އެމް.އެމް.ޕީ.އާރު.ސީ ގެ ކޮރަޕްޝަނާ ގުޅޭ ތެދު ހަޤީޤަތް ރައްޔިތުންނަށް ހާމަކޮށްދިނުމަށް ގޮވާލުން

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ހިޔާނާތުގެ މައްސަލައިގެ އޮޑިޓް ނިންމައި ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އެއޮޑިޓް ރިޕޯޓު ފޮނުވާފައިވާކަމަށާއި، މާދާމާ ހަވީރުގެ ވަގުތެއްގައި އެރިޕޯޓު އާންމުކުރާނެކަމަށް އޮޑިޓް އޮފީހުން ހާމަކޮށްފައިވާއިރު، އެއޮޑިޓް ރިޕޯޓަކީ އެމް.އެމް.ޕީ.އާރް.ސީގެ ކްރަޕްޝަންގެ މައްސަލައިގެ މުޅި ތެދު ހާމަކުރާ ރިޕޯޓެއް ނޫންކަމަށް މިޕާޓީއަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

މިޕާޓީއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމް.އެމް.ޕީ.އާރް.ސީ.ގެ ކޮރަޕްޝަންގެ މައްސަލައާގުޅިގެން ކުރެވުނު އޮޑިޓުން ސާފުވި ބައެއް ޙަޤީޤަތްތައް އެރިޕޯޓުންވަނީ އުނިކޮށްފައެވެ. ޚާއްޞަގޮތެއްގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަބަލުން މެޑަމް ފާތިމަތު އިބްރާހީމްގެ އެކައުންޓަށް ޖަމާއުކުރެވިފައިވާ ފައިސާގެ މުޢާމަލާތްތަކާ ގުޅޭ މަޢުލޫމާތު އެރިޕޯޓުން އުނިކޮށްފައިވާކަން ކަންބޮޑުވުމާއެކު މިޕާޓީން ފާހަގަކުރަމެވެ.

އެމް.އެމް.ޕީ.އާރް.ސީ.ގެ ކޮރަޕްޝަންގެ މައްސަލައަކީ ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގި އެންމެ ބޮޑު އެއް ޖަރީމާކަމަށްވީއިރު، މިމައްސަލައާ ގުޅޭ ތެދު ހަޤީޤަތް ރައްޔިތުންނަށް ހާމަކޮށްދިނުމަކީ އޮޑިޓަރ ޖެނެރަލްގެ ބޮލުގައި އެޅިފައިވާ ދުސްތޫރީ ޒިންމާގެ އިތުރުން ދިވެހި ޤަޢުމުގެ ކުރިމަގު އާރާސްތުކުރުމަށް ކޮންމެހެންވެސް ކުރަންޖެހޭކަމެއްކަމަށް މިޕާޓީން ދެކެމެވެ. އަދި ދިވެހި ޤައުމަށް ތެދުވެރުކަމާ އިޚްލާޞްތެރިކަމާއެކު މަސައްކަތްކޮށްދިނުމަށް އޮޑިޓަރ ޖެނެރަލް އާއި އެއޮފީހުގެ އެންމެހައި މުވައްޒަފުންނަށް މިޕާޓީގެ ފަރާތުން އިލްތިމާޞްކުރަމެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކެޓޭރިއެޓް
ތާރީޚް: 5 ފެބްރުއަރީ 2015