ސަރުކާރާއެކު މަޝްވަރާތަކުގައި ބައިވެރިވުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އަދި އަދާލަތު ޕާޓީން ނުނިންމާ

ދިވެހި ސަރުކާރުން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރުމަށް ކަމަށް ވިދާޅުވެ ޕާޓީތަކަށް އަރުވާފައިވާ ދަޢުވަތާމެދު ދިވެހިރައްތުންގެ ޑިމޮކްރަޓިކް ޕާޓީ އަދި އަދާލަތު ޕާޓީގެ ފަރާތުން މީގެ ކުރިން ނިންމާފައިވާ ނިންމުމަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަން ދަންނަވަމެވެ. އަދި މަޝްވަރާތަކުގައި ބައިވެރުވުމަށް އެމްޑީޕީއާއި އަދާލަތު ޕާޓީން ނިންމާފައިނުވާކަން ދަންނަވަމެވެ. މިކަމާ ގުޅޭ ގޮތުން ކަނޑައެޅިގެން ރައްޔިތުންނާއި ބައިނަލްއަޤްވާމީ މުޖުތަމަޢަށް އޮޅުވާލުމަށް ސަރުކާރުން ދައްކަވާ ވާހަކަތައް ހަރު އަޑުން ކުށްވެރިކުރަމެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމް ގަޑުބަޑުކޮށް އިދިކޮޅު ސިޔާސީ ލީޑަރުން ޖަލަށްލައި ސިޔާސީ ޕާޓީތަަކަށް އެތައް ގޮތަކުން ދަތިކޮށް މިއަދު ދިވެހިދައުލަތް ފުލުން ގޮސްފައިވާ ޙާލަތުން ސަލާމަތް ކުރުމަށް ސަރުކާރާއެކު މަޝްވަރާ ކުރުމަށް އެމްޑީޕީ އާއި އަދާލަތު ޕާޓީން ތަކުރާރުކޮށް މިއަންނަނީ ސަރުކާރަށް ގޮވާލަމުންނެވެ. އަދި މިކަންކަމުން ދިވެހިރާއްޖެ ސަލާމަތްކޮށް އިޚްލާސްތެރިކަމާއެކު ސަރުކާރުން މަޝްވަރާ ކުރުމަށް ޖާގަ ދޭނަމަ އެކަމަަށް މި ދެ ޕާޓީން މަރުޙަބާ ކިޔާނެކަމުގައިވެސް ދަންނަވަމެވެ.

ސިޔާސީ ޕާޓީތަކުގެ ލީޑަރުން ނުހައްޤުން ހައްޔަރުކޮށް ޖަލަށްލާފައިވުމާ ގުޅިގެން މަޝްވަރާގެ ވާހަކަދެއްކުމަށް އިތުބާރު އޮތް މާޙައުލެއް ޤާއިމުކުރުމަށް ހުރަސް އެޅޭ ކަމުގައިވެސް ދެކެމެވެ. އެހެންކަމުން ކުރިންވެސް ދަންނަވާފައިވާ ފަދައިން، އިތުބާރުއޮތް މާޙައުލެއް ސަރުކާރުން ޤާއިމުކުރައްވަންޖެހިވަޑައިގަންނަވާކަމަށް މި ދެޕާރޓީން ޤަބޫލުކުރަމެވެ.

24 ފެބްރުއަރީ 2016
ބަޔާން ނެރުނީ: އެމް.ޑީ.ޕީ އާއި އަދާލަތު ޕާރޓީ