ގަލޮޅޫ އުތުރު ދާއިރާގެ މެމްބަރ އީވާ ޢަބްދުﷲ އާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ އަޙްމަދު މަޙުލޫފާ ދެބޭފުޅުންނަށް ބިރުދެއްކުމަށްޓަކައި ފުލުސް އޮފީހަށް ޙާޟިރުކުރިކުރުން ކުށްވެރިކުރުން

ރައީސް ޢަބްދުﷲ ޔާމިން ގެ ސަރުކާރުން ދިވެހިރައްޔިތުންގެ ފައިސާއިން 1.2 ބިލިއަން ރުފިޔާގެ ވައްކަންކޮށްފައިވާތީއާއި އަދި އެކަމުގައި ސީދާ ރައީސް ޢަބްދުﷲ ޔާމިން ބައިވެރިވެވަޑައިގަންނަވާކަމުގެ ހެކިތައް ޢާންމުވެފައިވާތީ، އެ ވައްކަމާ ދެކޮޅަށް ގ.ދޫވެހި ހުންނަ މަގުގައި ސުލްޙަވެރިކަމާއެކު އިޙްތިޖާޖުކުރުމުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ މެމްބަރ އީވާ ޢަބްދުﷲ އާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ އަޙްމަދު މަޙުލޫފާ ދެބޭފުޅުން 12 ފެބްރުއަރީ 2016 ވީ ހުކުރު ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސަށް ޙާޟިރުކޮށްފައިވާތީ އެމް.ޑީ.ޕީ އިން އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

ދިވެހިރައްޔިތުންގެ ފައިސާއިން ދިވެހިތާރީޚުގައި ވެސް ކޮށްފައިވާ އެންމެ ބޮޑު ވައްކަމުގެ މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރޭގައި ހުދު ރައީސް ޢަބްދުﷲ ޔާމިން ހިމެނިވަޑައިގަންނަވާކަމުގެ ހެކިތައް ހާމަވެފައިވާތީ އެކަން ރައްޔިތުންނާއި ދައުލަތުގެ ސަމާލުކަމަށް ގެނައުމަށާއި އަދި އެ މައްސަލަތައް ރަނގަޅަށް ތަޙްޤީޤުރުމަށް ގޮވާލައި އަޑުއުފުލުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޙައިޞިއްޔަތުން އީވާ ޢަބްދުﷲ އާއި އަޙްމަދު މަޙުލޫފާ ދެބޭފުޅުން ރައީސް ޢަބްދުﷲ ޔާމިން ދިރިއުޅުއްވާ ގ.ދޫވެހި ހުންނަ މަގުގައި ސުލްޙަވެރިކަމާއެކު އިޙްތިޖާޖުކުރުމުން އެ ދެބޭފުޅުން ކުށްވެރިކޮށް ފުލުސް އޮފީހަށް ޙާޟިރުކޮށްފައިވަނީ ރައީސް ޢަބްދުﷲ ޔާމިންގެ އަމުރުފުޅަށް އެ ދެބޭފުޅުންނަށް ބިރުދެއްކުމުގެ ގޮތުންނާއި ވައްކަމުގެ ވާހަކަ ދެއްކުމުގެ އަޑު ކަނޑުވާލުމުގެ ގޮތުންކަމަށް ދެކެމެވެ.

ރައްޔިތުންގެ ފައިސާއިން ބޮޑެތި ވައްކަންކޮށްފައިވާއިރު އެކަމުގައި އަޑުއުފުލައި އިޙްތިޖާޖުކުރުމުން އެ ވައްކަމުގެ މައްސަލަތައް ފުރިހަމައަށް ތަޙްޤީޤުކުރުމުގެ ބަދަލުގައި ސުލްޙަވެރިކަމާއެކު އިޙްތިޖާޖުކުރާ ފަރާތްތައް ކުށްވެރިކޮށް ފުލުސް އޮފީހަށް ޙާޟިރުކޮށް ބިރުދެއްކުމާއި ސުލްޙަވެރި އިޙްތިޖާޖުތަކަށް ހުރަސްއެޅުން ހުއްޓާލުމަށް އެމް.ޑީ.ޕީ އިން ތަކުރާރުކޮށް ސަރުކާރަށް ގޮވާލަމެވެ.

13 ފެބުރުއަރީ 2016
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް