އަލްއުސްތާޛު އަލީ ޒާހިރާއި އަލްއުސްތާޛު މައުމޫން ހަމީދު ކްރިމިނަލް ކޯޓަށް ހާޒިރުކުރިކުރުމާއިމެދު ކަންބޮޑުވުން ފާޅުކުރުން

ޤާނޫނީ ވަކީލުން ކަމުގައިވާ އަލްއުސްތާޛު ޢަލީ ޒާހިރާއި އަލްއުސްތާޛު މައުމޫން ހަމީދާއި ދެބޭފުޅުންކުރެ އެއްވެސް ބޭފުޅެއްގެ ޖިނާއީ މައްސަލައެއް ހުށަހެޅުމަކާއިނުލައި، ކްރިމިނަލް ކޯޓުގެ އިސްނެގުމަކަށް އެ ދެ ބޭފުޅުން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރިކުރުމާމެދު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން އިންތިހާއަށް ކަންބޮޑުވުނ ް ފާޅުކޮށް އެކަން ހަރުއަޑުން ކުށްވެރިކުރަމެވެ.

އެދެބޭފުޅުން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވަނީ ކްރިމިނަލް ކޯޓުން އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން ޢަބްދުﷲގެ މައްޗަށް ހިންގި ޝަރީއަތަށް ފާޑުވިދާޅުވި ކަމަށްބުނެއެވެ.

ދައުލަތުގެ އެންމެހައި މުއައްސަސާތަކަށާއި އަދި ކޯޓުތަކުން ނިންމާ ނިންމުންތަކަށް ފާޑުކިޔުމަކީ މިނިވަން ޑިމޮކްރެޓިކް މުޖުތަމައެއްގައި ކޮންމެ ރައްޔިތަކަށް ލިބިގެންވާ ވަރަށް އަސާސީ ހައްޤެކެވެ. އަދި ވަކިން ޚާއްސަކޮށް ޤާނޫނީ ވަކީލުން ކޯޓުތަކާއި ކޯޓުތަކުގެ ނިންމުންތަކާމެދު ޚިޔާލުފާޅުކޮށް ވާހަކަ ދެއްކުމަކީ އައުލާކަން ބޮޑުވެގެންވާކަމެކެވެ. ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމާއި ބެހޭގޮތުން އ.ދ އިން ކަނޑައަޅާފައިވާ ސްޕެޝަލް ރެޕެޓުއަރ ގެބްރިއެލާ ކްނައުލް، ރާއްޖެއާމެދު ނެރުއްވި ރިޕޯޓްގައިވެސް މިކަން ފާހަގަކުރައްވާފައިވެއެވެ.

ޑިމޮކްރެޓިކް މުޖުތަމައެއްގައިި ކޯޓުތަކުން ކުރާ ޙުކުމްތަކަށް ފާޑުކިޔައިހެދުމުގެ މިނިވަންކަން އޮންނަގޮތުގެ މަފުޙޫމް ރާއްޖޭގެ ކޯޓުތަކުން ދެނެގަތުމަކީ ރާއްޖޭގެ ޑިމޮކްރަސީއާއި ރައްޔިތުންގެ ހައްޤު ދިފާއުކުރުމަށްޓަކައި ކޮންމެހެން މުހިންމުކަމެއް ކަމުގައި ދެކެމެވެ. އަދި އަމުދުން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ކުށެއްކަމަށް ކަނޑައަޅާފައި ނުހުއްނަކަންކަން ޖިނާއީ ކުށަކަށް އަމިއްލައަށް ހަދައިގެން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ބަންދުކުރުމަކީ އެ މަފުޙޫމަށާއި ޤާނޫން އަސާސީއަށް ނުފެތޭ ޣައިރު ޤާނޫނީކަމެކެވެ.

އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާންގެ މައްޗަށް ކޮށްފައިވާ ދައުވާއާއި ޝަރީއަތް ހިންގިގޮތާއި އަދި 12 އަހަރުގެ ޙުކުމާމެދު ރާއްޖޭގެ ގިނަ ރައްޔިތުންނާއި މުޅި ބައިނަލްއަޤުވާމީ މުޖުތަމައު ގެންދަނީ އިންތިހާއަށް ފާޑުކިޔަމުންކަން ފާހަގަކުރަމެވެ. އަދި އެމަނިކުފާނުގެ މައްޗަށް ނުޙައްޤު އަދަބު ދިނުމަށްފަހު، ވަކިން ޚާއްސަކޮށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަދި ޤާނޫނީ ވަކީލް އަލްއުސްތާޛު އަލީ ޒާހިރު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަކީ ސިޔާސީ ފަރާތްތަކަށާއި އެފަރާތްތަކުގެ ޙައްޤުގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކަށް ބިރުދެއްކުމަށް ހިންގި އަމަލެއްގެ އިތުރުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ދިން އިންޒާރެއްކަމުގައި ދެކެމެވެ.
ބަޔާން ނެރުނީ: އެމް.ޑީ.ޕީގެ ސެކްރެޓޭރިއަޓް
ތާރީޙް: 22 ފެބްރުއަރީ 2016