ރާއްޖޭގައި އިންސާނީ ޙައްޤުތަކަށް އަރައިގަންނަމުންދާ ފަރާތްތަކާމެދު ޓާރގެޓެޑް ސެންކްޝަން އެޅުމަށް ބާރު އަޅައި ފްރީޑަމް ނައު އިން ތައްޔާރުކޮށް އެމެރިކާގެ ސަރުކާރަށް ހުށަހެޅި ރިޕޯޓަށް މަރުޙަބާ ކިޔުން

އިންސާނީ ޙައްޤުތަކަށް ވަކާލާތުކޮށް ސިޔާސީ ގައިދީން މިނިވަން ކުރުމަށް މަސައްކަތް ކުރާ ބައިނަލްއަޤްވާމީ މަދަނީ ޖަމްޢިއްޔާ ކަމުގައިވާ ފްރީޑަމް ނައުގެ ފަރާތުން 11 ޖަނަވަރީ 2016 ގައި ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ހީނަރުވަމުން އަންނަކަން ފާހަގަކޮށް ތަކުރާރުކޮށް ޙައްޤުތަކަށް އަރައިގަންނަ ފަރާތްތަކާމެދު ޓަރގެޓެޑް ސެންކްޝަން އެޅުމާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ފަރާތުން މަރުހަބާ ކިޔަމެވެ.

ދިވެހިރާއްޖޭގައި އިންސާނީ ޙާއްޤުތައް ހީނަރުވެފައިވާ މިންވާރާއި ދިވެހި ސަރުކާރުން އެކަން ޙައްލުކުރެއްވުމަށް އެއްވެސް މިންވަރަކަށް މަސައްކަތް ނުކުރައްވާކަމަށާއި ސަރުކާރުގެ އިސްވެރިންނަށާއި އަނިޔާވެރިކަން ދެމެހެއްޓުމަށް ވާގިވެރިވާ ފަރާތްތަކާ ދެކޮޅަށް މާލީ އަދި ދަތުރުފަތުރު ނުކުރެވޭ ގޮތަށް ފިޔަވަޅު އެޅުމަށް ރިޕޯޓުގައި ވަނީ ގޮވާލާފައެވެ. އަދި ވަރަށް ތަފްޞީލުކޮށް މުދާ ހިފެހެއްޓޭނެ ގޮތްތަކާއި ފިޔަވަޅު އެޅޭނެ ގޮތްތައް ވަނީ ފާހަގަކޮށްފައެވެ.

ދުނިޔޭގެ އެކިއެކި ޤައުމުތަކުގައި މިފަދައިން ކަން ހިނގުމުން އެމެރިކާ ސަރުކާރުން ޢަމަލު ކުރައްވާފައިވާ ގޮތްތައް ވަރަށް ތަފްޞީލުކޮށް ރިޕޯޓުގައި ލިޔެފައިވެއެވެ. އެގޮތުން ބެލަރޫސް، ޒިމްބާބުވޭ އަދި ބަރުމާގައި އަނިޔާވެރިކަން އިތުރުވެ، ސިޔާސީ މީހުން ހައްޔަރުކޮށް، މިނިވަން މީޑިޔާ ނައްތާލުމާއި، މީހުން ގެއްލުވާލުމާއި، ސިޔާސީ ބާރުވެރިކަން ދެމެހެއްޓުމަށް ޤާނޫނު ހެދުމާއި، އިދިކޮޅު ސިޔާސީ ފިކުރު ނައްތާލެވުނު ގޮތްތަކާއި ދިވެހިރާއްޖޭގައި މިއަދު ހިނގަމުން އަންނަ ކަންކަން އަޅާކިޔައި ތަފްޞީލުކޮށް ފާހަގަކޮށްފައިވެއެވެ. އެެހެންކަމުން މީގެ ކުރިންވެސް އެމެރިކާ ސަރުކާރުން ޢަމަލުކުރައްވާފައިވާ ގޮތަށް ދިވެހިރާއްޖޭގެ ވެރިންނާ މެދު ފިޔަވަޅު އެޅުއްވުމަށް ރިޕޯޓުގައި ވަނީ ގޮވާލާފައެވެ.

ދިވެހިރާއްޖެއަކީ މިއަދު އެމެރިކާގެ ޤައުމީ ސަލާމަތަށާއި ޚާރިޖީ ސިޔާސަތަށް ހުރި ނުރައްކަލެއް ކަމަށް ރިޕޯޓުގައި ވަނީ ސިފަކޮށްފައެވެ. އެއީ ރައީސް އަބްދުﷲ ޔާމީންގެ ޚުދުމުހުތާރު ކަމާއި ދީނީ ގޮތުން ހައްދުފަހަނައެޅުމާ ދެކޮޅަށް އެއްވެސް މަސައްކަތެއް ނުރެއްވުމާއި، ޤާނޫނުގެ ވެރިކަން ކުރެއްވުމަށް ރައީސް ޔާމީން ދެކޮޅު ހައްދަވާތީ ކަމުގައި ފްރީޑަމް ނައުގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އަދި ސަރުކާރުގެ ވެރިންގެ ޢަމަލުތަކުގެ ސަބަބުން ދިވެހިރާއްޖޭގައި އުފެދި އަށަގަންނަމުން އައި ޑިމޮކްރަސީއަށް ހުރަސް އެޅި ކަންބޮޑުވާ މިންވަރަށް އިންސާނީ ޙާއްޤުތަކަށް އަރައިގަތުމާއި ގަސްތުގައި މީހުން ގެއްލުވާލުމާއި، ޓޯޗަރ އަނބުރާ އިއާދަވެ އަދި ބިރުވެރިކަމުގައި ރައްޔިތުން ތިބެން ޖެހުން ކަމުގަައެވެ. އެންމެ ފަހު ސަބަބެއް ކަމުގައި ފާހަގަކޮށްފައިވަނީ ދިވެހިރާއްޖެއަކީ އިންޑިޔާ ކަނޑުގެ ސްޓްރެޓީޖިކް ތަނެއްގައި އޮތް ޤައުމެއް ކަމުގައިވެފައި، ޗައިނާއާ ވަކީން ޚާއްސަ ގޮތެއްގައި ގުޅުން ބަދަހި ކުރުން ކަމުގައެވެ.

މި ސަބަބު ތަކަށްޓަކައި އެމެރިކާ ރައީސް ބަރަކް އޮބާމާ އެކްޒެކެޓިވް އޯޑާއެއް ނެރެދެއްވުމަށް ރިޕޯޓުގައިވަނީ ގޮވާލާފައެވެ. އަދި އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޜަރީގެ ސްޕެޝަލީ ޑެޒިގްނޭޓެޑް ނެޝަނަލްސް ލިސްޓަށް ދިވެހި ސަރުކާރުގެ އިސްެވެރިން އިތުރުކުރެއްވުމަށް ވަނީ ހުށާހަޅާފައެވެ.

ފްރީޑަމް ނައުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމުން މިއަދު ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަޙް ވަރަށް ފުރިހަމައަށް ތަޞައްވުރު ކުރެވެއެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އަނިޔާވެރިކަމުގެ ސަބަބުން ދިވެހިރާއްޖެއަށް މިއަދު ލިބެމުން އަންނަ ގެއްލުމުގެ ޒިންމާ ޚުދު ރައީސް ޔާމީން ނަންގަވަން ޖެހިވަޑައިގަންނަވައެވެ. މިފަދަ ބޮޑެތި ގެއްލުންތަކުން ދިވެހިރާއްޖެ މިއަދު ސަލާމަތް ކުރެވޭނީ ސަރުކާރުގެ ޢަމަލުތައް އިސްލާޙްކޮށްގެންނެވެ. ރައްޔިތުން އެދޭފަދަ، ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ޙައްޤުތައް އެންމެ ފުރިހަމަ ގޮތުގައި ހޯދުމަށް ފުރުޞަތު ދީގެންނެވެ. ސިޔާސީ ޕާޓީތައް ޤާނޫނުގައިވާ ގޮތަށް މިނިވަންކަމާއެކު ހިންގުމަށް ޖާގަ ދީގެންނެވެ. ޑިމޮކްރަސީގެ އުސޫލުން ޤައުމު ހިންގުމަށް ރައީސް ޔާމީން ޖާގަ ދެއްވުމަށް ގޮވާލަމެވެ. އަދި ޚުދުމުހުތާރު ވެރިކަން އިއާދަވުމުން ދިވެހިރާއްޖޭގެ އިޤްތިޞާދަށް ލިބެމުން އަންނަ ގެއްލުމުން ސަލާމަތްކޮށް ބޭރުގެ ދުނިޔެއާއި ދިވެހިރާއްޖޭގެ ގުޅުން ވަރުގަދަކޮށް ޑިމޮކްރަޓިކް ނިޒާމް އިޚްތިޔާރުކުރެއްވުމަށް ގޮވާލަމެވެ.

މިފަދަ ބޮޑު އަދި މުހިއްމު ރިޕޯޓެއް ތައްޔާރު ކުރައްވައި ޢާންމު ކުރައްވާފައިވާތީ އެމްޑީޕީގެ ފަރާތުން ފްރީޑަމް ނައުއަށް ތަކުރާރުކޮށް ޝުކުރު އަދާކުރަމެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް
ތާރީޚ: 14 ޖަނަވަރީ 2016