އެމް.ޑީ.ޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒު ހައްޔަރުކުރުން ކުށްވެރިކުރުން

އެއާރޕޯޓްގައި މުޒާހަރާކުރިކަމަށް ތުހުމަތުކޮށް އެމް.ޑީޕީގެ އަންހެނުންގެ ރޫހުގެ މެމްބަރުންތަކެއްގެ މައްޗަށް ކޮށްފައިވާ ދައުވާގެ އަޑުއެހުމެއް މިއަދު މެންދުރު 13:00ގައި ކްރިމިނަލް ކޯޓުގައި އޮތުމުން އެސަރަހައްދުގައި އެމް.ޑީ.ޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް މަޑުކޮށްލައްވައިގެން އެމް.ޑީ.ޕީގެ ބައެއް ދާއިރާ ރައީސުންނާއި ވާހަކަފުޅުދައްކަވަން ހުންނަވަނިކޮށް އެމަނިކުފާނު ޤާނޫނާ ޚިލާފަށް ހައްޔަކުރި މައްސަލަ މި ޕާރޓީން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

އެމް.ޑީ.ޕީގެ ނައިބް ރައީސް މުޙައްމަދު ޝިފާޒުގެ ގައިކޮޅަށް އަތްލައި ހައްޔަރުކޮށްގެން ގަދަކަމުން ގެންގޮސްފައިވަނީ އެމަނިކުފާނުގެ މައްޗަށް އެއްވެސް ކުށެއްގެ ތުހުމަތެއް ކުރުމެއް ނެތި އެމަނިކުފާނު ޖަސްޓިސް ބިލްޑިންގ ކައިރީގައި ޕާޓީގެ ބައެއް ދާއިރާ ރައީސުންނާ ވާހަކަފުޅު ދައްކަވަން ހުންނަވަނިކޮށެވެ.

ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރުމަށް އެދޭކަމަށް ވިދާޅުވެ ސަރުކާރުން ދަޢުވަތު އަރުވާފައިވާ މިވަގުތުގައި އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީގެ ނައިބު ރައީސް ހައްޔަރުކުރުމުން އެފަދަ މަޝްވަރާތައް ބޭއްވުމާ މެދު ސަރުކާރުގެ އިޚްލާސްތެރިކަމެއް ނެތްކަމާއި މިއީ ބައިނަލްއަޤްވާމީ މުޖުތަމަޢަށް އޮޅުވާލުމަށް ކުރާ ކަމެއްކަން ހާމަވެއެވެ.

ފުލުހުން މިއަދު ހިންގި އެ ޢަމަލަކީ ޤާނޫނާ ޚިލާފު ނާތަހުޒީބު ބޮޑު ޖަރީމާއެއްކަމާއި އަދި އެކަމުންވެސް ހާމަވެގެންދަނީ އަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުގެ ސަރުކާރުގެ އަނިޔާވެރިކަންކަމާއި، ސުލްޙަވެރި ސިޔާސީ ޙަރަކާތްތަކަށް ޖާގަނުދޭނުދިނުމާއި، އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ފާޅުގައި އަރައިގަންނަމުންދާ މިންވަރުކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

އެހެންކަމުން، މި މައްސަލަތައް ދައުލަތުގެ ކަމާބެހޭ މުވައްސަސާތަކުން އިޙްމާލުވުމެއް ނެތި ވަގުތުން ބަލައި ފިޔަވަޅުއެޅުމަށް އެމް.ޑީ.ޕީ އިން ގޮވާލަމެވެ. އަދި މިހާރުން މިހާރަށް ޝިފާޒު ދޫކޮށްލުމަށް ގޮވާލަމެވެ.

29 ފެބްރުއަރީ 2015
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް