ރައީސް އަބްދުﷲ ޔާމީން ބިދޭސީ ސިހުރު ހަދާ ފާދިރީއެއްގެ ގާތަށް ވަޑައިގެން އިސްލާމްދީނުގައި ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ސިހުރު ހަދައިގެން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ ނަފްސުފުޅަށް ގެއްލުން ދިނުމުގެ މަސައްކަތްޕުޅު ކުރެއްވި ކަމުގެ ސާފު ހެކި ލިބޭ ގޮތަށް ރައީސް އަބްދުﷲ ޔާމީންގެ އޯޑިއޯ ރެކޯޑިންގއެށް މީޑިއާއިން ހާމަކޮށްފައިވާތީ ރައީސް އަބްދުﷲ ޔާމީން ސިހުރު ހެއްދެވި މައްސަލަ ތަހުގީގް ކޮށްދެއްވުމަށް މި ޕާޓީން މޯލްޑިވްސް ޕޮލިސް ސާރވިސްއަށް މިއަދު ހުށަހަޅައިފިއެވެ.
6 ފެބްރުއަރީ 2016 ވަނަ ދުވަހުގެރޭ ރާއްޖެޓީވީން އާއްމުކުރި ޕްރޮގްރާމް “ސިހުރުގެ ވެރިކަން” ޑޮކިއުމެންޓްރީގައި ރައީސް އަބްދުﷲ ޔާމީން އަސޭލާ ވިކްރަމަސިންގ ކިޔާ ސިހުރުހަދާ ބިދޭސީ ފާދިރީއެއްގެ ގާތަށް ވަޑައިގެން އިސްލާމް ދީނުގައި ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ސިހުރު ހެދުމަށް ސިހުރުވެރިޔާ ގާތުގައި އެދިވަޑައިގެން ކަމާއި މިގޮތުން ސިހުރު ހަދައިގެން ރައީސް މުޙައްމަދު ނަޝީދުގެ ނަފްސުފުޅަށް ގެއްލުންދިނުމަށް އެދިވަޑައިގެންކަން އެ ޑޮކިއުމެންޓްރީގައި ރައީސް އަބްދުﷲ ޔާމިންގެ އަޑުފުޅު ހިމެނޭ ގޮތަށް ސާފު ހެއްކާއިއެކު ހާމަކޮށްދީފައިވެއެވެ. އަދި މިގޮތަށް ރައީސް ނަޝީދަށް ސިހުރު ހަދައިގެން ގެއްލުން ދިނުމަށް ރައީސް އަބްދުﷲ ޔާމިން ސިހުރުވެރިޔާ މެދުވެރިވެގެން މަސައްކަތްޕުޅުކުރައްވާފައި ވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއިގުޅިގެންކަން އެ ޑޮކިއުމެންޓްރީން ހާމަވެއެވެ.