ޕޮލިސް ސްޓޭޓަކުން ދައްކާ ޒާތުގެ ވާހަކަ މޯލްޑިވްސް ޕޮލިސް ސަރވިސުން ދައްކަވަމުންދާތީ އެކަމުގައި ކަންބޮޑުވުން ފާޅުކޮށް އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރުން

ދައުލަތުގެ ނުވަތަ ސަރުކާރުގެ ރަސްމީ އިދާރާތަކުގެ ތަފާސްހިސާބުތަކާއި ރަސްމީ މަޢުލޫމާތުތަކާ ޚިލާފަށް އެއްވެސް ފަރާތަކުން ވާހަކަނުދެއްކުމަށް ގޮވާލާ މޯލްޑިވްސް ޕޮލިސް ސަރވިސުން 26 ޖެނުއަރީގައި ނެރުއްވި ނޫސްބަޔާނާމެދު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން ކަންބޮޑުވުން ފާޅުކޮށް އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރުން.

ރާއްޖޭގެ ޙާލަތާމެދު ސިޔާސީ އެއް ޕާރޓީއަކުން ދައްކާ ވާހަކަތަކަކަށް ސިޔާސީ އެހެން ޕާރޓީއެއް ފަދައިން ވެވަޑައިގެން މޯލްޑިވްސް ޕޮލިސް ސަރވިސުން ރައްދުދީ ނޫސްބަޔާންތައް ނެރުއްވަމުން ގެންދެވުމަކީ އެމް.ޑީ.ޕީ އިން ކަންބޮޑުވާކަމެކެވެ.

މިރާއްޖޭގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި، ދައުލަތުގެ ނުވަތަ ސަރުކާރުގެ ތަފާސްހިސާބުތަކުގައި ހުންނަ ވާހަކަތަކާއި ނުހުންނަ ވާހަކަތައް ދެއްކުމާއި އެމަގަށް މަސައްކަތްކުރުމަކީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާރޓީގެ ޙައިސިއްޔަތުން މި ޕާރޓީގެ އެންމެ ބޮޑު މަސްއޫލިއްޔަތުކަން ހަނދުމަފުޅުކޮށް އަރުވަމެވެ. ދައުލަތުގެ ނުވަތަ ސަރުކާރުގެ ތަފާސްހިސާބުތަކާއި ރަސްމީ މަޢުލޫމާތުތަކާ ޚިލާފަށް އެއްވެސް ފަރާތަކުން ވާހަކަނުދެއްކުމަށް ބުނެ ފުލުހުން ބަޔާން ނެރުއްވުމަކީ ޕޮލިސް ސްޓޭޓަކުން ކުރާ ޒާތުގެ އަމުރެއްކަން ފާހަގަކުރަމެވެ.

ފުލުހުންގެ ބަޔާނުގައި ރާއްޖޭގައި ސިޔާސީގޮތުން ހައްޔަރުކުރެވިފައިވާ ފަރާތްތަކެއް ނުތިބޭނެކަމަށް ވިދާޅުވެފައިވާއިރު، ރާއްޖޭގައި އެތަކެއް ސިޔާސީ ބޭފުޅުން މިވަގުތުވެސް ޙައްޔަރުގައި ތިބިކަމާއި އަދި އެފަރާތްތައް ޙައްޔަރުކޮށްގެން ގެންގުޅުއްވަމުންދަނީ ސިޔާސީ މަގުސަދުގައިކަން ރާއްޖޭގެ ގިނަ ރައްޔިތުންނާއި ދުނިޔޭގެ ޤައުމުތަކުންނާއި ބައިނަލްއަޤުވާމީ ޖަމިއްޔާ ޖަމާޢަތްތަކުން ގެންދަނީ ބުނަމުންނެވެ. އެގޮތުން ރައީސް މުޙައްމަދު ނަޝީދު ޙައްޔަރުކޮށްފައިވަނީ ވެސް ރާއްޖޭގެ ޤާނޫނުތަކާ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފަށް ސިޔާސީ މަގުސަދެއްގައިކަމަށް އދ. އިންވެސް ވަނީ ނިންމާފައެވެ.

ހަމައެފަދައިން ވޭތުވެދިއަ 2 އަހަރު ތެރޭގައި ސިޔާސީ ޙަރަކާތްތަކުން ހައްޔަރުކޮށްފައިވަނީ 109 މީހުންކަމަށް ފުލުހުންގެ ބަޔާނުގައި ވިދާޅުވެފައިވާއިރު، މޭޑޭ ގެ މުޒާހަރާއިން އެކަނި ވެސް 230 މީހުނަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވެއެވެ. އަދި އެމް.ޑީ.ޕީ ގެ ސަރުކާރު ވައްޓާލުމަށްފަހު އެކިއެކި ސިޔާސީ ޙަރަކާތްތަކުގެ ތެރެއިން 1700 އަށްވުރެ ގިނަ މީހުން މިހާތަނަށް ހައްޔަރުކޮށް ޖިނާޢީ އެކިއެކި މަރުޙަލާތަކުގައިވާކަން ފާހަގަކުރަމެވެ. އަދި މިގޮތުން ހައްޔަރުކުރެވުނު މިދެންނެވި އެންމެހައި މީހުންގެ ފުރިހަމަ މަޢުލޫމާތު ސަރުކާރާއި އެމް.ޑީ.ޕީ އާ ދެމެދު މީގެކުރިން ފެއްޓި މަޝްވަރާގެ ވާހަކަތަކަށް ވެސް މި ޕާރޓީން ވާނީ ހުށަހަޅާފައެވެ. ފުލުހުންނަށް ކަންކަމުގެ ރެކޯޑު ނުބެލެހެއްޓެވިވުމަކީ އެ މުއައްސަސާގެ މައްސަލައެއްކަމަށް ދެކެމެވެ.

ބޭރުގެ ޓެރަރިސްޓް ޖަމާޢަތްތަކާ ގުޅިގެން ރާއްޖެގެއިން ބޭރަށް ހަނގުރާމައަށްދާ ފަރާތްތަކުގެ އަދަދު ކަންބޮޑުވާ ދަރަޖައަށް ދުވަހުން ދުވަހަށް އިތުރުވެފައިވާއިރު ފުލުހުންގެ ބަޔާނުގައި އެކަމަށް ވަނީ އިންކާރުކުރައްވާފައެވެ. މި ޕާރޓީން ދައްކާ ވާހަކަތަކަކީ މިކަންކަން ބަލާ ބައިނަލްއަޤުވާމީ ޤައުމުތަކާއި ޖަމާޢަތްތަކުގެ ސައްޙަ ރިޕޯރޓުތަކުގައި ބަޔާންކޮށްފައިވާ ޙަޤީޤީ މަޢުލޫމާތުގެ އަލީގައި ދައްކާ ޙަޤީޤީ ވާހަކަތަކެވެ. ފުލުހުންގެ އެ ބަޔާން ނެރުމާއެކު ހަމަ އެދުވަހު ހާމަވެގެން ދިއަ އަނެއް ޚަބަރަކީ ވެސް ދިވެހިންގެ އެއް އާއިލާއަކުން އެއްފަހަރާ 12 މީހަކު ސީރިއާއަށް ހަނގުރާމައަށް ދިއަ ޚަބަރުކަން ފާހަގަކުރަމެވެ.

ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމު ފުލުހުންނާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅެއްގެ ސަބަބުން ވެސް، ފައިސާއާއި ނުފޫޒު އިންތިހާއަށް ވަދެ ކޮރަޕްޓްވެފައިވާ މުއައްސަސާއެއްގެ ނަން އެޅިގެން ތިއްބަވައި، ފުލުހުން އެފަދަ ނޫސްބަޔާން ނެރުއްވުމަކީ ފުލުހުންގެ މުއައްސަސާއާމެދު އިތުރަށް ރައްޔިތުންގެ އިތުބާރު ގެއްލިގެންދާނޭކަމެކެވެ.

ފުލުހުންގެ މުއައްސަސާއަށް ނިސްބަތްވެވަޑައިގަންނަވާ ޕްރޮފެޝަނަލް ގިނަ ފުލުހުން ތިއްބެވިއިރު، އެބޭފުޅުންގެ ނަންފުޅަށް ހުތުރުކަން އަންނަގޮތަށް އެފަދަ ސިޔާސީ ބަޔާންތައް ނެރުންވުން ހުއްޓަވާލެއްވުމަށާއި ފުލުހުންގެ މުއައްސަސާއަކީ ސިޔާސީ ނުފޫޒުން އެއްކިބާވެގެންވާ ޕްރޮފެޝަނަލް ތަނަކަށް ހެއްދެވުމުގެ މަސައްކަތްޕުޅު ފެއްޓެވުމަށް ކޮމިޝަނަރ އޮފް ޕޮލިސް އަށް މި ޕާރޓީން ގޮވާލަމެވެ.

27 ޖެނުއަރީ 2016
ބަޔާންނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް