ކަރަންޓުގެ ޚިދުމަތް ދިނުމުގައި ރައްޔިތުންނަށް އޮޅުވާލައި ގެއްލުންވާ ގޮތަށް އަމަލުކުރަމުން ދާތީ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރުން

ޕީޕީއެމް އެމްޑީއޭ ކޯލިޝަން ސަރުކާރުން ހުރިހާ ކަމެއްވެސް އޮޅުވާލުމާ ކޮރަޕްޝަންގެ ތެރެއިންކުރާ ބީދައިން، ރައްޔިތުންނަށް ތެލާ ކަރަންޓު ފޯރުކޮށްދިނުމުގައިވެސް ގިނަގުނަ އޮޅުވާލުންތަކެއް ހުރިކަން ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ސިޔާސަތު ކޮމިޓީން ފާހަގަކޮށް މިކަންކަމާމެދު ކަންބޮޑުވުން ފާޅުކުރަމެވެ.

ދިވެހި ރައްޔިތުންނަށް މިސަރުކާރުން ދަނީ ގިނަގުނަ ހަޤީޤަތްތަކެއް އޮޅުވާލާ، ވެރިންގެ ޖީބަށް ބަރުކުރުމަށާ އެކިއެކި ސިޔާސީ ބޭނުންތައް ހާސިލްކުރުމަށް ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވެ ރައްޔިތުންގެ ޙައްޤުތައް ނިގުޅައިގަންނަމުންނެވެ. 2010 ވަނަ އަހަރު އެމްޑީޕީ ސަރުކާރު ވެރިކަމުގައި އޮތް އިރު، ޑީސަލް ފީފާއެއް ހުރީ އެވްރެޖްކޮށް 1235 ރުފިޔާގެ މަގުންނެވެ. އޭރު ޑީސަލް ލީޓަރެއް ވިއްކީ 10.10 ރުފިޔާއަށެވެ. 2015 ގައި ޑީސަލްގެ އަގު ދުނިޔޭގެ ބާޒާރުގައި ވަރަށް ބޮޑު ތަން ދަށްވެ ފީފާއެއް އެވްރެޖްކޮށް 539 ރުފިޔާއަށް ވެއްޓުނެވެ. ނަމަވެސް، މިއަގަށް އައި ބަދަލުން ރައްޔިތުންނަށް ލުޔެއް ހޯދައިނުދީ ތެޔޮ ލީޓަރެއް ވިއްކާފައިވަނީ 10 ރުފިޔާއަށެވެ. މިހާރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އިތުރަށް ދަށްވެފައެވެ. މިހާރު ތެޔޮ ފީފާއެއް އެވްރެޖްކޮށް 416 ރުފިޔާއަށް ލިބޭ އިރު ރައްޔިތުންނަށް ތެޔޮ ފޯރުކޮށްދޭ އަގު އިންތިހާއަށް ބޮޑެވެ.

އެހެންކަމުން 2010 އަޅާބަލާއިރު 2015 ވަނަ އަހަރު ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އަށް 3 ގުނަ އިތުރަށް ފައިދާ ވެފައިވެއެވެ. މިއީ ރައްޔިތުންނަށް ލުޔެއް ނުދީ އަގުބޮޑުކޮށް ތެޔޮ ވިއްކައިގެން ލިބިފައިވާ ފައިދާއެވެ.

މީގެ އިތުރުން ސަރުކާރުން ކަރަންޓު ފޯރުކޮށްދޭ އަގު ބޮޑުކޮށްފައިވާއިރު ރައްޔިތުންނަށް ކުރިންވެސް ކަރަންޓް ބިލް ބޮޑުވާތީ ލުޔެއް ދިނުމުގެގޮތުން 2010 ވަނަ އަހަރުން ފެށިގެން ދެމުންގެންދިޔަ ކަރަންޓް ސަބްސިޑީވެސް ކަނޑާލާފައިވުމަކީ ރައްޔިތުންނަށް ހެޔޮ އެދޭ އޯގާތެރި ސަރުކާރަކުން އަމަލު ކުރާނެ ގޮތެއް ނޫންކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކުރަމެވެ.

މިގޮތަށް ކަރަންޓު ސަބްސިޑީގެ ގޮތުގައި ދެވޭ ފައިސާ ދިނުން ހުއްޓާލުމުން ސަރުކާރަށް 700 މިލިއަން ރުފިޔާ 2016 ވަނަ އަހަރު ލިބިގެންދާނެއެވެ. ނަމަވެސް މިއީ ރައްޔިތުންގެ ހައްގެއް ނިގުޅައިފަތުމަށްފަހު ރައްޔިތުންގެ އަތުން ސަރުކާރަށް މިއަހަރު ތެރޭގައި އިތުރަށް ނަގާނެ ފައިސާއެވެ. ކަރަންޓު ބިލް ބޮޑުކޮށްފައި، ސަބްސިޑީ ކަނޑާލުމުން ރައްޔިތުންގެ ޖީބުން 1.5 ބިލިއަން ރުފިޔާ އިތުރަށް ނަގާނެކަންވެސް ފާހަގަކުރަމެވެ.
ކަރަންޓު ބިލް ކުޑަކުރާކަމަށް ދެއްކުމަށްޓަކައި ބިލް ކުރާ މުއްދަތު 30 ދުވަހުން 22 ދުވަހަށް ބަދަލުކުރުމަށް ގަސްދުކޮށްފައިވާކަމަށް ވަނީ މުއުތަބަރު ފަރާތްތަކުން މިކޮމިޓީއަށް މައުލޫމާތު ދެއްވާފައިވެއެވެ. މިހެން ހެދުމުން ކޮންމެ 22 ދުވަހަކުން ބިލް އަންނަ އިރު ކަރަންޓު ބިލް ކުޑަވާހެން ހީވާނެއެވެ. އެހެން ހުރިހާ ކަމެއްގައިވެސް އަމަލުކުރާ ފަދައިން ކަރަންޓުގެ ޚިދުމަތް ފޯރުކުރުމާ ރައްޔިތުންގެ އަތުން މިޚިދުމަތަށް ފައިސާ ނެގުން ވެސް ރޭވިފައިވަނީ އޮޅުވާލުމެއްގެ ތެރެއިންނެވެ.

ސްޓެލްކޯ އުފެދުމުގެ ފަހުން ގެއްލުމުގައި ހިނގުމަށްފަހު އެމްޑީޕީ ސަރުކާރުގައި ސްޓެލްކޯ އަކީ 2010 ގައި ފައިދާވާ ކުންފުންޏަކަށްވަނީ ވެފައެވެ. މިގޮތަށް ވެގެންދިޔަ އެންމެ ބޮޑު ސަބަބަކީ ކުރީގަ ދެމުން ދިޔަ ގޮތަށް ސަރުކާރުން ކުންފުންޏަށް ފައިސާ ދިނުމުގެ ބަދަލުގައި ސަބްސިޑީގެ ގޮތުގައި ސީދާ ރައްޔިތު މީހާގެ ބިލްގެ ބައެއް ސަބްސިޑީގެ ގޮތުގައި ދައްކަން ފެށުމެވެ. އަދި މިގޮތުން ކޮރަޕްޝަނަށް ހުޅުވިފަވާ ދޮރުތައްވެސް ބަންދުވެގެން ދިޔައެވެ. ނަމަވެސް މިހާރު ސަރުކާރުން ވަކި ސަބަބެއް ތަފްސީލުކޮށްދިނުމެެއްނެތި ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި ދައްވެފައިވާ ވަގުތެއްގައި ކަރަންޓުގެ އަގު ބޮޑުކޮށް ސަބްސިޑީ ކަނޑާލުމަކީ ރައްޔިތުންނަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ކުރިމަތިކުރުވާނެކަމަށް ދެކެމެވެ. އަދި ކޮރަޕްޝަނަށް މަގުފަހި ވާނެ އަމަލެއްކަމަށްވެސް ޤަބޫލުކުރަމެވެ.

ސަބްސިޑީ ދެވޭ ފަރާތްތަކަކީ ޤައުމުގައި އެންމެ އެހީއަށް ބޭނުންވާ ފަރާތްތައް ކަމަށްވާ ހިނދު، އެ ރައްޔިތުންގެ ހައްޤުތައް އަދާ ނުކޮށްދީ މިސަރުކާރުން ބަލާފައިވަނީ މިނިވަން 50ގެ ބޮކިފަތި ދިއްލުމަށާ، ފެން އަރުވާ ވަޑާމެއް ހެދުމާ، ރައީސް ޔާމީން އަށް 2 ޔޮޓް ހޯދުމަށާ، މިނޫންވެސް ކޮރަޕްޝަނަށް މަގުފަހިވާފަދަ ކަންކަންކުރުމަށެވެ.

ދިވެހި ރައްޔިތުންގެ ފައިސާ ބޭނުންކޮށްގެން ރައްޔިތުންނަށް ފައިދާވާ ކަންކަން ކުރުމުގެ ބަދަލުގައި ވަކި ބައެއްގެ މުނިފޫހިފިލުވުމަށް ނުވަތަ ވެރިންގެ އުފަލާ ހިތްހަމަޖެހުމަށް ކަންކަން ކުރަމުން މިސަރުކާރުން ގެންދާތީ އެކަން ކުށްވެރި ކުރަމެވެ. ދިވެހި ރައްޔިތުންގެ ދަލާއި ލޭ އޮހޮރުވައިގެން ކުރާ ބުރަ މަސައްކަތުން ލިބޭ ފައިސާ މިސަރުކާރުން އޮޅުވާލުމާ، މަކަރާ، ހީލަތުގެ ތެރެއިން އަތުލާ އަދި ކޮރަޕްޝަންގެ އަމަލުތަކުން މިފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރާތީ މިކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށް، ކަރަންޓު ބިލް ބޮޑު ނުކުރުމަށާ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުންނަ އަގުގެ ނިސްބަތުން އަތްފޯރާ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށާ، ސަބްސިޑީ ކަނޑާނުލުމަށް ހަރު އަޑުން ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސިޔާސަތު ކޮމިޓީ
31 ޖެނުއަރީ 2016