ނޫސް ބަޔާން

ރައީސް މުޙައްމަދު ނަޝީދު ޖަލުގައި ހައްޔަރުކުރުމުގެ ސަބަބުން ދިވެހިރާއްޖެއަށް ދިމާވި ސިޔާސީ ހަލަބޮލިކަމުން އަރައިގަނެ މައްސަލައަށް ސިޔާސީ ޙައްލެއް ހޯދުމަށް ސަރުކާރާ އެކު މިޕާޓީން 2015 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން 23 އޯގަސްޓް 2015 ދުވަހުގެ ރޭ ރައީސް މުޙައްމަދު ނަޝީދު ޤާނޫނާ ޚިލާފަށް އަނބުރާ ޖަލަށް ގެންދިއުމާ ހަމައަށް މަޝްވަރާތައް ކުރިއަށް ގެންދިޔައެވެ. ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކުގައި މިޕާޓީގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ މިޕާޓީގެ ޕާރލިމަންޓަރީ ގްރޫޕްގެ ލީޑަރ އިބްރާހިމް މުޙައްމަދު ޞާލިޙުއެވެ.

މިޕާޓީގެ ފަރާތުން ސަރުކާރާއެކު ކުރެވުނު މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އެދިވަޑައިގަތުމަކަށް ދެ ޗެނަލްއެއްގައެވެ. އެއީ، ސަރުކާރުގެ އެއިރުގެ މިނިސްޓަރ އޮފް ޓުއަރިޒަމް އަޙްމަދު އަދީބު ޢަބްދުލް ޣަފޫރު މެދުވެރިކޮށް ސީދާ ރައީސް ޔާމީންއާއެކު ކުރެވުނު މަޝްވަރާތަކަކާއި، މިނިސްޓަރ އޮފް ހޯމް އެފައަރޒް ޢުމަރު ނަޞީރު އިސްކޮށް ހުންނަވައި ކުރިއަށް ގެންދެވުނު މަޝްވަރާތަކެކެވެ.

ސިޔާސީ ޙައްލެއް ހޯދުމަށްޓަކައި ސަރުކާރާއެކު ފެށުނު މަޝްވަރާތަކާ ގުޅިގެން، 2015 ޖޫން މަހުގެ ތެރޭގައި ރައީސް މުޙައްމަދު ނަޝީދުއާ ދެ ފަހަރެއްގެ މަތިން ބައްދަލުކުރެއްވުމުގެ ފުރުޞަތު އިބްރާހީމް މުޙައްމަދު ޞާލިޙަށް ސަރުކާރުން ދެއްވިއެވެ.

ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކުގެ ތެރޭގައި ސަރުކާރުގެ އިކޮނޮމިކް އެޖްންޑާ ހިންގުމަށް އެއްބާރުލުން ދިނުމަށާއި، ސިޔާސީ މަޞްރަހަށް ސަރުކާރުން ގެންނަން ބޭނުންވާ ބަދަލުތަކަކަށް އެއްބާރުލުން ދިނުމަށާއި، އެމް.ޑީ.ޕީ.ގެ މަގުމަތީ ޙަރަކާތްތައް ހުއްޓާލުމަށާއި، ރައީސް މުޙައްމަދު ނަޝީދުގެ ފަރާތްޕުޅުން ޔޫ.އެން ވަރކިންގ ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް ހުށަހެޅި މައްސަލައާ ގުޅިގެން ޕްރެސްގައި ސަރުކާރުގެ ޖަވާބަށް ރައްދުދީ އެއްވެސް ވާހަކައެއް ނުދެއްކުމަށާއި، ރައީސް މުޙައްމަދު ނަޝީދު އެއްކޮށް މިނިވަން ކުރުމުން ޔޫ.އެން ވަރކިންގ ގްރޫޕްއަށް ހުށަހަޅާފައިވާ މައްސަލަ އަނބުރާ ނެގުމަށް ސަރުކާރުން ހުށަހަޅާފައިވެއެވެ.

އެމް.ޑީ.ޕީ.އިން ހުށަހެޅި ކަންތައްތަކުގެ ތެރޭގައި ރައީސް މުޙައްމަދު ނަޝީދު މިނިވަން ކުރުމަށާއި، އެކި މަރުހަލާތަކުގެ ތެރެއިން ސިޔާސީ ހައްޔަރީން ދޫކޮށްލުމަށާއި، ޢަދުލު އިންސާފުގެ ނިޒާމް އާއި މުސްތަޤިއްލު މުއައްސަސާތައް އިޞްލާޙުކުރުމަށް ޤާނޫނުއަސާސީއަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނެވުންް ހިމެނެއެވެ. އަދި، ޢަދުލު އިންސާފުގެ ނިޒާމު އިޞްލާޙުކުރުމަށް މިޕާޓީއަށް ގެންނަން ފެންނަ އިޞްލާޙުތަކުގެ ދެލިކޮޕީއެއް ސަރުކާރާ ޙިއްޞާކުރެވުނެވެ.

ރައީސް މުޙައްމަދު ނަޝީދު މިނިވަންކުރުމަށް ސަރުކާރުން އެއްބަސްވެފައިވަނީ، އެމަނިކުފާނު ދެ ދުވަހަށް ފުރަތަމަ ގެއަށް ބަދަލުކުރުމަށާއި، އެއަށްފަހު 8 ހަފްތާއަށް ގޭބަންދުގެ މުއްދަތު އިތުރުކުރުމަށާއި، އެއަށް ފަހު ދާއިމީކޮށް ގެއަށް ބަދަލުކުރުމަށާއި އަދި 26 ޖުލައި 2015 ދުވަހަށް އެއްކޮށް މިނިވަންކުރުމަށެވެ. މިމަޝްވަރާތަކުގެ އަލީގައި ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ 13 އަހަރުގެ ޖަލު ޚުކުމް ތަންފީޛުކުރުން 19 ޖުލައި 2015 ދުވަހު ދާއިމީކޮށް ގޭބަންދަށް ބަދަލުކުރިއެވެ. އެގޮތުން 19 ޖުލައި 2015 ދުވަހު ރައީސް މުޙައްމަދު ނަޝީދު ދާއިމީކޮށް ގޭބަންދަށް ބަދަލުކުރިކަން އެމަނިކުފާނަށް އަންގާ ލިޔުން އެރޭ 8:30 އާއި 9:00 އާ ދެމެދު ޙަވާލުކުރުމަށް މޯލްޑިވްސް ކްރެކްޝަނަލް ސަރވިސްގެ ފަރާތުން ރައީސް މުޙައްމަދު ނަޝީދު ދިރިއުޅުއްވާ ގެކޮޅަށް ދާނެކަމަށްވެސް އިބްރާހިމް މުޙައްމަދު ޞާލިޙުއަށް ސަރުކާރުން މަޢުލޫމާތުދިނެވެ.

19 ޖުލައި 2015 ދުވަހު ސަރުކާރުން ރައީސް މުޙައްމަދު ނަޝީދުއާ ޙަވާލުކުރި ލިޔުން ތަންފީޛުކުރަން ފެށުމަށްފަހު އެލިޔުމަށް ޢަމަލުކުރުން ހުއްޓާލުމަށް ސަރުކާރުން ނިންމިކަން ރައީސް މުޙައްމަދު ނަޝީދަށް އެނގިވަޑައިގަތީ 23 އޯގަސްޓް 2015 ދުވަހުގެ ރޭ އެމަނިކުފާނު އަނބުރާ ޖަލަށް ގެންދިއުމަށް މޯލްޑިވްސް ކްރެކްޝަނަލް ސަރިވިސްގެ މުވައްޒަފުން ދިއުމުންނެވެ. 23 އޯގަސްޓް 2015 ދުވަހުގެ ރޭ ރައީސް މުޙައްމަދު ނަޝީދު ޖަލަށް ގެންދިޔައިރު، 19 ޖުލައި 2015 ދުވަހު ސަރުކާރުން އެމަނިކުފާނު ދާއިމީކޮށް ގޭބަންދަށް ބަދަލުކޮށް، އެދުވަހު ދިން ލިޔުން ސަރުކާރުގެ ފަރާތުން ތަންފީޛުކުރަން ފެށިތާ 5 ދުވަސް ވެއްޖެއެވެ. އެހެންކަމުން، 23 އޯގަސްޓް 2015 ދުވަހުން ފެށިގެން މިއަދާހަމައަށްވެސް ރައީސް މުޙައްމަދު ނަޝީދު ޖަލުގައި ބަންދުކޮށްފައި އެ ހުންނަނީ ޤާނޫނާ ޚިލާފަށެވެ. 19 ޖުލައި 2015 ދުވަހު މޯލްޑިވްސް ކްރެކްޝަނަލް ސަރިވިސްއިން ރައީސް މުޙައްމަދު ނަޝީދަށް ދިން ލިޔުމަކީ މިޕާޓީން ޤާބޫލުކުރާގޮތުގައި، 21 ޖޫން 2015 ދުވަހު ސަރުކާރުން ދިން ދެ ލިޔުމާއި 23 ޖޫން 2015 ދުވަހު ސަރުކާރުން ދިން ލިޔުމާ އެއްފަދައިން ސަރުކާރުން ދޫކޮށްފައިވާ ޞައްޙަ އަދި އެމައްޗަށް ސަރުކާރުން ޢަމަލުކުރަން ފަށާފައިވާ ލިޔުމެކެވެ.