ރައްޔިތުންގެ މަޖިލީހުގެ 2016 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 5ވަނަ ޖަލްސާގައި ޕީ.ޕީ.އެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުގެ އަމަލުތައް ކުއްވެރިކޮށް އެމް.ޑީ.ޕީގެ ޕާލިމެންޓްރީ ގްރޫޕުން ނެރޭ ނޫސްބަޔާން

ރައްޔިތުންގެ މަޖިލީހުގައި މިއަދު އޮތް ޖަލްސާގައި މަޖިލިސް ތަޅުމުގައި ސަރުކާރު ހިންގާ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ ވިލިމާލެ ދާއިރާގެ މެމްބަރ އަހްމަދު ނިހާން ހުސެއިން މަނިކު، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ޑެޕިއުޓީ ލީޑަރ އައްޑޫ މީދޫ ދާއިރާގެ މެމްބަރ ރޮޒައިނާ އާދަމްގެ މޫނުފުޅަށް، އަހްމަދު ނިހާން ހުސެއިން މަނިކުގެ އަނގަތެރެއަށް ފެންއަޅާފައި ބުރުވާލައި، ނަފުސަށް ހަމަލާދީފައި ވާތީ އާއި އަދި އެމް.ޑީ.ޕީ ޕާލިމެންޓްރީ ގްރޫޕްގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރ މުހައްމަދު ފަލާހްއަށް، ޕީ.ޕީ.އެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ދުވާފަރު ދާއިރާގެ މެމްބަރ މުހައްމަދު އަލީ، ހަމަލާދީ ޒަހަމްކޮށްލައިފައިވާތީ، އެނާތަހުޒީބީ އަމަލުތައް އެންމެހަރު އަޑުން ކުއްވެރިކުރަމެވެ.

މިޕާޓީއަށް ނިސްބަތްވެ ވަޑައިގެންނަވާ ރައްޔިތުންގެ މަޖިލީހުގެ އަންހެން މެމްބަރަކަށް ސަރުކާރަށް ނިސްބަތްވެ ވަޑައިގެންނަވާ ފިރިހެން މެމްބަރަކު އެފަދައިން ހަމަލާދިނުމަކީ، އެކަމުގައި އިތުރު ހަމައެއް ދެއްކެއް ނޯންނާނެ އެންމެ ދަށުދަރަޖައިގެ ނާތަހުޒީބީ އަމަލެކެވެ. އަދި އަމުދުން ސަރުކާރު ހިންގާ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އެއަމަލު ހިންގުމަކީ މިސަރުކާރުގެ ގޮތެއް ފޮތެއް ނެތް މިންވަރު ރާއްޖޭގެ ރައްޔިތުންނަށާއި މުޅި ދުނިޔެއަށް ބޭޒާރުވެގެން ދިޔަ ކަމެކެވެ. ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މީގެ ކުރިންވެސް ޕީ.ޕީއެމްއަށް ނިސްބަތްވެވަޑައިގެންނަވާ ފިރިހެން ބައެއް މެމްބަރުންގެ ފަރާތުންވަނީ އެމް.ޑީ.ޕީއަށް ނިސްބަތްވެވަޑައިގަންނަވާ އަންހެން މެމްބަރުންނަށް ޖިންސީ ގޯނާ ކުރައްވާނޭކަމަށް ފާޅުގައި ގޮވާލުން ފަދަ އެންމެ ނާތަހުޒީބު އިންޒާރުތައް ދެއްވާފައެވެ.

ސަރުކާރަށް ނިސްބަތްވެ ވަޑައިގެންނަވާ ޕީ.ޕީ.އެމްގެ މެމްބަރުން އެމް.ޑީ.ޕީގެ މެމްބަރުންނަށް އެފަދަ ހަމަލާތައް ދެއްވާއިރު ރައްޔިތުންގެ މަޖިލިސްގެ ރައީސް އަބްދުﷲ މަސީޙް މުހައްމަދު އެކަން ހުއްޓުވުމަށް މަސަކަތްކުރައްވާފައި ނުވާތީއާއި އެކަމާއިމެދު އެއްވެސް ބަސްފުޅެއްވެސް ވިދާޅުވެފައި ނުވާތީ، އަދި ތަކުރާރުކޮށް މަޖިލީހުގެ ނިޒާމް ނަގާލައި، މަޖިލިސް ތެރޭގައި ހަމަނުޖެހުން ހިންގުމަށް، މަޖިލީހުގެ ރައީސް ހިތްވަރު ދެއްވަމުން ގެންދަވާތީ، އެކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްވެސް ކުއްވެރިކުރަމެވެ.
24 ފެބުރުވަރީ 2016