ގދ. ތިނަދޫ އިންޖީނުގޭގައި އަލިފާން ރޯވުމުގެ ސަބަބުން ހާލުގައިޖެހިފައިވާ ރައްޔިތުންނަށް އެހީތެރިވުމަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅާފައިނުވާތީ އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރުން

ގދ. ތިނަދޫ އިންޖީނުގޭގައި ރޭގެ ދަންވަރުގެ ވަގުތެއްގައި އަލިފާން ރޯވެ މުޅި އިންޖީނުގެ އެއްކޮށް އަނދާ އަޅިއަށްވުމުގެ ސަބަބުން އެއިރުންސުރެ އެރަށުގެ ރައްޔިތުން ކަރަންޓްގެ ޚިދުމަތުން މަހުރޫމުވެ، މުޅި ރަށުގެ ރައްޔިތުން އެއްކޮށް ޙާލުގައިޖެހިފައިވާއިރު، އެކަމުގައި ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅާފައިނުވާތީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

ގދ. ތިނަދޫ އިންޖީނުގެ އެނދުމުގެ ސަބަބުން ރަށުގެ ގެތަކަށް ކަރަންޓު ނުލިބި، ރޭންސުރެ އަނދިރީގައާއި ހޫނާއި ވޭނުގައި ކުޑަކުދިންނާއި އެންމެހައި ރައްޔިތުން އުޅެންޖެހިފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. ދަރިވަރުން ސްކޫލަށް ގެންދެވޭނޭގޮތް ނުވެ، ރަށުގެ ރައްޔިތުން އެތަކެއް އުނދަގޫތަކާ ކުރިމަތިލާންޖެހިފައިވާކަން ވެސް ފާހަގަކުރަމެވެ. ކަރަންޓު ނެތުމުގެ ސަބަބުން ސާފު ފެނާއި އަދި ބޯފެނުގެ ޚިދުމަތް ލިބުން ވެސް ހުއްޓިފައިވާކަން އިންތިހާއަށް ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. މީގެ އިތުރުން ވެސް އާންމު ދިރިއުޅުމުގެ އެންމެހައި ޟޮރޫރީ ބޭނުންތަކުގެ ޚިދުމަތްތަކުން އެ ރަށުގެ ރައްޔިތުން މަހުރޫމުވެފައިވާކަން ފާހަގަކުރަމެވެ.

މިފަދަ ދަތި އުނދަގޫ ޙާލަތެއް ތިނަދޫގެ ރައްޔިތުން ތަހައްމަލުކުރަންޖެހިފައިވާއިރު، އެ ޙާލަތުން އަރައިގަތުމަށް މިވަގުތާ ހަމައަށް ވެސް އެކަށީގެންވާ ފިޔަވަޅެއް ސަރުކާރުން އަޅާފައިނުވާތީ އެމް.ޑީ.ޕީ އިން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

އެމް.ޑީ.ޕީ ސަރުކާރު އޮތް އިރު، ގދ.ތިނަދޫއަށް ހިލޭ ބޯފެނުގެ ޚިދުމަތް ފޯރުކޮށްދީފައި ވީނަމަވެސް، ރައީސް ޢަބުދުﷲ ޔާމިން ގެ ސަރުކާރު އައިފަހުން ހިލޭ ފެންދޫކުރުން ހުއްޓާލައި ފެނަށް އަގުނަގަން ފަށާފައިވެއެވެ. އަދި އަދި އެމް.ޑީ.ޕީ ގެ ސަރުކާރުން އެ ރަށުގެ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެކެއް މެގަވޯޓުގެ މުޅިން އައު ޖަނަރޭޓަރަށް ބަހައްޓައި، އެއްވެސް މައްސަލައެއް ކުރިމަތި ނުވެ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން ގެންގޮސްފައިވާކަން ފާހަގަކުރަމެވެ. އަދި އާންމު ގެތަކަށާއި ވިޔަފާރިކުރާ ތަންތަނަށް ވެސް ކުޑަ އަގަގެއްގައި އެމް.ޑީ.ޕީ ގެ ސަރުކާރުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން ގެންގޮސްފައި ވަނިކޮށް މިހާރު މިއޮތް ސަރުކާރުން ވަނީ ވިޔަފާރި ކުރާ ތަންތަނުން އެތައް ގުނައެއް ކަރަންޓުގެ އަގު ބޮޑުކޮށްފައެވެ. އަދި ވިޔަފާރިކުރާ ތަންތަނަށް ވެސް އެމް.ޑީ.ޕީ ގެ ސަރުކާރުން ދެމުންދިއަ ކަރަންޓު ސަބްސިޑީ މިހާރު މިއޮތް ސަރުކާރުން ކަނޑާލާފައިވެއެވެ. ހަމައެއާއެކު އާންމު ގެތަކުން ކަރަންޓަށް ދައްކަންޖެހޭ ފައިސާގެ އަދަދު ވެސް މައްޗަށް ގޮސްފައެވެ.

މިއީ މިހާރު މިއޮތް ސަރުކާރުގެ ސިޔާސަތުތައް ބިނާކޮށްފައިވަނީ އާންމު ރައްޔިތުންނަށާއި މެދު ފަންތީގެ ވިޔަފާރިތަކަށް ހެޔޮވާނޭ ގޮތްތައް ބެލުމެއް ނެތްކަން އެނގިގެންދާ ކަމެކެވެ. މިކަން މިހެން އޮތް އިރު، އެ ރަށުގެ އިންޖީނުގޭގައި ޒަމާނުއްސުރެ މަސައްކަތްކުރަމުން ދިއަ ތަޖުރިބާހުރި އެތައް ބަޔަކު މި ސަރުކާރުން ވަކިކޮށް، ޕީ.ޕީ.އެމް ގެ އެކްޓިވިސްޓުންނަށް އިންޖީނުގޭގެ ވަޒީފާތައް ދިނުމުގެ ސަބަބުން އިންޖީނުގެ ބޮއްސުންލާ ގޮސްފައިވާކަން ވެސް ފާހަގަކުރަމެވެ.

ގދ. ތިނަދޫ އިންޖީނުގެ އަނދާ އަޅިއަށް ވުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް ޖެހިފައިވާ ދަތި އުނދަގޫ ޙާލަތުން އެ ރައްޔިތުން އަވަސް ފުރުސަތެއްގައި ސަލާމަތްކުރުމަށް ސަރުކާރުން ވަގުތުން ފިޔަވަޅު އެޅުމަށް މި ޕާރޓީން ގޮވާލަމެވެ.

26 ޖެނުއަރީ 2016
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް