އެމް.އެމް.ޕީ.އާރ.ސީގެ މައްސަލައާ ގުޅޭ މައުލޫމާތު ހާމަކުރަމުން ގެންދިއުމަށް ގޮވާލުން

ހޮނިހިރުދުވަހު ދިވެހިރާއްޖޭގެ އޮޑިޓަަރ ޖެނެރެލްގެ އޮފީހުން ނެރުއްވާފައިވާ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރ.ސީ)ގެ ޚާއްސަ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން ތުހުމަތުކުރެވޭ އެއް ފަރާތް ކަމުގައިވާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ކަން ހިނގާފައިވާ ގޮތް ހާމަ ކުރައްވާފައިވާތީ އެކަަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމް.ޑީ.ޕީ)ން މަރުހަބާ ކިޔަމެވެ. އަދި މި މައުލޫމާތު އޮޑިޓަރ ޖެނެރެލްގެ އޮފީހުގެ ރިޕޯޓުގައި ހިމަނުއްވާފައިނުވާ ކަމީ ކަންބޮޑުވާ ކަމެކެވެ.

އެެސްއޯއެފްއިން މިއަދު ބުނެފައިވަނީ ދައުލަތުގެ އޮޑިޓް ރިޕޯޓުގައި ހާމަކޮށްފައިވަނީ ހަމައެކަނި އެމް.އެމް.ޕީ.އާރ.ސީއިން އެ ކުންފުންޏަށް ފޮނުވި ޗެކްތަކުގެ މައުލޫމާތުކަމުގައެވެ. އަދި އެފައިސާއަށް ފަހުން ވެފައިވާ ގޮތުގެ އެއްވެސް މައުލޫމާތެއް އޮޑިޓް ރިޕޯޓުގައި ހާމަކޮށްފައިނުވާކަމުގައެވެ. އެސްއޯއެފުން މިއަދު ހާމަކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި އެޗެކުތަކަށް އަމަލުކޮށްފައިވާނީ ފޮނުވި ފަރާތުން އެދިފައިވާ ގޮތުގެ މަތީން ކަމުގައެވެ. އަދި އެފައިސާ އެސްއޯއެފްގެ ފަރާތުން ޕީޕީއެމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި، ސަރުކާރުގެ އިސްވެރިންނަށާއި، އެކިއެކި ފަރާތްތަކަށް ފޯރުކޮށްދީފައިވާކަމުގައި އެސްއޯއެފްއިން ވަނީ ހާމަކޮށްފައެވެ. އަދި މިކަންކަން ހިނގާފައިވާގޮތް ސިއްރުކުރަންޖެހޭ ސަބަބެއް އޮތްކަމަށް ޤަބޫލު ނުކުރާ ކަމުގައި އެސްއޯއެފްއިން ވަނީ ބުނެފައެވެ.

މިފަދަ ބޮޑު ޚިޔާނާތުގެ މައްސަލައެއް ފެންމަތިވެފައިވާ ހިނދު މިކަން ހިނގިގޮތުގެ މައުލޫމާތު އެނގޭނެ އެތައް ފަރާތްތަކެއްވާނެ ކަމުގައި މި ޕާޓީން ޤަބޫލުކުރަމެވެ. އެހެންކަމުން ދިވެހި ދައުލަތް މިއަދު ވެއްޓިފައިމިވާ ބޮޑު އަނދަވަޅުން ސަލާމަތް ކުރުމަށް ދިވެހި ކޮންމެ ރައްޔިތެއްގެ އެހީތެރިކަމާ އެއްބާރުލުން ބޭނުންވެއެވެ. އަދި ދައުލަތުގެ މުވައްސަސާތަކާއި ރައްޔިތުން އެކުއެކީ މިކަން ހިނގާފައިވާ ގޮތް ހޯދުމަށް އެހީތެރިވާންޖެހެއެވެ. އެހެންކަމުން މިމައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެކަން ލަސްނުކުރައްވައި ކަމާ ބެހޭ ފަރާތްތަކަށް ހާމަ ކުރެއްވުމަށް ގޮވާލަމެވެ. އަދި މިފަދަ ޙާލަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ހާމަ ކުރާ ފަރާތްތަކަށް ދައުލަތުން ރައްކާތެރިކަން ފޯރުކޮށްދޭންވާނެކަމުގައި މި ޕާޓީން ދެކެމެވެ.

އެމް.އެމް.ޕީ.އާރ.ސީގެެ މައްސަލައަކީ ދިވެހިރާއްޖޭގައި ފަހުގެ ތާރީޚެއްގައި ހިނގާފައިވާ އެންމެ ބޮޑު ޚިޔާނާތުގެ މައްސަލަ ކަމުގައިވާތީ މި މައްސަލަ ވަކިއަތަކަށް ޖެހުމެއްނެތި ތެދުވެރިކަމާއެކު ތަހްޤީޤް ކުރެވެން ޖެހޭނެއެވެ. ރައްޔިތުންގެ މުދަލުން ނާޖާއިޒު ގޮތުގައި ފައިދާ ހޯދުމަށް ދައުލަތުގެ ވެރިން ޝާމިލްވެގެން ހިންގާފައިވާ ޖަރީމާތަކަކީ އެންމެ ބޮޑު އިސްކަމެއްދީގެން މިއަދު ތަހްޤީޤް ކުރަން ޖެހޭ ކަމެއް ކަމުގައި މި ޕާޓީން ދެކެމެވެ. ވަކީން ޚާއްސަކޮށް އޮޑިޓަރ ޖެނެރެލްގެ އޮފީހަކީ ޤާނޫނު އަސާސީން ބާރުލިބިގެން ވަކިފަރާތަކަށް ބުރަނުވާ ގޮތަށް މުސްތަޤިއްލުކަމާއެކު މަސައްކަތް ކުރަންޖެހޭ ތަނެއްކަމުގައިވާހިނދު އެމް.އެމް.ޕީ.އާރ.ސީގެ އޮޑިޓް ރިޕޯޓުގައި އެއްވެސް ކަމެއް ފޮރުވުމެއްނެތި އެކަން ހިނގާފައިވާ ގޮތް އިޚްލާސްތެރިކަމާއެކު ރައްޔިތުންނަށް ހާމަކޮށްދިނުމަށް ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް
ތާރީޚް: 6 ފެބްރުއަރީ 2016