ރައީސް މުޙައްމަދު ނަޝީދު ހައްޔަރުކުރިތާ އެއް އަހަރު ފުރުމާ ގުޅިގެން ނެރޭ ނޫސް ބަޔާން

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ނުޙައްޤުން ހައްޔަރުކޮށް ޖަލަށްލައި އެމަނިކުފާނުގެ މިނިވަންކަން ނަގާލާފައިވާތާ މިއަދަށް އެއް އަހަރު ފުރުމަކީ އެކަމުގައި އިންތިހާއަށް ކަންބޮޑުވާ ވަރަށް ގިނަ ކަންކަމާ ގުޅިފައިވާ އަދި ދިވެހިރާއްޖެއަކީ އިދިކޮޅު ސިޔާސީ ކަންކަމަށް އެއްވެސް މިންވަރަށް ޖާގަ ނުދޭ ޚުދުމުހުތާރު ވެރިކަމެއް ކުރަމުން އަންނަ ޤައުމެއްކަން ހާމަވާ ކަމެއް ކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން ދެކެމެވެ.

ރައްޔިތުންގެ އިހްތިރާމާއި ތާޢީދު ލިބިވަޑައިގެން ހުންނެވި ވެހިރާއްޖޭގައި އެންމެ މަަޤްބޫލު ސިޔާސީ ލީޑަރު ޤާނޫނާ ޚިލާފަށް ހަައްޔަރުކޮށް އެމަނިކުފާނު މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޙުކުމަކީ ރާއްޖޭގެ ގިނަ ރައްޔިތުންގެ މައްޗަށް އިއްވާފައިވާ ނުޙައްޤު އަނިޔާވެރި ޙުކުމެެއް ކަމުގައި ސިފަ ކުރަމެވެ. އެއީ ރާއްޖޭގެ ރައްޔިތުން ޑިމޮކްރަސީއަށާއި އިންސާނީ ޙައްޤުތަކަށާއި ހަމަހަމަކަމަށާއި އިންސާފަށް ކުރަމުން އަންނަ މިންނެތް މަސައްކަތުގެ ޢަދުއްވުން، ރައްޔިތުންގެ އުންމީދުތައް ނެތިކޮށްލުމަށް ޙީލަތްތެރި ރޭވުމެެއްގެ މަތިން ހިންގާފައިވާ ޖަރީމާއެކެވެ.

އެމްޑީޕީން ދެކޭ ގޮތުގައި ރައީސް ނަޝީދު ހައްޔަރުކުރުމާއި އެއަށްފަހު ހިނގައިދިޔަ ކަންކަމުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ނާތަހުޒީބު ފަލްސަފާ އިތުރަށްް ހާމަވެގެންދާކަން ފާހަގަކުރަމެވެ. ވެރިކަމުގެ ބާރުގެ ނުފޫޒު އިންތިހާއަށް ފޯރުވައިގެން ސިޔާސީ ކުލަވަރުޖެހިފައިވާ ކޯޓުތަކާއި ނަޒާހަތްތެރިކަން ގެއްލިފައިވާ ފަނޑިޔާރުންގެ މައްޗަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވައިގެންް ރައީސް ޔާމީން އެމަނިކުފާނާ ވާދަކުރައްވާނެ ހުރިހާ ފަރާތްތައް ނައްތާލަނީ ރައްޔިތުންގެ ތާޢީދެއް ނެތް ސަރުކާރެއް ގަދަ ބާރުން ދެމެހެއްޓުމަށެވެ. މިފަދަ ބޮޑު އަނިޔާވެރިކަމެއްގެ ތެރެއަށް ދިވެހިރާއްޖެ ޣަރަޤުކޮށް ރައީސް ޔާމީން މުޅި ޤައުމަށް ވަނީ ޚިޔާނާތްތެރިވެވަޑައިގެންފައެެވެ.

ސިޔާސީ ލީޑަރުން ހައްޔަރުކޮށް އިދިކޮޅު ސިޔާސީ ފިކުރު ނައްތާލުމަށް ރައީސް ޔާމީން ކުރަމުން އަންނަ މަސައްކަތުން އެންމެ ބޮޑު ގެއްލުމެއް ލިބެނީ ދިވެހިރައްޔިތުންނަށެވެ. ދިވެހިރާއްޖެ މިއަދު މިވަނީ އެތައް އަހަރުތަކެއް ފަހަތަށް ޖައްސާލާފައެވެ. ރައީސް ނަޝީދު ޤާނޫނާ ޚިލާފަށް ހައްޔަރުކޮށް ނުހައްޤުން ޖަލަށްލުމަކީ ޝަރުޢީ ނިޒާމާ މެދު ރައްޔިތުންގެ އިތުބާރު އެއްކޮށް ކަނޑުވާލި ޢަމަލެކެވެ. އަދި ބައިނަލް އަޤްވާމީ މުޖުތަަމަޢުގެ ކުރިމަތީގައި ޝަރުޢީ ނިޒާމު ފަޟީޙަތްވެ، ބައިނަލްއަޤްވާމީ މުޖުތަމަޢާއި ގުޅުން ކަނޑުވާލައި ދިވެހިރާއްޖެއަކީ އެކަހެރިވެފައިވާ ޤައުމަކަށް ވެގެންދިޔަކަމެކެވެ.

މަތީގައި ޢިޝަރާތްކުރެވުނު ކަންކަމާ ގުޅިގެން ރައްޔިތުންގެ ލާބައާއި ތަރައްޤީއަށް ފާއިތުވީ އަހަރުގެ ތެރޭގައި އެއްވެސް މިންވަރަކަށް ސަރުކާރުން މަސައްކަތްކޮށްފައިނުވާކަން ކަންބޮޑުވުމާއެކު ފާހަގަ ކުރަމެވެ. މުޅި ދައުލަތް ބޭނުންކޮށްފައިވަނީ ރައީސް ނަޝީދާއި، އެމްޑީޕީ އަދި އިދިކޮޅު ސިޔާސީ ފިކުރު ނައްތާލުމަށެވެ. ނަތީޖާއަކަށްވެގެންދިޔައީ މިއަދު މުޅި ދައުލަތް މިވަނީ ފުލުންގޮސްފައެވެ. 2015 ވަނަ އަހަރު އިޤްތިޞާދީ ކުރިއެރުން %10.5 ގައި ހުންނާނެކަމަށް ސަރުކާރުން ލަފާކޮށްފައިވީނަމަވެސް އަހަރު ނިމުނު އިރު ހުރީ %4.8 ގައެވެ.

ރައީސް މުޙައްމަދު ނަޝީދަށާއި އެމަނިކުފާނުގެ ޢާއިލާއަށް އެތައް ގޮތަކުން އަނިޔާކޮށްފައިވާއިރުވެސް އެމަނިކުފާނުގެ ހިތްވަރުފުޅާއި ޢަޒުމުފުޅަށް ކުޑަވެސް ބަދަލެއް ނައިސް ހުންނަވާކަމީ ރާއްޖޭގެ ރައްޔިތުންގެ އުންމީދު އާވެގެންދާ ކަމެކެވެ. އަދި މި ޕާޓީގެ ފަރާތުން ރައީސް ނަޝީދަށް އެމަނިކުފާނުގެ ހިތްވަރުފުޅަށާއި ކެތްތެރިކަމަށް އައްސަރިބަހާއި ސާބަސް ރައްދުކުރަމެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް
ތާރީޚް: 22 ފެބްރުއަރީ 2016