ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި ދިވެހިރާއްޖެ މިހާރު ގަންބާލާފައިވާ ނުރައްކާތެރި، ބިރުވެރި އަދި ކަންބޮޑުވާ ޙާލަތުން އަރައިގަނެ، އެކަމަށް ޙައްލެއް ހޯދައި ޤައުމުގެ ހަމަޖެހުމާއި ކުރިއެރުމަށްޓަކައި ސަރުކާރާއި ސިޔާސީ ޕާރޓީތަކުގެ މެދުގައި މަޝްވަރާގެ ވާހަކަތައް ފެށުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އާއި އަދާލަތު ޕާރޓީން އަބަދުވެސް ގެންދަނީ ސަރުކާރަށް ގޮވާލަމުންނެވެ. އަދި އިޚްލާޞްތެރިކަމާއެކު މަޝްވަރާކުރާނަމަ އެކަމަކީ މި ދެ ޕާރޓީން އަބަދުވެސް މަރުޙަބާ ކިޔާނޭކަމެކެވެ.
ސަރުކާރާއެކު މަޝްވަރާކުރުމަށް ދަޢުވަތުދެއްވާކަމަށް ސަރުކާރުން އަލުން ޕާރޓީތަކަށް އަންގަވާފައިވީ ނަމަވެސް މީގެ ކުރީފަހަރު ވެސް މަޝްވަރާގެ ވާހަކަތައް ނާކާމިޔާބުކޮށްލައްވާފައިވަނީ ސަރުކާރުންކަމަށްވުމާއި، ސަރުކާރާ އެކު މަޝްވަރާގެ ވާހަކަދެއްކުމަށް އިތުބާރު އޮތް މާޙައުލެއް މިހާތަނަށް ވެސް ޤާއިމުކުރެވިފައި ނެތުމުން، އިތުބާރުއޮތް މާޙައުލެއް ސަރުކާރުން ޤާއިމުކުރައްވަންޖެހިވަޑައިގަންނަވާކަމަށް މި ދެޕާރޓީން ޤަބޫލުކުރަމެވެ.
ސަރުކާރުގެ ނުފޫޛުން ބޭއިންޞާފުން ޝަރީޢަތްކޮށް، ބޮޑެތި ޖަލު ޙުކުމްތަކެއް އިއްވައި ހައްޔަރުކޮށްފައި ތިއްބެވި ސިޔާސީ ލީޑަރުން މިނިވަންވާންޖެހެއެވެ. މިފަދަ މާޙައުލެއްނެތި ވާހަކަދެއްކުމާބެހޭ ގޮތުން ވާހަކަދެއްކުމަކީވެސް ސަރުކާރުން ހިންގާ ޖަރީމާތަކުގައި ބައިވެރިވުންކަމުގައި މި ދެ ޕާރޓީން ޤަބޫލުކުރަމެވެ.
17 ފެބްރުއަރީ 2016
ބަޔާން ނެރުނީ: އެމް.ޑީ.ޕީ އާއި އަދާލަތު ޕާރޓީ