެކްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި ނިއު ޒިލެންޑްގެ ޕްރައިމް މިނިސްޓަރ ޖޯން ކީއާއި ސްރީ ލަންކާގެ ޕްރައިމް މިނިސްޓަރ ރަނިލް ވިކްރަމަސިންހަ ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ދުނިޔޭގެ އެކިއެކި ސިޔާސީ ޕާޓީތައް ތަމްސީލުކުރައްވާ 61 ބޭފުޅުން އެކްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި އެމް.ޑީ.ޕީގެ ފަރާތުން ބައިވެރިވެވަޑައިގަތީ ޑެޕިއުޓީ ޗެއަރޕަރސަން އަލީ ޝިޔާމް، މައްޗަންގޯޅި އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އަދި އެމް.ޑީ.ޕީގެ ކުރީގެ ޗެއާރޕާރސަން މާރިޔާ އަޙްމަދު ދީދީ ، އެމް.ޑީ.ޕީގެ ބައިނަލްއަޤްވާމީ ތަރުޖަމާން ޙާމިދު އަބްދު ޣަފޫރު އަދި ބައިނަލްއަޤުވާމީ ގުޅުންތަކާއިބެހޭ ކޮމިޓީގެ މެމްބަރު އުމަރު ޢަބްދުލް ރައްޒާގެވެ.

1 މާޗް 2016
ބަޔާން ނެރުނީ: އެމް.ޑީ.ޕީ