އޮނަރަބްލް އިބްރާހިމް ޙުސެން ޒަކީ ސިޔާސީ މަސައްކަތްފުޅުތަކުން ދުރަށްވަޑައިގަތުމާއި ބެހޭގޮތުން ނެރޭ ނޫސް ބަޔާން

އޮނަރަބަލް އިބްރާހިމް ޙުސެން ޒަކީ ސިޔާސީ މަސައްކަތްޕުޅުތަކުން ދުރައްވަޑައިގެން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން ވަކިވެވަޑައިގެންފައި ވީހިނދު އެމަނިކުފާނު އެމް.ޑީ.ޕީ އަށް ކޮށްދެއްވާފައިވާ އިޚްލާޞްތެރި މަސައްކަތްޕުޅުތަކުގެ އަގުވަޒަންކޮށް އެމަނިކުފާނަށް އެމް.ޑީ.ޕީން ނުހަނު އިޚްލާޞްތެރިކަމާއިއެކު ޝުކުރުދަންނަވަމެވެ.
އޮނަރަބަލް އިބްރާހިމް ޙުސެން ޒަކީ ވަނީ ދިވެހި ދައުލަތަށް ވަރަށް ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްކޮށްދެއްވާ ދައުލަތުގެ ވަރަށް މަތީ މަޤާމުތަކެއް ފުރުވުމުގެ އިތުރުން ސާކް ސެކްރެޓަރީ ޖެނެރަލްގެ މަޤާމުވެސް ފުރުއްވާފައެވެ. އަދި ރާއްޖޭގެ ޑިމޮކްރަސީގެ ނިޒާމް ޤާއިމު ކުރެއްވުމުގެ މުހިއްމު މަސައްކަތްތަކެއް ކުރައްވައި ، އެމް.ޑީ.ޕީގެ ނައިބު ރައީސް ކަމާއި މި ޕާޓީގެ ވަގުތީ ރައީސްކަން ކުރައްވާފައިވެއެވެ. އަދި އެމް.ޑީ.ޕީގެ ވެރިކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ ޚާއްޞަ މުޝީރުކަން ވެސް ކުރައްވާފައިވެއެވެ.
އޮނަރަބަލް އިބްރާހިމް ޙުސެން ޒަކީ އެމް.ޑީ.ޕީއަށް ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްޕުޅުތަކަށް މިޕާޓީގެ ލީޑާރޝިޕުގެ ނަމުގައާއި މިޕާޓީގެ އެންމެހާ މެމްބަރުންގެ ނަމުގައި އިޚްލާޞްތެރިކަމާއިއެކު ޝުކުރު ދަންނަވަމެވެ.
ބަޔާން ނެރުނީ: ސެކްރެޓޭރިއަޓް
ތާރީޙް: 14 ޖަނަވަރީ 2016