ނޫސް ބަޔާން

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހައްޔަރުކުރުމަށް ސައްޙަނޫން ކޯޓު ޢަމުރެއް ނެރުނު މައްސަލައެއް ފުލުހުން ބަލަމުންދާ ކަމަށާއި، ރައީސް މުޙައްމަދު ނަޝީދު ސަލާމަތީ ބާރުތަކުގެ އިސް އޮފިސަރަކަށް ފޯނުން ގުޅުއްވައި ރައީސުލްޖުމްހޫރިއްޔާ ހައްޔަރުކުރުމަށް ކޯޓު ޢަމުރެއް ނެރެފައިވާ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ހައްޔަރުކުރުމަށް ބާރުއަޅުއްވައި ވާހަކަފުޅު ދައްކަވާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފައިވާތީ ދަންނަވަމެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހިންގަވާފައިވާ އިންތިހާއަށް ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކާއި، މަނީ ލޯންޑްރިންގ ގެ މައްސަލަތަކާއި، މާތްވެގެންވާ އިސްލާމް ދީނުގައި ކަނޑައެޅިގެން ނަހީކޮށްފައިވާ ސިހުރު ހެދުމުގެ މައްސަލަތަކަކީ މޯލްޑިވްސް ޕޮލިސް ސަރވިސް އިން މިހާރުން މިހާރަށް ތަޙްޤީޤު ކުރަންޖެހޭ މައްސަލަތަކެކެވެ. އަދި އެމައްސަލަތަކަކީ މިހާރު ދިވެހި އެންމެހައި ރައްޔިތުންނަށާއި ބައިނަލްއަޤްވާމީ މުޖްތަމަޢަށް އެމައްސަލަތަކުގެ ފުރިހަމަ ހެކި ލިބިފައިވާ މައްސަލަތަކެކެވެ. އެމައްސަލަތައް ތަޙްޤީޤު ކުރުމަށް ފުލުހުންގެ އިދާރާއަށް އެޅިފައި އޮތް ހުރަހަކީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުޤައްޔޫމް ވީއްލިފައި ހުންނެވުން ކަމުގައި ވަނީ ނަމަ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހައްޔަރުކުރައްވައިގެންވެސް އެމައްސަލަތައް މިވަގުތު ތަޙްޤީޤު ކުރުމަށް ދިވެހި ސަލާމަތީ ބާރުތަކަށް ގޮވާލަމެވެ.

އަދި ދަންނަވަމެވެ. ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހައްޔަރުކުރުމަށް ކޯޓު ޢަމުރެއް ނެރެފައިވާ ވާހަކައެއް އަޑުއިވިވަޑައިގަތުމުން، ރައީސް މުޙައްމަދު ނަޝީދު ބްރިގޭޑިޔާ ޖެނެރަލް ޒަކަރިއްޔާ މަންޞޫރަށް ފޯނުން ގުޅުއްވިއެވެ. އަދި ރައީސް މުޙައްމަދު ނަޝީދު ބްރިގޭޑިޔާ ޖެނެރަލް ޒަކަރިއްޔާ މަންޞޫރަށް ގުޅުއްވީ އެފަދަ ވާހަކައެއް އަޑުއިވި ވަޑައިގަތީމާ ކަމަށާއި، އެވާހަކަ ބްރިގޭޑިޔާ ޖެނެރަލް ޒަކަރިއްޔާ މަންޞޫރަށް އަޑުއިވި ވަޑައިގެންފައިވޭތޯ ސުވާލު ކުރައްވައި ކަންކަން ރަނގަޅަށް ކުރެއްވުމަށް ދެންނެވިއެވެ. ރައީސް މުޙައްމަދު ނަޝީދަކީ، ދިވެހި ރައްޔިތުންގެ ތާޢީދު އެންމެ ބޮޑަށް މިވަގުތުވެސް އޮތް ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާއެވެ. ރާއްޖޭގެ ކަންކަން މިވަގުތު ހިނގަމުންދާ ގޮތާމެދު ރައީސް މުޙައްމަދު ނަޝީދު އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި ބޭފުޅަކު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހިންގަވަމުން އެގެންދަވާފަދަ ބޮޑެތި ޖަރީމާތައް ހިންގަވަމުން ގެންދަވާއިރު އެކަންކަމުން މި ދިވެހިރާއްޖެއާއި އަދި ދިވެހި ރައްޔިތުން ސަލާމަތް ކުރުމަށް ކުރައްވަންޖެހޭ ކޮންމެ ކަމެއް އަދިވެސް ރައީސް މުޙައްމަދު ނަޝީދު ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު އަރުވައެވެ. ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އެ ބޮޑެތި މައްސަލަތަކުގެ ފޯކަސް އެހެން ކަންކަމާ ދިމާލަށް އަނބުރާލައި، ރައްޔިތުންނަށް އެމައްސަލަތަކުގެ ޙަޤީޤަތް ވަންހަނާ ކޮށް، އެމައްސަލަތައް ފަސްއަޅާ ފޮރުވުމަށް މިވަގުތު މޯލްޑިވްސް ޕޮލިސް ސަރިވިސް އިން މަސައްކަތް ނުކުރުމަށްވެސް ދަންނަވަމެވެ.