ޝެއިހް އިމްރާންގެ ޝަރީއަތާއި ގުޅޭ

އަދާލަތު ޕާޓީގެ ރައީސް ޝެއިޚު އިމްރާން އަބްދުއްﷲ ގެ މައްޗަށް އުފުލައިގެން މިހާރު ކުރިއަށް ގެންދާ ދައުވާއަކީ އިންސާފުން އެއްކިބާވެ، ގާނޫނީ އަސާސެއްނެތި، ގަސްދުގައި ރާއްޖޭގައި ތިއްބެވި ދީނީ ޢިލްމުވެރިން ބިރުގަންނަވައި، ދިވެހިންގެ ބުރަ މަސައްކަތުން ހޯދައިފައިވާ ޤާނޫން އަސާސީގެ 27 ވަނަ މާއްދާގައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ޤާނޫން އަސާސީގެ 32 ވަނަ މާއްދާގައިވާ އެއްވެއުޅުމުގެ މިނިވަންކަން ނިގުޅައިގަތުމަށް ރައީސް އަބްދުއްﷲ ޔާމީން ރާވައިގެން ކުރިއަށްގެންދާ ޙީލަތްތެރި މަސައްކަތެކެވެ.

މިއަދު ދިވެހިރާއްޖޭގައި ހިނގަމުންދާ ކަންތައްތަކާމެދު އެމީހަކަށްފެންނަ ޚިޔާލުފާޅުކުރުމާއި، އަދި އިޙްތިޖާޖުކުރުމަކީ ކޮންމެމީހަކަށްވެސް ލިބިގެންވާ ޙައްގެއްކަމަށްވާހިނދު، ވެރިކަމުގައި ހުންނަވާ ބޭފުޅަކު ގާނޫނުންބޭރުން، ހިންގަވާ ކަންތަކާއި، ހައްގެއްނެތި މީހުން ހައްޔަރުކޮށް، ސިޔާސީ ދައުވާތައް އުފުލުމާއި، ދިވެހި ދައުލަތުގެ ތެރޭގައި ހިނގާގާނޫނާއި ޚިލާފު ކަންތަކުގެ ވާހަކަދައްކާ ކޮންމެ މީހެއްގެ މައްޗަށް ދައުވާއުފުލާ، އެމީހަކަށާއި އެމީހެއްގެ އާއިލާއަށް ބިރުދައްކާ މުޖްތަމަޢައުން އެއްކިބާކޮށް ޖަލައްލާން ކުރާ މަސައްކަތް މިޕާޓީން ކުއްވެރިކުރަމެވެ.

އަދާލަތުގެ ޕާޓީގެ ރައީސް މިއަދާއި ހަމައަށް ދިވެހި މުޖްތަމަޢުގައި ހިނގަމުންދާ ގާނޫނާއި ޚިލާފުކަންތަކާއިމެދު، ފާޅުގައި އަޑުއުފުލައި ހިތްވަރާއިއެކު ސާބިތުކަމާއިއެކު ވާހަކަދައްކަމުންދާތީ، އެމަނިކުފާނުގެ އަޑުކަނޑުވާލައި، މުޖްތަމަޢުން އެކަހެރިކުރުމުގެ ނިޔަތުގައި އުފުލާފައިވާ ދައުވާއަކީ ހައްގެއްނެތި، އަދި ގާނޫނީ އެއްވެސް އަސާސެއްނެތި ހިންގަމުންދާ ދައުވާއެއްކަން މުޅިދިވެހި މުޖްތަމަޢަށްދަނީ ހާމަވަމުންނެވެ. އަދި ޝެއިޚު އިމްރާންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ބޭނުމަކީ ސަރުކާރުގެ ވެރިޔަކަށް ހުންނަބޭފުޅަކު ކުރައްވާ ޢައިރުގާނޫނީ ކަންތަކުގެވާހަކަ ދައްކާ އަދި އިޙްތިޖާޖުކުރާ ކޮންމެދީނީ ޢިލްމުވެރިޔަކަށް ބިރުދެއްކުމާއި އެކަހެރިކުރުމާއި އަނިޔާވެރިވުންކަންހާމަވެގެންދާކަމަށާއި އަދި ސަރުކާރާއި ޚިޔާލުތަފާތު ކޮންމެ ދީނީއަދި ސިޔާސީ ފަރާތްތަކުގެ މައްޗަށް ދައުވާއުފުލައި އަނިޔާވެރިވުމަށް މަސައްކަތްކުރަމުންދާތަން ފެންނަމުންދާކަމަށާއި، ޝެއިޚު އިމްރާންގެ މައްޗަށް އުފުލާފައިވަނީ ގާނޫނީ އެއްވެސް ހުއްޖަތެއްނެތި ހަމައެކަނި ދީނީއިލްމުވެރިންނަށް ބިރުދެއްކުމުގެ ނިޔަތުގައި އުފުލާފައިވާ ދައްވާއެއްކަމަށްވާތީ އެކަން މިޕާޓީއިން ކުށްވެރިކޮށް ޝެއިޚު އިމްރާންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ދޫކޮށް އެމަނިކުފާނު މިނިވަންކުރުމަށް މިޕާޓީއިން ގޮވާލަމެވެ.