ކޯޓް އަމުރަކާނުލާ ފުލުހުން ރާއްޖެ ޓީވީގެ ނޫސްވެރިޔާ ހުސެއިން ފަރިޔާޒް، އަނިޔާވެރި ގޮތަކަށް ގަދަކަމުން ޖަހައިގަނެގެން ގެންދިޔަ ބޮޑު ޖަރީމާ ކުށްވެރިކުރުން

ކޯޓް އަމުރެއް ނެތި ފުލުހުން މިއަދު ރާއްޖެ ޓީވީގެ އިމާރާތުގެ ތެރެއަށް ވަދެގަނެ ރާއްޖެ ޓީވީގެ ނޫސްވެރިޔާ ޙުސެއިން ފަރިޔާޒް، އަނިޔާވެރި ގޮތަކަށް ގަދަކަމުން ޖަހައިގަނެގެން ގެންދިޔަ ބޮޑު ޖަރީމާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)އިން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.
ކޯޓް އަމުރަކާއިނުލާ ރާއްޖެ ޓީވީގެ އިމާރާތުގެ ތެރެއަށް މިއަދު ފުލުހުން ވަދެގަނެ ނޫސްވެރިޔާ ޙުސެއިން ފަރިޔާޒް ގަދަކަމުން ޖަހައިގަނެގެން ގެންދިޔަ ގެންދިއުމަކީ ޤާނޫނު ނުހިނގާ އެންމެ ނާތަހުޒީބު ޖަންގަލީގެ އަމަލެއްކަމުގައި ސިފަކުރަމެވެ. ފުލުހުން ޙުސެއިން ފަރިޔާޒް ޣައިރުޤާނޫނީ ހައްޔަރަކުން ހައްޔަރުކުރުމުގައި އިންތިހާއަށް ހަޑިހުތުރު ބަހުން މުއާމަލާތްކޮށްފައިވުމުގެ އިތުރުން އޭނާ ލައިގެން ހުރި ގަމީސް އިރާލައި ޖީޕް ތެރެއަށް އޭނާ އެއްލާލައި އަނިޔާވެރިވެފައިވެއެވެ. ފުލުހުންގެ ޣައިރުޤާނޫނީ އަދި އެ އަނިޔާވެރި އަމަލަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ފާޅުގައިދިން ހަމަލާއެއްކަން ފާހަގަކުރަމެވެ. އަދި އެއީ ނޫސްވެރިނަށް ބިރުދެއްކުމަށް ހިންގި ބޮޑު ޖަރީމާއެކެވެ.
ރާއްޖެ ޓީވީގެ ނޫސްވެރިންނަށާއި އިމާރާތަށް ތަކުރާރުކޮށް ދެމުންދާ މިފަދަ ހަމަލާތަކަކީ ސަރުކާރަށް ފާޑުކިޔާ ޚަބަރުތަށް ގެނެސްދޭ ޗެނަލްއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ސަބަބުންދޭ ހަމަލާތަކެކެވެ. އަދި އެއީ އިންތިޒާމުވެ ރޭވިގެން ހިންގާ ސްޓޭޓް ސްޕޮންސާރޑް ޓެރަރިޒަމްގެ އަމަލުތަކެއްގެ ގޮތުގައި ސިފަކުރަމެވެ.
ރާއްޖެ ޓީވީން ގެނެސްދޭ އެކިއެކި ޕްރޮގްރާމްތަށް ގެނައުން ޤާނޫނާއި ޚިލާފަށް މަނާކޮށް ނޫސްވެރިކަމުގެ މިނިވަންކަމަށް ފާޅުގައި އަރައިގަންނަމުންދާކަންވެސް ފާހަގަކުރަމެވެ. މިގޮތުން ރައީސް އަބްދުﷲ ޔާމިން އިސްލާމް ދީނުގައި އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ސިހުރު ހެދުމަށްޓަކައި ބިދޭސީ ފާދިރީއެއްގެ ގާތަށް ވަޑައިގެން ހިންގެވި ހަރާމް ކަންތައް، އެމަނިކުފާނުގެ އަޑުފުޅުން ހެކިތަކާއިއެކު ގެނެސްދިނުމުން އެމަނިކުފާނު ހިންގެވި އެ ބޮޑު ހަރާމްކަންތައް ބެލުމުގެ ބަދަލުގައި ރާއްޖެ ޓީވީ ކުއްވެރިކޮށް އެ ޕްރޮގްރާމް ގެނެސްދިނުން މަނާކޮށްފައިވަނީ ކަނޑައެޅިގެން ޤާނޫނުތަކާއި ޚިލާފާށްކަން ފާހަގަކުރަމެވެ. އަދި އެއީ ސަރުކާރުގެ ނުފޫޒުން ބްރޯޑްކާސްޓިންގ ކޮމިޝަންގެ ފަރާތުން މީޑިއާގެ މިނިވަންކަމަށް ދިން ހަމަލާއެކެވެ. އެހެންކަމުން މިދަނޑިވަޅުގައި ބްރޯޑްކާސްޓިންގ ކޮމިޝަންގެ ޣައިރުޤާނޫނީ އެ އަމަލުވެސް ކުއްވެރިކުރަމެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީގެ ސެކްރެޓޭރިއަޓް
13 ފެބްރުއަރީ 2016