1.22 ބިލިއަން ރުފިޔާގެ ވައްކަމުގެ މައްސަލައިގެ ތުޙުމަތުގެ އިތުރުން 1.5 ބިލިއަން ޑޮލަރުގެ ކަޅުފައިސާ ދޮވުމުގެ ބައިނަލްއަޤުވާމީ ކުށުގެ ތުޙުމަތުތަކަށް ސަރުކާރުން މިހާތަނަށް ޖަވާބުދާރީވެ، ރައްދެއް ދެވިފައިނުވުން

މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން (އެމް.އެމް.ޕީ.އާރ.ސީ) އިން ދިވެހިރައްޔިތުންގެ ފައިސާއިން 1.22 ބިލިއަން ރުފިޔާގެ ޚިޔާނާތް ނުވަތަ ވައްކަން ކޮށްފައިވާކަމަށް ސަރުކާރުގެ އަމިއްލަ އިޢުތިރާފް ލިބިފައިވާއިރު، އަދި އެ ވައްކަމަކީ ރައީސް ޢަބްދުﷲ ޔާމިން ގެ ސަރުކާރުން ހިންގާފައިވާ ބޮޑު ވައްކަމެއްކަން ޔަޤީންވުމުގެ އިތުރުން އެ ވައްކަމުގައި ސީދާ ރައީސް ޢަބްދުﷲ ޔާމިން ބައިވެރިވެވަޑައިގަންނަވާކަމުގެ ހެކިތައް ހާމަވަމުންދާއިރު، އަދި ބައިނަލް އަޤުވާމީ ޖަރީމާތައް ހިންގުމުގެ ތެރެއިން ދިވެހި ރާއްޖެއަށް 1.5 ބިލިއަން ޑޮލަރުގެ ކަޅު ފައިސާ އެތެރެކޮށް އެ ކަޅު ފައިސާ ދޮވުމުގެ ބައިނަލްއަޤުވާމީ ކުށުގެ ބައިވެރިއެއްގެ ގޮތުގައި ވެސް ދިވެހި ސަރުކާރުގެ އެންމެ އިސް ވެރިން ހިމެނޭކަން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އަށް ލިބެމުންދާ ހެކިތަކުގެ ޢަލީގައި ހާމަކުރަމުންދިއުމުގެ އިތުރުން، އެ ޖަރީމާތަކުގެ ޚަބަރުތައް ބައިނަލް އަޤުވާމީ މީޑިއާތަކުން ވެސް ހާމަކޮށްފައިވާއިރު، އެ ތުޙުމަތުތަކަށް ދިވެހި ސަރުކާރުން މިހާތަނަށް ޖަވާބުދާރީވެ، ރައްދެއް ދެވިފައިނުވާކަން ފާހަގަކުރަމެވެ.

މިގޮތުން އެ ސީރިއެސް ބޮޑެތި ތުޙުމަތުތަކަށް ސަރުކާރުން ޖަވާބުދާރީވެ، ރައްދެއް ދެވިފައިނުވަނީ އެ ބޮޑު ވައްކަމުގެ މައްސަލާގައާއި އަދި ކަޅުފައިސާ ދޮވުމުގެ ބައިނަލްއަޤުވާމީ ކުށުގެ މައްސަލާގައި ރައީސުލްޖުމްހޫރިއްޔާއިން ފެށިގެން ސަރުކާރުގެ އިސް ވެރިން އެކަމުގައި ޝާމިލުވެވަޑައިގެންފައިވާ މިންވަރުގެ ބޮޑުކަމުންކަމުގައި ޤަބޫލުކުރެވެއެވެ. ހަމަ އެފަދައިން އެކަމާ ގުޅޭ ސަރުކާރުގެ ލިޔެކިޔުންތައް ވެސް ހުރުމުންނެވެ.

ދިވެހި ރާއްޖެއަށް 1.5 ބިލިއަން ޑޮލަރުގެ ކަޅު ފައިސާ އެތެރެކޮށް އެ ކަޅު ފައިސާ ދޮވުމުގެ ބައިނަލްއަޤުވާމީ ކުށުގެ މައްސަލާގައި ހުދު ފިނޭންސް މިނިސްޓަރ ޢަބްދުﷲ ޖިހާދަށް ސީ.އެން.އެމް އިން ސުވާލުދެންނެވުމުން އެ ފައިސާ ރާއްޖެވަދެފައި ނުވާކަމަށް ވިދާޅުވި ނަމަވެސް އެފަދަ މުއާމަލާތެއް ހިންގުމުގެ މަސައްކަތެއް މީގެކުރިން ހިނގާފައިވާކަމަށް އެމަނިކުފާނު އިޢުތިރާފުވެވަޑައިގެންފައިވާކަން ފާހަގަކުރަމެވެ.

އެހެންކަމުން މި ބޮޑު ވައްކަމާއި އަދި ކަޅުފައިސާ ދޮވުމުގެ ބޮޑު ޖަރީމާތަކުގައި ބައިވެރިވެވަޑައިގަންނަވާކަމަށް ރައީސް ޢަބްދުﷲ ޔާމިން އާއި މި ސަރުކާރުގެ އިސް ވެރިންގެ މައްޗަށް ތުޙުމަތުކުރެވޭއިރު، އެބޭފުޅުންގެ ބާރުވެރިކަމުގެ ދަށުން މި މައްސަލަތަކުގެ ފުރިހަމަ ޖިނާޢީ ތަޙްޤީޤެއް ހިންގުމުގެ ފުރުސަތު އޮންނާނޭކަމަށް ޤަބޫލުނުކުރެވޭތީ، އެ މައްސަލަތަކުގައި ބައިނަލްއަޤުވާމީ ފަރާތްތަކުން ތަޙްޤީޤު ހިންގުމުގެ ފުރުސަތު ހުޅުވާލުމަށާއި، އަދި އެކަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި އެންމެހައި މާލީ އިދާރާތަކުގެ އެއްބާރުލުން ދެއްވުމަށް މި ޕާރޓީން ގޮވާލަމެވެ.

14 ފެބުރުއަރީ 2016
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް