އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން ޢަބްދުﷲގެ މައްޗަށް ކްރިމިނަލް ކޯޓްއިން 12 އަހަރު ދުވަހަށް ޖަލަށްލުމަށްކުރި ހުކުމް ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)އިން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.
ޝެއިޚް އިމްރާން ޢަބްދުﷲގެ މައްޗަށް ދަންވަރު ކޯޓް ހުޅުވައިގެން މިރޭ އިއްވި ހުކުމަކީ އެއްވެސް އަސާސެއްނެތް ދައުވާއެއް އެމަނިކުފާނުގެ މައްޗަށް އުފުލުމަށްފަހު، އިސްލާމީ ޝަރީޢަތުގެ އެންމެހާ އުސޫލުތަކާއި، ރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ބައިނަލްއަޤުވާމީ އެންމެހައި މިންގަނޑުތަކާއި ކަނޑައެޅިގެން ޚިލާފަށް އިއްވާފައިވާ ނާއިންސާފުން ފުރިގެންވާ އަނިޔާވެރި ހުކުމެކެވެ.
1 މެއި 2015 ވަނަދުވަހު ރާއްޖޭގެ އެތަކެއްހާސް ރައްޔިތުން މަގުމަށްޗަށް ނުކުމެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގެ އަނިޔާވެރިކަމާއިދެކޮޅަށް އަޑު އުފުލުމުން ޝެއިޚް އިމްރާން ޢަބްދުﷲގެ މައްޗަށް ޖިނާއީ ދައުވާ އުފުއްލަވާނޭކަމުގެ އިންޒާރު ހުދު ރައީސް ޢަބްދުﷲ ޔާމީން ދެއްވުމާއިއެކު، ޝެއިޚް އިމްރާން ޢަބްދުﷲ އެދުވަހު ދެއްކެވި ވާހަކަފުޅާއި ގުޅިގެން ޖިނާއީ ދައުވާ އުފުލާފައިވާކަން ފާހަގަކުރަމެވެ. އަދި އެ ދައުވާއާއި އެ ބޮޑު ނުހައްޤު އަދަބަކީ ސީދާ ރައީސް ޢަބްދުﷲ ޔާމީން ޝަރުޢީ ނިޒާމަށް ނުފޫޒު ފޯރުއްވައިގެން ރައީސް ޔާމީންގެ އެންގެވުމުގެ މަތިން ހިންގާފައިވާ އަނިޔާވެރިކަމެކެވެ. އަދި މިއީ ރާއްޖޭގެ ތާރީޚުގައިވެސް ކޮށްފައިވާ އެންމެ ނާއިންސާފު އަދި އެންމެ އަނިޔާވެރިކަން ބޮޑު އެއް ޙުކުމްކަމާއިމެދު ޝައްކެއްނެތެވެ. ހަމައެފަދައިން މިއީ ރައީސް ޢަބްދުﷲ ޔާމީންގެ އަނިޔާވެރިކަން އިންތިހާއަށް ގޮސްފައިވާކަމުގެ ހެއްކެކެވެ.
ޝެއިޙް އިމްރާންގެ މައްޗަށް މި ނާއިންސާފް އަދި އަނިޔާވެރި ޙުކުމް ކޮށްފައިވަނީ މި ސަރުކާރުގެ ނޭއްގާނީ ކަންކަމާއި އަނިޔާވެރިކަމާއި ދެކޮޅަށް އަޑުއުފުލާ ފަރާތްތައް ނެތިކޮށްލައި ބިރުދެއްކުމުގެ ގޮތުންނެވެ. އަނިޔާވެރިކަމުގެ ކުރިމަތީގައި ޝެއިޙް އިމްރާން ދައްކަވަމުންދާ ސާބިތުކަމާއި ހިތްވަރުފުޅަށް މި ޕާޓީއިން އައްސަރިބަހާއި ސާބަސް ދަންނަވަމެވެ. އަދި އަނިޔާވެރިކަމާއި ނާއިންސާފާއި ދެކޮޅަށް އަޅުގަނޑުމެން އެންމެން ކުރަމުންމިދާ މަސައްކަތް ހުއްޓުމެއްނެތި ކުރަމުން ގެންދާނެކަމުގެ ޔަޤީންކަން ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އަރުވަމެވެ.
ބަޔާން ނެރުނީ: އެމް.ޑީ.ޕީގެ ސެކްރެޓޭރިއަޓް
ތާރީޙް: 16 ފެބްރުއަރީ 2016