ވައްކަމާ ދެކޮޅަށް އަޑުއުފުލުމަށް އިއްޔެ ބޭއްވި ހިނގާލުމަށް ފުލުހުން ހުރަސްއަޅައި އަނިޔާވެރިވެފައިވާތީ އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރުން

ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުގެ ސަރުކާރުން ދިވެހިރައްޔިތުންގެ ފައިސާއިން 1.2 ބިލިޔަން ރުފިޔާގެ ވައްކަންކޮށްފައިވާތީ އެކަމާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން 12 ފެބްރުއަރީ 2016 ވީ ހުކުރުދުވަހު ހަވީރު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އިންތިޒާމުކޮށްގެން ބޭއްވި ސުލްޙަވެރި ހިނގާލުމަށް ޤާނޫނު އަސާސީއާއި ޤާނޫނުތަކާ ޚިލާފަށް ފުލުހުން ހުރަސްއަޅައި އަނިޔާވެރިވެފައިވާތީ އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

ފަރީދީ މަގު ނަލަހިޔާ ކައިރިން އެ ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނިކޮށް އެއްވެސް އިންޒާރެއް ދިނުމެއްނެތި ފުލުހުން އެތަނަށް ގޮސް އެ ހިނގާލުމުގައި ބޭނުންކުރާ ސައުންޑް ސިސްޓަމް ހަރުކޮށްފައިވާ ޕިކަޕާއި، ދިދަތަކާއި ފެން ކޭސްތަކާއި ޑްރައިވަރާ އެކު ވަނީ ފޭރިގަނެގެން ގެންގޮސްފައެވެ. އަދި އެއަށްފަހު އެ ހިނގާލުމުގެ ބައިވެރިންނާ އެކި ހިސާބުތަކުން ކުރިމަތިލައި ނަހަމަގޮތުގައި ބާރުގެ ބޭނުންކޮށް އަދި ސީދާ ލޮލަށް އަމާޒުކޮށް ކައިރިމިނުން ޕެޕަރ ސްޕްރޭ ޖަހައި އަނިޔާވެރިވެފައިވެއެވެ. މިގޮތުން އެމް.ޑީ.ޕީ ގެ ޗެއަރޕާރސަން ގެ ނައިބު ޢަލީ ނިޔާޒުގެ ލޯފުޅަށް އަމާޒުކޮށް ކައިރި މިނުން ވަރަށް ގިނަ އަދަދަކަށް ޕެޕަރ ސްޕްރޭ ޖެހުމުގެ ސަބަބުން އެމަނިކުފާނަށް ނޭވާލެއްވުމުގެ ހާސްކަން ކުރިމަތިވެ ވަގުތުން ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންދާންޖެހުނުކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. ހަމަ އެފަދައިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މި ޕާރޓީގެ ޤައުމީ މަޖިލީހުގެ މެމްބަރުންނާއި އަދި އެ ހިނގާލުމުގައި ބައިވެރިވި އެތަކެއް ރައްޔިތުންގެ ލޮލަށް ޕެޕަރ ސްޕްރޭ ޖަހައި އަނިޔާވެރިވެ އަދި ބައެއް މީހުން ހައްޔަރުކޮށްގެން ފުލުސް އޮފީހަށް ގެންގޮސްފައިވެއެވެ.

މި ސުލްޙަވެރި ހިނގާލުމަށް ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފަށް ފުލުހުން ފާޅުގައި ހުރަސްއަޅައި އަނިޔާވެރިވެފައިވަނީ ސަރުކާރުން ދިވެހިރައްޔިތުންގެ ފައިސާއިން 1.2 ބިލިޔަން ރުފިޔާއިން ކޮށްފައިވާ ވައްކަމުގެ އަޑުކަނޑުވާލުމަށް ސީދާ ރައީސް ޢަބްދުﷲ ޔާމިންގެ އަމުރުފުޅަށްކަމަށް ޤަބޫލުކުރެވެއެވެ. އަދި ފުލުހުން އެގޮތަށް ޤާނޫނޫތަކާ ޚިލާފުވެ އަނިޔާވެރިވަމުންދަނީ ފުލުހުން ޖަވާބުދާރީ ކުރުވަން ކަނޑައެޅިފައިވާ މުއައްސަސާތައް ނުކުޅެދިފައިވުމުގެ ސަބަބުން ނުވަތަ ފުލުހުންގެ ޣައިރު ޤާނޫނީ އެ ޢަމަލުތަކުގައި އެ މުއައްސަސާތައް ބައިވެރިވެފައިވުމުގެ ސަބަބުންނެވެ.

އެއްވެ އުޅުމުގެ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ސުލްޙަވެރި ސިޔާސީ ޙަރަކާތްތައް ހިންގުމުގެ މިނިވަންކަމަކީ ޑިމޮކްރެޓިކް މުޖުތަމަޢުއެއް ރަމްޒުކޮށްދޭ އެންމެ އަސާސީ މިންވަރުކަމަށްވާއިރު، ޤާނޫނު އަސާސީއާއި ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފަށް ރައީސް ޢަބްދުﷲ ޔާމިން ގެ ސަރުކާރުން މި ޙައްޤުތަކަށް ފާޅުގައި އަރަގަންނަމުންދާކަން ފާހަގަކުރަމެވެ. އަދި “ޑިމޮކްރެސީ ވީކް” ގެ ނަމުގައި އިލެކްޝަންސް ކޮމިޝަނުން ހަފުތާއެއް ފާހަގަކުރަމުންދިއުމުގެ އިތުރުން ސިޔާސީ ޕާރޓީތަކުގެ މެދުގައި މަޝްވަރާކުރުމުގެ ވާހަކަ އިޢުލާނުކޮށްފައިވާއިރު، ސަރުކާރުގެ ފަރާތުން މިފަދަ ޤާނޫނު އަސާސީއާ ޚިލާފު އަދި އަނިޔާވެރި ޢަމަލުތައް ފެންނަމުންދާކަމީ ސަރުކާރުގެ އިޚްލާސްތެރިކަމެއް ނެތްކަން ހާމަވާކަމެކެވެ.

ސުލްޙަވެރި ސިޔާސީ ޙަރަކާތްތައް ހިންގުމުގެ މިނިވަންކަމަށާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުން ވަގުތުން ހުއްޓާލުމަށާއި ޤާނޫނު އަސާސީއަށް ބޯލެނބުމަށް މި ޕާރޓީން ސަރުކާރަށް ގޮވާލަމެވެ.

13 ފެބްރުއަރީ 2016
ބަޔާންނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް