2015 ވަނަ އަހަރު އެޑިޔުކޭޝަން ދާއިރާ ހިންގާފައިވާ ގޮތް

މިއީ ރާއްޖޭގެ ތަޢުލީމީ ދާއިރާ 2015 ވަނަ އަހަރު ހިންގާފައިވާ ގޮތަށް ފާޑުކިޔުމުގެ ނަޒަރަކުން ބަލައި ތައްޔާރުކޮށްފައިވާ ކުރު ރިޕޯރޓެކެވެ. މި ރިޕޯރޓްގައި މައިގަނޑުގޮތެއްގައި ބަލައިލާފައި ވާނީ ރައީސް ޔާމީނުގެ ސަރުކާރުގެ ތަޢުލީމާ ބެހޭ މެނިފެސްޓޯ 2015 ވަނަ އަހަރު ތަންފީޒުކުރެވިފައިވާ ގޮތުގެ މައްޗަށެވެ. މި ރިޕޯރޓް ބިނާކޮށްފައި ވަނީ، އެމްޑީޕީގެ ތަޢުލީމާއި ތަމްރީނާ ބެހޭ ކޮމިޓީން 2015 ވަނަ އަހަރު ކުރަމުންދިޔަ ދާއިރާގެ އޮބްޒަވޭޝަންތަކުގެ މައްޗަށާއި، އެކިއެކި ފަރާތްފަރާތުން ކޮމިޓީއާ ހިއްސާކޮށްފައިވާ މަޢުލޫމާތަށާއި ކަމާ ގުޅޭ ބައެއް ފަރާތްތަކާ ކުރެވިފައިވާ އިންޓަވިއުގެ މައްޗަށާއި އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ބައެއް ލިޔުންތަކުގެ މައްޗަށެވެ.
ރިޕޯރޓްގައި ބަލައިލާފައިވަނީ (1) 2015 ވަނަ އަހަރު އެމްޑީޕީން ކަންބޮޑުވުން ފާޅުކުރި ކަންކަން (2) ޕްރީސްކޫލް ތަޢުލީމު (3) މަންޙަޖު އެކުލަވައި ތަންފީޒުކުރުން (4) ވަޞީލަތްތައް ޤާއިމުކުރުން (5) ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތަޢުލީމް (6) މަތީތަޢުލީމާއި ތަމްރީނު (7) ތަޢުލީމީ ދާއިރާގެ ހިންގުން (8) ތަޢުލީމުގެ ފެންވަރު މަތިކުރުން
މިއިން ކޮންމެ ބައެއްގައި އެމްޑީޕީ ވެރިކަމުގައި އެކަން އޮތްގޮތާއި، ޕީޕީއެމް ސަރުކާރުގެ އެކަމަކާ ގުޅޭގޮތުން ކުރަން ބުނެފައިވާ ކަންކަމާއި އެކަންކަން ކުރަން ބުނެފައިވާ ގޮތް ފާހަގަކުރުމަށް ފަހު އެކަންކަން ކުރެވިފައިވާ މިންވަރާއި ކުރެވިފައިވާ ގޮތާމެދު ވާހަކަދައްކާފައި ވާނެއެވެ.

(1) 2015 ވަނަ އަހަރު އެމްޑީޕީން ކަންބޮޑުވުން ފާޅުކުރި ކަންކަން
ތައުލީމީ ދާއިރާއިން 2015 ވަނަ އަހަރު ތިރީގައި މިވާ ކަންކަން ފާހަގަކުރެވުނު ހިނދު ޕެރެސް ކޮންފަރެންސާއި ނޫސް ބަޔާނާއި ޕެނަލް ޑިސްކަޝަންގެ ޒަރީއާއިން އެމްޑީޕީގެ ކަންބޮޑުވުން ފާޅުކުރިއެވެ.
1. އެއްވެސް ކުއްޖެއް ބާކީ ނުކުރާނެކަމަށް ސިޔާސަތު ކަނޑައެޅުމަށް ފަހު ނުކިޔެވޭނެ ކުދިންގެ ގޮތުގައި ސެކެންޑްރީ އުމުރުގެ ވަކި ކުދިބަޔަކު ފާހަގަކޮށް ވަރަށް މަދު މާއްދާތަކެއް ކިޔަވައިދީ މަސައްކަތް ދަސްކޮށްދިނުމުގެ ނަމުގައި ތަންތަނަށް ފޮނުވައިގެން އެތައް ކުދިންނެއް މި ޒަމާނުގެ ޢާންމު ތަޢުލީމުން މަހުރޫމްކުރުން
2. ނުހަނު ގިނަ ދުވަހު ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާފައިވާ އަމީނިއްޔާ ސްކޫލްގެ ޕްރިންސިޕަލް ޢާއިޝަތު ޢާޠިޔާ ނަޞީރު، ކުރިން އެއްވެސް އިންޒާރެއް ދިނުމެއްނެތި، 13 އެޕްރިލް 2015 ވަނަ ދުވަހު މަޤާމުން ވަކިކޮށް ގެއަށް ފޮނުވައިލުން
3. ޑިޕިއުޓީ ޕްރިންސިޕަލުންގެ ވަޒީފާ ގެއްލިދާނެކަމުގެ ބިރުވެރި އިންޒާރު ދިނުން. އޭގެ ސަބަބުން ޑިޕިއުޓީ ޕްރިންސިޕަލުން ހާސްވެ ކަންބޮޑުވެ ސަރުކާރުގެ ކަމާބެހޭ އެކިއެކި ފަރާތްތަކަށް ސަލާންޖަހަން ދާންޖެހޭފަދަ ހާލަކަށް ޑިޕިއުޓީ ޕްރިންސިފަލުން ދާންޖެހުން
4. ޓީޗަރުންނަށް އެކަށީގެންވާ މުސާރައާއި އިނާޔަތްތައް ލިބެމުން ނުދިއުން
5. އަލަށް ތަޢާރަފުކުރެވޭ ސްކޫލް މަންހަޖުގެ ކީ ސްޓޭޖް 1 (ގްރޭޑް 1، 2 3) ގެ އުނގެނުމަށް ބޭނުންވާ ތަކެތި ސްކޫލްގެ ކިޔެވުން ފެށުނު އިރުވެސް ކުދިންނަށާއި ސްކޫލްތަކަށް ފޯރުކޮށްނުދެވުން. އޭގެ ސަބަބުން ކުދިންނަށާއި ޓީޗަރުންނަށާއި ބެލެނިވެރިންނަށް އެތަކެއް ތަކުލީފާ ކުރިމަތިލާން ޖެހުން
6. އާ މަންހަޖަކީ އެއްދަންފަޅިޔަށް ސްކޫލްތައް ހިންގުމާއެކު ތަންފީޒުކުރުމަށް ރޭވުނު މަންހަޖެއްކަމަށް ވާއިރު އެ މަންހަޖު އެންމެ ފުރިހަމަގޮތުގައި ހިންގުމަށް ބޭނުންވާ ޖާގަ އިތުރުކުރުމުގެ މަސައްކަތް ބާރަށް ކުރިޔަށް ނުގެންދިއުން. އަދި ކުރިން އެއް ދަންފަޅިޔަށް ހިނގަމުން ގެންދިޔަ ބައެއް ސްކޫލްތައް އަލުން ދެ ދަންފަޅިޔަށް ބަދަލުކުރުން
7. އެޑްމިނިސްޓްރޭޓިވް ބައެއް ނިންމުންތަކުގެ ސަބަބުން ކިޔަވައިދިނުމަށް ކަނޑައަޅާފައިވާ ދުވަސްތައް ހަމަނުކުރެވުމުގެ ސަބަބުން އެންމެ ފުރިހަމަގޮތުގައި ސްކޫލްތަކުގެ މުޤައްރަރުތައް ފުރިހަމަކުރަން ދަތިވުން
8. މޯލްޑިވިއަން ނެޝަނަލް ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ސައިންސް ހިންގަމުންގެންދިޔަ ސޯސަންގޭގެ އިމާރާތާއި ފެކަލްޓީ އޮފް އާރޓްސްއާއި ޝަރީއާ އެންޑް ލޯ ހިންގަމުން ގެންދިޔަ ބާޖަމާލުއްދީނުގެ އިމާރާތް ގަދަކަމުން ހުސްކޮށް ދަރިވަރުންގެ އުނގެނުމަށް އެތަކެއް ބުރުލެއް މެދުވެރިކުރުން
9. ރޭގަނޑެއްގެ ފުރަ މެންދަމު ފުލުހުން ފޮނުވައިގެން މަންދުކޮލެޖް ހިންގަމުން ގެންދިޔަ ޢިމާރާތުގައި ތަޅުއަޅުވައި އެތަނުގައި ކިޔަވަމުންދިޔަ ދަރިވަރުންނާއި މެނޭޖްމަންޓް ތަނުން ބޭރުކުރުން. އޭގެ ސަބަބުން އެތަނުގައި ކިޔަވަމުންގެންދިޔަ ދަރިވަރުންނަށާއި ތަނުގެ މެނޭޖްމަންތަށް ނުހަނު ބުރައާއި ދަތިތައް ކުރިމަތިވެ ކުދީންގެ ތަޢުލީމަށް ބުރޫއެރުން
10. މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ޤާނޫނަށް ބަދަލު ގެނެސް އެތަނުގެ ބައެއް ވެރިން ވަކިކޮށް އެތަނުގެ ކައުންސިލަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ކައުންސިލަކަށް ހަދައި ޔުނިވަރސިޓީގެ ކައުންސިލް ސިޔާސީކުރުން

(2) ޕްރީސްކޫލް ތަޢުލީމު
އެމްޑީޕީ ވެރިކަމުގައި
އެމްޑީޕީ ސަރުކާރުން ގަބޫލުކޮށްފައި ވަނީ ޕްރީ ސްކޫލް ތަޢުލީމަކީ ތަޢުލީމުގެ ބިންގާކަމަށާއި އޭގެ ފަހުގެ މަރުހަލާތައް ރަނގަޅުކުރުމަށް ޕްރީސްކޫލްގެ ތަޢުލީމު ރަނގަޅުކުރަންޖެހޭ ކަމަށެވެ. އެމްޑީޕީގެ ވެރިކަން ބަދަލުކުރެވުނު އިރު ޕްރީސްކޫލް ތަޢުލީމު ނުދޭ ރަށެއް ރާއްޖޭގައި ނޯންނާނެއެވެ. ސަރުކާރުގެ އެހީއާއި ބެލެނިވެރިންގެ އެހީއާއެކު ޕްރީ ސްކޫލް ތަޢުލީމު ދެމުން ގެންދިޔައީ އަމިއްލަ ފަރާތްތަކުންނާއި ލޯކަލް ކައުންސިލުންނެވެ. ސްކޫލްތައް ހިންގަމުން ގެންދިޔައީ ލޯކަލް ކައުންސިލްގެ ބެލުމުގެ ދަށުންނެވެ. ޕްރީސްކޫލްތަކުގައި ކިޔަވައިދޭނެ ގައިޑްލައިނެއް ނުވަތަ މުޤައްރަރެއް ތައްޔާރުކުރެވިފައި ވެއެވެ. ޕްރީސްކޫލްތައް ރަނގަޅަށް ހިނގުމަށާއި ޓީޗަރުން ތަމްރީނުކުރުމަށާއި ތަމްރީނު ވެފައިވާ ޓީޗަރުން ޕްރީސްކޫލްގައި ކިޔަވައިދިނުމަށް ރޭވުންތައް ރޭވުމުގެ ސަބަބުން ޕްރީ ސްކޫލް ތަޢުލީމު ދެވެމުން ގޮސްފައިވަނީ ބެލެނިވެރިންނާއި ލޯކަލް ކައުންސިލާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގުޅިގެން ހިންގި ރަނގަޅު ނިޒާމެއްގެ ތެރެއިންނެވެ.

ރައީސް ޔާމީނުގެ ވަޢުދުތައް
 ކޮންމެ ރަށެއްގައި ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއްގައި ޕްރީސްކޫލް ޚިދުމަތް ލިބުމަށް ސަރުކާރުން އެހީތެރިވެދޭނަން
 ޕްރީ ސްކޫލް ހިންގުން ލޯކަލް ކައުންސިލްގެ ދަށުން ބަދަލުކުރުން

2015 ވަނަ އަހަރު
2015 ވަނަ އަހަރަކީ ޕްރީ ސްކޫލް ހާސްކަމާއި ކަންބޮޑުވުމުގެ ތެރެއަށް ވައްޓައިލި އަހަރެއް
1. މި ސަރުކާރުން 2014 ވަނަ އަހަރު ވެސް އަދި 2015 ވަނަ އަހަރުވެސް ޕްރީސްކޫލްތަކަށް އެއްވެސް އެހީއެއް އިތުރަކަށް ވެދީފައެއް ނުވެއެވެ.
2. މި އަހަރަކީ ޕްރީސްކޫލް ތަޢުލީމަށް ވަރަށް ބޮޑު ހާސްކަމެއް ގެނުވި އަހަރެކެވެ. 2016 ވަނަ އަހަރުން ފެށިގެން ޕްރީ ސްކޫލް ތަޢުލީމު ސަރުކާރުގެ ޢާންމު ސްކޫލްތަކުގައި ދޭގޮތަށް މިއަހަރު ސަރުކާރުން އިޢްލާން ކުރެއްވިއެވެ. މި ނިންމުމާ ގުޅޭގޮތުން ތިރީގައި މިވާ މައްސަލަތައް އެމްޑީޕީން ފާހަގަކުރިއެވެ:
 ނުހަނު ގިނަދުވަސްތަކެއްގެ ތެރޭގައި އުފެދި އާލާވަމުންގޮސްފައިވާ ޕްރީސްކޫލްގެ ނިޒާމަކަށް، އެކަށީގެންވާ ދިރާސާތަކެއް ކުރުމެއްނެތި ބަދަލުގެންނަން ނިންމުމުން ނިޒާމަށް ހާސްކަމާއި ކަންބޮޑުވުން އޮތީ ކުރިމަތިވެފައެވެ.
 އަމިއްލަ ފަރާތްތަކުން ނުހަނު ރަނގަޅު ފެންވަރުގައި އެތަކެއް އަހަރެއް ވަންދެން ހިންގަމުންގެންދާ ސްކޫލްތަކެއް ވެސް ހިމެނޭ ތަޢުލީމުގެ ނިޒާމަކަށް މިގޮތަށް ބަދަލުގެންނަން ނިންމުމުން އުފެދުނު މައްސަލަތަކުގެ ތެރޭގައި މިހާރު ވަނީ އެ ނިންމުމަށް އެކިއެކި ބަދަލު ގެންނަން ޖެހިފައެވެ.
 އަތޮޅުތަކުގެ ޕްރީސްކޫލްތައް ލޯކަލް ކައުންސިލްގެ ދަށުން މާލޭގެ ޕްރީސްކޫލްތައް ސިޓީ ކައުންސިލްގެ ދަށުން ބަދަލުކުރުމަށްފަހު މިހާރު މާލޭގެ ޕްރީސްކޫލްގެ ބެލެނިވެރިޔަކީ ކޮބައިކަން ވަނީ ސާފު ނުވެއެވެ. އެ ސްކޫލްތަކަށް ތަރައްޤީއެއް ގެންނާނެ އެއްވެސް މަސައްކަތެއް ވަނީ ނުކުރެވިއެވެ.
 ޕްރީ ސްކޫލާމެދު ސަރުކާރުން ނިންމި ނިންމުމުގެ ސަބަބުން ޕްރީ ސްކޫލް ތަޢުލީމުގެ މުސްތަޤްބަލްގެ ސާފުކަން ވަނީ ގެއްލިފައެވެ.
 ޕްރީ ސްކޫލް ކުދިންތައް މިހާރުގެ ޕްރީސްކޫލްތަކުން ވަކިކޮށް ޢާންމު ސްކޫލްތަކަށް ބަދަލުކުރުމުން ދެން ބާކީ ތިބޭ ނާސަރީކުދިންގެ އަދަދު މަދުވުމުން އެ ސްކޫލްތައް ހިންގުމަށް އިކޮނޮމީ އޮފް ސްކޭލް ނުލިބުމުގެ ސަބަބުން ސްކޫތައް ހިންގުމަށްދަތިވެއެވެ.
 ޢާންމު ތައުލީމުދޭ ސްކޫލްތަކަށް ޕްރީ ސްކޫލްގެ ދަރިވަރުން ބަދަލުކުރުމަށް އެކަށީގެން ވާ ތައްޔާރީތަކެއް ވެފައެއް ނެތެވެ. އެކަމަށް ބޭނުންވާ އެކަށީގެންވާ ބަޖެޓެއްވެސް ދެވިފައި ނުވެއެވެ.
 ޢާންމު ތައުލީމު ދެމުންދާ ސްކޫލްތަކަކީ މިހާރުވެސް ޖާގައާއި ވަޞީލަތުގެ ގޮތުން ދަތި ތަންތަންކަމަށް ވެފައި މިހާރު ޕްރީ ސްކޫލްތައް ހިންގަމުންދާ ގިނަ ތަންތަނަކީ އެކަމަށް ތައްޔާރުކޮށްފައިވާ ތަންތަންކަމަށް ވާއިރު، ޢާންމު ތަޢުލީމުދޭ ސްކޫލްތަކަށް ޕްރީ ސްކޫލްތައް ބަދަލުކުރުމުން ޕްރީސްކޫލްތަކަށް ވެސް އަދި ޢާންމު ތަޢުލީމްދޭ ސްކޫލްތަކަށް ވެސް ކުރިމަތިވާނީ އިތުރު ދަތިތަކެކެވެ.
 ޕްރީ ސްކޫލްގެ ތަޢުލީމަކީ މުޅިން ތަފާތު ފަލްސަފާއެއްގެ މައްޗަށް ދެވޭ ތަޢުލީމަކަށް ވާއިރު ޢާންމު ސްކޫލްގެ މާޙައުލުގައި މި ފަލްސަފާގެ ދަށުން ޕްރީސްކޫލް ތަޢުލީމު ދިނުމަށް އުނދަގޫވުން
 އަތޮޅުތެރޭގައި ޖަމާޢަތުގެ ބައިވެރިވުމާއެކު ނުހަނު ރަނގަޅަށް ހިނގަމުން އައި ޕްރީސްކޫލް ސިސްޓަމެއް ހަލާކުވުމުގެ ބިރު ސަރުކާރުގެ މި ސިޔާސަތުގެ ސަބަބުން ވަނީ ކުރިމަތިވެފައެވެ.

(3) މަންޙަޖު އެކުލަވައި ތަންފީޒުކުރުން/ކިޔަވައިދިނުން
އެމްޑީޕީ ވެރިކަމުގައި
މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އެމްޑީޕިން އޮތީ މަންހަޖާއި ވަޞީލަތްތަކާއި ކިޔަވައިދިނުމުން ވަށައިޖެހޭ ތަޢުލީމަކަށް އަމާޒު ހިފާފައެވެ. މަންހަޖު އެކުލެވުމުގެ އިތުރުން އެކަމަށް އެންމެ ބޮޑަށް މަގުފަހިވެގެން ދަނީ ސްކޫލްތައް އެއް ދަންފަޅިޔަށް ބަދަލުކޮށް، ކުދިން ކްސާސްރޫމްގައި ކިޔަވާ ކިޔެވުމުގެ އިތުރުން ސްކޫލްގައި ކުޅިވަރާއި ކަސްރަތާއި، އަދަބީ، ސަޤާފީ، ދީނީ ޙަރަކާތްތަކާއި، އުފެއްދުންތެރި ފަންނުތަކާއި މަސައްކަތްތެރިކަން އުނގެނުމުގެ ފުރުޞަތު ހޯދައިދިނުންކަމަށް ވާތީ އެމްޑީޕީގެ ސަރުކާރުން އޮތީ ސްކޫލްތައް އެއް ދަންފަޅިޔަށް ބަދަލުކުރުމުގެ މާ ސިންގާ ޕްރޮގްރާމެއް ފަށާފައެވެ.

ރައީސް ޔާމީނުގެ ވަޢުދުތައް
 ސްކޫލްގެ ހުރިހާ މަރުހަލާއެއްގައި ޤުރުއާނާއި ޤުރުއާނުގެ ޢިލްމް އުނގަންނައިދޭނަށް
 ކޮންމެ ސްކޫލެއްގައި ވެސް މާއްދާއެއްގެ ގޮތުގައި އަރަބި ބަސް ކިޔަވައިދޭނަން
 އިތުރު ބަަސް އުނގެނޭނެ ނިޒާމެއް ޤާއިމުކޮށްދޭނަން
 ސާނަވީ މަރުޙަލާގައި ސިވިކް އެޑިޔުކޭޝަނާއި ސޯޝިއޮލޮޖީ ކިޔަވައިދޭނަން
 އެއްވެސް ކްލާހެއްގައި ކުދިންގެ އަދަދު 25 އަށް ވުރެ އިތުރު ނުވާނެ
 ކުޅިވަރާއި ޞިއްޙަތާއި ކައުންސެލިންގެ ޚާއްޞަ ވަޞީލަތްތައް ސްކޫލުން ލިބެން ހުންނާނެ
 އެހީތެރިކަން ބޭނުންވާ ކުދިންނަށް ސްކޫލް ފެންވަރުގައި ސޯޝަލް ސެކިއުރިޓީ ނިޒާމެއް ޤާއިމުކުރާނަން

2015 ވަނަ އަހަރު
ވެފައިވާ ވަޢުދުތައް ފުއްދުމަށް ސަމާލުކަން ނެދެވޭ އަހަރެއް
1. ސަރުކާރުގެ ސިޔާސަތުގައި ސްކޫލްގެ ހުރިހާ މަރުހަލާއެއްގައި ޤުރުއާނާއި ޤުރުއާނުގެ ޢިލްމް އުނގަންނައިދޭނެކަމަށް ކަނޑައަޅާފައި ވީނަމަވެސް ސްކޫލްތަކުގެ ހުރިހާ މަރުޙަލާއެއްގައި ޤުރުއާނާއި ޤުރުއާނުގެ ޢިލްމު އުންގަންނައެއް ނުދެއެވެ. ކޮންމެ ސްކޫލެއްގައި މާއްދާއެއްގެ ގޮތުގައި 2015 ވަނަ އަހަރަކު އަރަބިބަހެއް ކިޔަވައެއް ނުދެއެެވެ. އަދި އެނޫން ބަހެއް ވެސް ކިޔަވައި ދޭނެ ޕްރޮގްރާމްތަކެއް ނުހިންގައެވެ. ސާނަވީ ތައުލީމުގައި ސިވިކް އެޑިޔުކޭޝަނާއި ސޯޝިއޮލޮޖީ ކިޔަވައިދިނުމަށް ވަޢުދުވެފައި ވީނަމަވެސް 2015 ވަނަ އަހަރަކު މިކަމެއް ވެސް ނުހިނގައެވެ.
2. އެއްވެސް ކްލާހެއްގައި ކުދިންގެ އަދަދު 25 އަށް ވުރެ އިތުރު ނުވާނެކަމަށް ވައުދުވީނަމަވެސް ޖާގަ އިތުރު ނުކޮށް މާލޭގެ ސްކޫލްތަކަށް ދަނީ ކުދިން އިތުރުކުރަމުންނެވެ. 2015 ވަނަ އަހަރު ކްލާހެއްގައި އެވްރެޖްކޮށް 35 ދަރިވަރުން ތިއްބެވެ.
3. ކުޅިވަރާއި ޞިއްޙަތާއި ކައުންސެލިންގެ ޚާއްޞަ ވަޞީލަތްތައް ސްކޫލުގައި ޤާއިމުކޮށް، އެހީތެރިކަން ބޭނުންވާ ކުދިންނަށް ސްކޫލް ފެންވަރުގައި ސޯޝަލް ސެކިއުރިޓީ ނިޒާމެއް ޤާއިމުކުރާނެ ކަމަށް ވައުދުވެފައިވާއިރު 2015 ވަނަ އަހަރުގައި މިކަންކަމަކަށް މަސައްކަތްތަކެއް ކުރެވިފައެއް ނުވެއެވެ. މާލޭގެ ސްކޫލްތައް ދެ ދަންފަޅިޔަށް ބަދަލުކުރުމުން މީގެ ކުރިން އެއް ދަންފަޅިއަށް ހިނގި ސްކޫލްތަކުގައި ޙަރަކާތްތައް ހިންގުމަށް ލިބިފައިވާ ފުރުޞަތުވެސް ގެއްލިގެން ދާނެއެވެ.

(4) ވަޞީލަތްތައް ޤާއިމުކުރުން
އެމްޑިޕީ ވެރިކަމުގައި
އެމްޑީޕީގެ ސަރުކާރުން ސްކޫލްތަކުގެ ޢިމާރާތްތަކާއި ވަޞީލަތްތައް އިތުރުކުރުމުގެ ބޮޑު މަޝްރޫޢެއް ހިންގަމުން ގެންދިޔައެވެ. އައު މަންހަޖު ތަޢާރަފުކޮށް ނިމޭއިރު ފުރިހަމަ ވަށައިޖެހޭ ތަޢުލީމެއް ދިނުމަށް ބޭނުންވާ ހުރިހާ ވަޞީލަތްތަކެއް ސްކޫލްތަކަށް ހަމަކޮށްދިނުމަށެވެ.

ރައީސް ޔާމީނުގެ ވަޢުދުތައް
 ކޮންމެ ސްކޫލަކަށް އެކަށޭނަ އިމާރާތާއި ހުސް ޖާގަ ލިބޭނެ
 ފޮތާއި ޑިޖިޓަލް ވަޞީލަތްތަކުން މުއްދަނދި ޒަމާނީ ލައިބްރަރީތަކެއް ޤާއިމުކޮށް އެ ތަންތަން ހިންގުމަށް ޤާބިލު ލައިބްރަރޭރިއަނުން ތަމްރީނުކުރާނަން
 ރާއްޖޭގެ އުތުރާއި ދެކުނުގައި ޢަރަބި މީޑިއަމް ސްކޫލް ޤާއިމުކުރާނަން
 އާބާދީ ބޮޑު ރަށްރަށުގައި މަތީ ސާނަވީ ތަޢުލީމު ދޭ ސްކޫލް ތަކަށް ދަނާލު ޤާއިމުކުރާނަން

2015 ވަނަ އަހަރު
ވަޞީލަތްތަކުގެ ދަތިކަން އިންތިހާއަށް ކުރިމަތިވި އަހަރެއް:
1. ފޮތާއި ޑިޖިޓަލް ވަޞީލަތްތަކުން މުއްދަނދި ޒަމާނީ ލައިބްރަރީތަކެއް ޤާއިމުކޮށް އެ ތަންތަން ހިންގުމަށް ޤާބިލު ލައިބްރަރޭރިއަނުން ތަމްރީނުކުރާނެ ކަމަށާއި، ރާއްޖޭގެ އުތުރާއި ދެކުނުގައި ޢަރަބި މީޑިއަމުން ކިޔަވައިދޭ 2 ސްކޫލް ޤާއިމުކުރާނެ ކަމަށާއި، އާބާދީ ބޮޑު ރަށްރަށުގައި މަތީ ސާނަވީ ތަޢުލީމު ދޭ ސްކޫލް ތަކަށް ދަނާލު ޤާއިމުކުރާނެ ކަމުގެ ވަޢުދު ވެފައިވާއިރު މިއިން ވައުދެއް 2015 ވަނަ އަހަރަކު ނުފުއްދައެވެ. ދަނާލު ހެދުމުގެ ވާހަކައެއްވެސް މިހާރަކު ނުދައްކައެވެ.
2. ކޮންމެ ސްކޫލަކަށް އެކަށޭނަ އިމާރާތާއި ހުސް ޖާގަ ލިބޭނެކަމަށް ކަނޑައަޅާފައި ވީނަމަވެސް، މަޖީދިއްޔާ ސްކޫލްގައި އަޅަން ނިންމާފައިވާ ކްލާސްރޫމްއާއި ހޯލްގެ އިމާރާތް އަދިވެސް ނުފައްޓައެވެ. އަމީނީއްޔާ ސްކޫލްގައި ތަޅާލެވިފައިވާ ޢިމާރާތް އަދިވެސް ނާޅައެވެ. ދަރުމަވަންތަ ސްކޫލްގައި ބާވެގެން ކުދިން ވަންނަން ނުރައްކާވި ޢިމާރާތުގެ ބަދަލުގައި ވަގުތީގޮތުން ހަދާ ޢިމާރާތުގައި 2016 ވަނަ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ވެސް ނިއްމާލެވި އެތަނުގައި ކިޔަވައިދޭން ފެށޭވަރު ވާނެކަމަކަށް ނުފެނެއެވެ.
3. އެމްޑީޕީ ވެރިކަމުގައި ވަނީ 50 އިންސައްތަ ސްކޫލް އެއްދަންފަޅިޔަށް ބަދަލުކޮށްފައެވެ. މާލޭގެ ބޮޑެތި ސްކޫލްތަކުގެ ތެރެއިން ވެސް އަމީނިއްޔާ ސްކޫލާއި ހިރިޔާ ސްކޫލާއި ތާޖުއްދީނު ސްކޫލާއި ދަރުމަވަންތަ ސްކޫލް ވެސް އެއް ދަންފަޅިޔަށް ބަދަލުކުރެވިފައި ވެއެވެ. އެ މަޝްރޫޢު އެ ބާރުމިނުގައި 2015 ވަނަ އަހަރު ނުހިންގައެވެ. 2016 ވަނަ އަހަރު މާލޭގެ ހުރިހާ ސްކޫލަކީ ދެ ދަންފަޅިޔަށް ހިންގާ ސްކޫލްތައް ކަމަށް މިހާރު ވަނީ އިޢުލާންކޮށްފައެވެ. މިއީ ފެންވަރު ރަނގަޅު ތައުލީމެއް ދިނުމުގެ ވިސްނުމުގައި ހިންގާ ކަމެއް ނޫނެވެ. މިއީ މާލޭ ސަރަހައްދަށް މީހުން ގިނަ ކުރުމުގެ ސިޔާސަތުގެ ދަށުން ކުރިޔަށް ގެންދާ ކަމެކެވެ. މިއީ އަތޮޅުތެރޭގެ ބެލެނިވެރިން އެ ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެންބަރުންނަށާއި ސަރުކާރުގެ ވެރިންނަށް އާދޭސްކުރުވައިގެން މާލޭ ސްކޫލަށް ކުދިން ވެއްދުމުގެ ސަޤާފަތެއް ޤާއިމުކުރުމަށް ހުޅުވި ދޮރެއްކަމަށް ބެލެވެއެވެ. މިކަމުގެ ސަބަބުން މާލޭގެ ސްކޫލްތަކުގައި ދެވޭ ތަޢުލީމުގެ ފެންވަރު ދަށްވުމަށް މަގުފަހިވުމުގެ އިތުރުން މިއީ އަތޮޅުތެރޭގެ ސްކޫލްތަކުގެ ތަރައްޤީއަށް ވެސް ހީނަރުކަން ކުރިމަތިވާނެ ކަމެކެވެ.

(5) ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތަޢުލީމް
އެމްޑީޕީ ވެރިކަމުގައި
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތަޢުލީމަށް އެމްޑީޕީ ސަރުކާރުން އިސްކަމެއް ދިނެވެ. ފުރަތަމަ ފަހަރަށް އެކަމަށް ސިޔާސަތެއް އެކުލަވައިލައި އެކަމަށްޓަކައި މަސައްކަތްކުރާނެ މިނިސްޓަރ ޗެއަރކުރައްވާ ކޮމިޓީއެއް އެކުލަވައިލިއެވެ. އަދި އެކަމަށް ޓްރެއިނިންގ ދިނުމުގެ މަސައްކަތް ފެއްޓިއެވެ. ޑިޕްލޮމާ ފެންވަރުގައި ޔުނިވަރސިޓީގައި ފެއްޓި ކޯސް މިހާރު ވަނީ ޑިގްރީ ފެންވަރަށް ބަދަލުކުރެވިފައެވެ.

ރައީސް ޔާމީނުގެ ވަޢުދުތައް
 ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔެވޭނެ ފުރުޞަތުތައް އިތުރުކޮށް އަތޮޅުތެރޭގައި އިތުރު ސްކޫލްތަކުގައި ވަޞީލަތްތައް ޤާއިމުކުރުން

2015 ވަނަ އަހަރު
އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވުނު އަހަރެއް:
1. ރާއްޖޭގައި ޚާއްޞައެހީއަށް ބޭނުންވާ ކުދިން ތިބި މިންވަރާ އެކަށީގެންވާ ގޮތެއްގައި އިތުރުއެހީގެ ތަޢުލީމުގެ ކަންކަން ފުޅާކުރެވެމުން ގޮސްފައެއް ނުވެއެވެ.

(6) މަތީތަޢުލީމާއި ތަމްރީނު
އެމްޑީޕީ ވެރިކަމުގައި
އެމްޑީޕީން ޤަބޫލުކުރީ މަތީތަޢުލީމު ފުޅާކުރެވެނީ ޔުނިވަރސިޓީއަށް ވަންނަ ފެންވަރު ރަނގަޅުކުރިންގެ އަދަދު އިތުރުކުރެވިގެން ކަމަށެވެ. އަދި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން މަތީތަޢުލީމުގައި އިތުރުކުރެވުމާއެކު މަތީ ތަޢުލީމުގެ ފެންވަރު ހިފެހެއްޓޭނެ ނިޒާމު ވަރުގަދަ ކޮށްގެން ކަމަށެވެ. އެގޮތުން ސެކެންޑްރީ ސްކޫލުން ސީއަށް ވުރެން މަތިން 5 މާއްދާއިން ފާސްވާ ނިސްބަތް 60 އިންސައްތަކަމަށް ހެދުމަށްޓަކައި މަސައްކަތްކުރެވުނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން 27 އިންސައްތައިން 40 އިންސައްތައާ ކައިރިޔަށް 5 މާއްދާއިން ފާސްވާ ކުދިންގެ ނިސްބަތް އިތުރުކުރެވުނެވެ. ސްޓޫޑެންޓް ފުރިހަމަ ލޯން ސްކީމެއް ތަޢާރަފުކުރުމުގެ މަސައްކަތް ކުރެވުނެވެ. މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ ޤާއިމުކޮށް މޯލްޑިވްސް ޕޮލިޓެކްނިކު އުފެއްދުނެވެ. ޕްރައިވެޓް ހަޔަރ އެޑިޔުކޭޝަނަށް އެހީތެރިވެ ދިނުމުގެ ސިޔާސަތެއް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި އޮތެވެ. އެ ސިޔާސަތުގެ ދަށުން، ހަޔަރ އެޑިޔުކޭޝަންދޭ އަމިއްލަ ފަރާތްތަކަށް ޖާގައާއި ވަޞީލަތްތައް ލިބޭނޭ ގޮތްތައް ހަދައިދިނުމުގެ މަސައްކަތް ކުރަމުން ގެންދިޔައެވެ. ޕީޕީޕީގެ ދަށުން ވިލާ ކޮލެޖްއަށް ބިމާއި ޢިމާރާތް ދެވުނެވެ. ހުނަރު ޕްރޮގްރާމްގެ ދަށުން އަމިއްލަ ފަރާތްތަކަށް ވަޞީލަތްތައް އިތުރުކުރުމުގެ ފުރުޞަތު ހުޅުވައިދިނެވެ. މަތީ ތަޢުލީމާއި ތަމްރީނު ދިނުމަށް ކޮންމެ އަތޮޅެއްގައި ޖޫނިއަރ ކޮލެޖެއް ހިންގާނޭ ޢިމާރާތްތައް ހަދައި އެ ތަންތަން ހިންގުމަށް ޕީޕީޕީގެ ދަށުން އަމިއްލަ ފަރާތްތަކަށް ދޫކުރުމުގެ މަޝްރޫޢެއް ހިނގަން ވަނީ ފައްޓާފައެވެ. މަތީ ތަޢުލީމުގެ ފެންވަރު ކަށަވަރުކުރުމަށްޓަކައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ސެމީ އޮޓޮނޯމަސް ތަނެއްގެ ގޮތުގައި ޤާއިމުކޮށް ފަންނީގޮތުން ވަރުގަދަކުރުމުގެ މަސައްކަތް ފައްޓާފައި ވެއެވެ.

ރައީސް ޔާމީނުގެ ވަޢުދުތައް
 އޭ ލެވެލް އިން 3 ފާސް ލިބޭ ކޮންމެ ކުއްޖަކަށް ޔުނިވަރސިޓީ ތަޢުލީމު ލިބުމުގެ ފުރުޞަތު ފަހިކޮށްދޭނަން
 ސްކޯލަރޝިޕް ފަންޑުން ލިބިދޭ ފުރުޞަތުތައް އިތުރުކޮށް ފުޅާކުރާނަން
 ރާއްޖޭގައި މަތީ ތަޢުލީމުދޭ ސަރުކާރާއި އަމިއްލަ މުއައްސަސާތައް އިތުރުކޮށް ހަރުދަނާކުރާނަން
 ދުނިޔޭގެ އެކި ހިސާބުތަކުން ލިބެން ހުރި ސްކޮލަރޝިޕްތައް ފުރުޞަތުތައް ހޯދޭނެ ނެޓްވޯކެއް ޤާއިމުކޮށް އެ ޚިދުމަތަ ފަސޭހައިން ފޯރުކޮށްދޭނަން
 ސްކޮލަރޝިޕް ލޯން ސްކީމް އިތުރަށް ފުޅާކުރާނަން

2015 ވަނަ އަހަރު
2015 ވަނަ އަހަރަކީ ރާއްޖޭގެ މަތީ ތަޢުލީމަށް އެތަކެއް ގޮންޖެހުންތަކެއް ކުރިމަތިކުވި އަހަރެއް
1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުން ކިޔަވަމުން ދިޔަ ބައެއް ޢިމާރާތްތަކުން ގަދަކަމުން އެ ދަރިވަރުންނާއި ތަކެތި ސަރުކާރުން ނެރެލިއެވެ.
2. ފުލުހުން ފޮނުވައިގެން ރޭގަނޑު ދަންވަރު މަންދުކޮޅެޖްގައި ތަޅު އެޅުވިއެވެ.
3. ޤައުމީ ޔުނިވަރސިޓީގެ ޑިމޮކްރެޓިކް ކައުންސިލް އުވާލައި ރައީސުލް ޖުމްހޫރިއްޔާ ސިޔާސީ ކައުންސިލެއް އައްޔަންކުރެއްވިއެވެ.
4. ދައުލަތުން އަމިއްލަ މަތީތަޢުލީމަށް އެއްވެސް އެހީތެރިކަމެއް ނުދެއްވާއިރު، ދައުލަތުގެ މުއައްސަސާތަކުގައި ތަމްރީނު ސެންޓަރުތައް އިތުރުކޮށް ޕްރައިވެޓް ހަޔަރ އެޑިޔުކޭޝަންގެ ފުރުޞަތުތައް ހަނިކުރިއެވެ.
5. މަތީތަޢުލީމުގެ ފެންވަރު ކަށަވަރުކުރުމަށް އޮންނަ މުއައްސަސާއަށް ސިޔާސީ ނުފޫޒު ވަދެ އެތަނުގެ ފަންނީ ޤާބިލުކަން ކުޑަކުރެވި މަސައްކަތް ކިލަނބުވެގެން ގޮސްފައިވެއެވެ.
6. އަހަރަކު މަތީތަޢުލީމުގެ 2000 ސްކޯލަރޝިޕް ސަރުކާރުން ދޭނެކަމަށް ވައުދުވެފައިވީނަމަވެސް ވޭތުވެ ދިޔަ 2 އަހަރު ތެރޭގައި މީގެ ދެބައިކުޅަ އެއްބައިވެސް ދެވިފައެއް ނުވެއެވެ. އަދި ސަރުކާރުން ލޯނު ދެނީ ވެސް ރާއްޖޭގައި ނުވަތަ ސަރުކާރަށް ފެންނަ ތަނެއްގައި ކިޔެވުމަށެވެ.
7. 2015 ވަނަ އަހަރު ނިމިގެން ދިޔައީ އޭ ލެވެލް އިމްތިހާނުން ހުރިހާ މާއްދާއަކުން އޭ ފާސް ހޯދާކުދިންނަށް ދެމުން ގެންދާ ރައީސުލް ޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ދޭ އުޞޫލު ހަނިކުރި ޚަބަރާއެކުގައެވެ. ކުރިން އޭ ލެވެލްގެ ހުރިހާ މާއްދާއަކުން އޭ ފާސް ހޯދާ ކުދިން ބޭނުންވާ ޤައުމަކުން ބޭނުން ދާއިރާއަކުން ކިޔެވުމަށް ސްކޮލަރޝިޕް ލިބެއެވެ. ނަމަވެސް ހަނިކުރި އުޞޫލުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ލިބޭނީ ހުރިހާ މާއްދާއަކުން އޭ ފާސް ހޯދާ ދަރިވަރުންގެ ތެރެއިން 15 ދަރިވަރަކަށެވެ. އެތަނުން 10 ދަރިވަރަކަށް ސްކޮލަރޝިޕް ދެވޭނީ ތަރައްޤީ ވަމުންދާ ޤައުމެއްގެ ޔުނިވަރސިޓީއެއްގައި ކިޔެވުމަށެވެ. މި އުޞޫލު އިޢުލާންކުރުމާއެކު ރައްޔިތުންގެ ނުރުހުން އޮއްސައިގަތުމުން މިހާރު ވަނީ އެކަން މަޑުޖައްސާލާފައެވެ. ނަމަވެސް ސަރުކާރުގެ ވިސްނުމަކީ މި ފުރުޞަތު ހަނިކުރުންކަން ސާފުވެއެވެ.

(7) ތަޢުލީމީ ދާއިރާގެ ހިންގުން
އެމްޑީޕީ ވެރިކަމުގައި
އެމްޑީޕީ ވެރިކަމުގައި ތަޢުލީމީ ދާއިރާގެ ހިންގުމަށް ވަރަށް ބޮޑު ސަމާލުކަމެއްދީ ހިންގުން ހަރުދަނާ ކުރުމަށް ތަފާތު މަސައްކަތްތަކެއް ކުރެވުނެވެ. މި މަސައްކަތުގެ ފަލްސަފާއަކީ ސްކޫލްތަކާއި ބެލެނިވެރިން ބާރުވެރިކޮށް އެ ފަރާތްތަކުގެ ބައިވެރިވުމާއެކު ލާމަރުކަޒީ ގޮތެއްގައި ތަޢުލީމީ ދާއިރާ ހިންގުމެވެ. ސްކޫލްތަކުގައި ސްކޫލް ބޯޑު އުފައްދައި ސްކޫލް ބޯޓުން ގިނަ ނިންމުންތަކެއް ނިންމާ ގޮތަށް ހަމަޖެއްސުނެވެ. އަތޮޅުތެރޭގައި ސަރަހައްދީ އޮފީސް ޤާއިމުކޮށް އެ ސަރަހައްދަކުން އެ ސަރަހައްދެއްގެ ސްކޫލްތަކުގެ ކަންކަން ކުރަމުންދާގޮތަށް ބަދަލުކުރެވުނެވެ. ސްކޫލްތައް އަމިއްލައަށް ވަޒަންކޮށް ބަދަލުކުރަމުންދެވޭނެ ގައިޑް ލައިންތައް ތައްޔާރުކޮށް ސްކޫލްތަކަށް ފޯރުކޮށްދެވުނެވެ. މިގޮތަށް ތަޢުލީމީ ދާއިރާގެ ހިންގުން ބަދަލުކުރުމުގެ ސަބަބުން އެޑިޔުކޭޝަން މިނިސްޓްރީއަށް ތަޢުލީމީ ސިޔާސަތުތައް އެކަށައަޅައި ޕްރޮގްރާމްތައް ވަޒަންކުރުމަށް ވަގުތު ލިބިގެންދިޔައެވެ.

ރައީސް ޔާމީނުގެ ވަޢުދުތައް
 ތަޢުލީމުގެ ހިންގުމާ ބެހޭގޮތުން ކޮށްފައިވާ ވަޢުދެއް އަދި ލިޔެފައިވާ ސިޔާސަތެއް ފެންނާކަން ނެތެވެ.

2015 ވަނަ އަހަރު
ހުރިހާ ބާރެއް މިނިސްޓްރީއަށް ޖަމާކޮށްގެން 18 ސިޔާސީ މީހުންނަށް ކަންކުރަންވީ ގޮތް ސާފުނުވެ އޮޅުން ބޮޅުންކޮށް ކަންތައް ކުރި އަހަރެއް:
1. ވޭތިވެ ދިޔަ 2014 ވަނަ އަހަރެކޭ އެއްފަދައިން 2015 ވަނަ އަހަރަކީ ވެސް ބާރުތައް މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ޖަމާކުރަމުން ގެންދިޔަ އަހަރެކެވެ. އެ މިނިސްޓްރީގައި އެމްޑީޕީ ވެރިކަމުގައި ތިބި 4 ސިޔާސީ މީހުންގެ ބަދަލުގައި 18 މީހުން ތިބެގެން ސްކޫލްތަކުން ނިންމިދާނެ ނިންމުންތައް ގެންދިޔައީ މިނިސްޓްރީން ނިންމަމުންނެވެ. ސްކޫލްތަކުން ކުރެވިދާނެ ވަރުގެ ކަންކަން މިނިސްޓްރީން ގެންދިޔައީ ކުރައްވަމުންނެވެ.
2. މިހާ ގިނަ ސިޔާސީ މީހުން ތިބެގެން ނިންމުންތައް ނިންމަމުން ގެންދިޔައިރު ވެސް 2015 ވަނަ އަހަރު ފާހަގަވެގެން ދިޔައީ ބަލަން ވާ މިންވަރަށް ނުބަލައި އަވަސް އަރުވާލައިގެން ނިންމުންތައް ނިންމަމުން ގެންދިޔަ އަހަރެއްގެ ގޮތުގައެވެ. ނިންމުންތައް އަވަސް އަވަހަށް ބަދަލުކުރަން ޖެހުނު އަހަރެއްގެ ގޮތުގައެވެ.

8. ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުން
އެމްޑީޕީގެ ވެރިކަމުގައި
އެމްޑީޕީގެ ވެރިކަމުގައި ތައުލީމުގެ ފެންވަރު މަތިކުރުމަށް ޚާއްޞަ ސަލާލުކަމެއް ދެވުނެވެ. ފެންވަރު ރަނގަޅުކުރެވޭނީ އެންމެން ގުޅިގެން އެކަމަށް ނިޔަތް އޮވެގެން ކުރާ ރޭވުންތެރި މަސައްކަތެއްގެ ތެރެއިންކަމަށް އެމްޑީޕީ ގާބުލުކުރިއެވެ. ތަޢުލީމީ ދާއިރާގެ ހުރިހާ ހިއްސާދާރުން ތަޢުލީމީ ކަންކަމުގައި ބައިވެރިކުރުމަށް މަސައްކަތްކުރިއެވެ. ތައުލީމުގެ ފެންވަރު ރަނގަޅުކުރެވޭނީ ޓީޗަރުންގެ ޝައުޤުވެރިކަން އިތުރުކޮށް ފެންވަރު ރަނގަޅުކުރެވިގެންކަމަށް ވާތީ ޓީޗަރުންގެ ޝައުޤުވެރިކަން އިތުރުކުރުމަށާއި ޓީޗަރުންގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރެވުނެވެ. ކޮންމެ ޓަރމެއްގެ އެއް ދުވަސް އެއީ އިންސަރވިސްގެ ދުވަހެއްކަމަށް ކަނޑައެޅުމުގެ އިތުރަށް ޓީޗަރުންގެ އިންސަރވިސް ތަމްރީނު އިތުރު ކުރެވުނެވެ. ދަރިވަރުން ޖީސީއޯ ލެވެލްގައި ހޯދާ ނަތީޖާ އިތުރުކޮށް ފޭލްވާ ކުދިން މަދުކުރުމަށް ކުރި މަސައްކަތުގެ ދަށުން އަހަރުން އަހަރަށް ދިޔައީ ނަތީޖާ ރަނގަޅުވެ އޭ ލެވެލްގައި 5 މާއްދާއިން ފާސްވާ ކުދިންގެ އަދަދު މަތިވަމުން، ފެއިލްވަމުންދާ ކުދިންގެ އަދަދު ދަށްވަމުންނެވެ.

ރައީސް ޔާމީނުގެ ވަޢުދުތައް
 ރައީސް ޔާމީނުގެ ތަޢުލީމީ ސިޔާސަތުގެ ތެރޭގައި ތަޢުލީމީ ފެންވަރާބެހޭ ވާހަކައެއް ނެތެވެ. އެއިން ދޭހަވަނީ ތަޢުލީމީ ފެންވަރަކީ މި ސަރުކާރަށް މާ މުހިނމު އެއްޗެއް ނޫންކަމެވެ. އޭ ލެވެލް އިން ފާސްވާ ދަރިވަރުންނަށް ދޭ ސްކޮލަރޝިޕް ހަނިކުރަން މަސައްކަތްކުރުމުންނާއި ސްކޫލްގައި ތިބޭ، މާއްދާތަކުން އިތުރު އެހީ ބޭނުންވާ ދަރިވަރުންނަކީ ނުކިޔެވޭނެ ދަރިވަރުންކަމަށް ލޭބަލްކޮށް، އެކުދިންނަށް ބޭނުންވާ އިތުރު އެހީދީގެން އެކުދިން މޮޅުކުރުމަށް މަސައްކަތްކުރުމުގެ ބަދަލުގައި އެކުދިން ސިސްޓަމުން ބާކީ ކުރުމަށް މަސައްކަތްކުރުމުން ވެސް މިކަން ދޭހަ ވެއެވެ.

2015 ވަނަ އަހަރު
ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމަށް ފޯކަސްކޮށްގެން މަސައްކަތްކުރުމުގެ ބަދަލުގައި ފެންވަރު ރަގަޅުކަމަށް ދެއްކުމަށްޓަކައި، ފެންވަރު ދަށްކުދިން ޢާންމު ތަޢުލީމުން މަހުރޫމްކުރަމުން ގެންދިޔަ އަހަރެއް

ނިންމުން
2015 ވަނަ އަހަރަކީ ތައުލީމީ ދާއިރާގައި ގިނަ ކަންތައްތަކެއް ކުރަމުންދާކަން މީޑިޔާތަކުން ދައްކަން ބޮޑު މަސައްކަތްތަކެއް ކުރެވުނު އަހަރެކެވެ. އެހެންނަމަވެސް ޙަޤީޤަތުގައި 2015 ވަނަ އަހަރު ވެގެން ގޮސްފައި ވަނީ ތަޢުލީމީ ނިޒާމު ވަރަށް ބޮޑަށް ސިޔާސީވެ އެ ދާއިރާގެ އޮފްކަން ކުޑަވެ އޮޅުން ބޮޅުންކަން ބޮޑުވެގެން ދިޔަ އަހަރަކަށެވެ. ޕީޕީއެމްގެ ތަޢުލީމީ މެނިފެސްޓޯގައިވާ ގިނަ ކަންތަކަކަށް ސަމާލުކަން ދެވިފައި ނުވާ އަހަރަކަށެވެ. އަދި މަތީ ތަޢުލީމަށާއި މަތީ ތަޢުލީމުގެ ފެންވަރު ހިފެހެއްޓުމަށް ގޮންޖެހުންތަކެއް ކުރިމަތިކުރުވި އަހަރަކަށެވެ. އަދި މިކަންކަމާގުޅިގެން ކިޔަވައިދިނުމުގެ ކަންކަމަށް ނުހަނުގިނަ، ބޮޑެތި ބުރޫ އަރައި، މުދައްރިސުންނާއި ބެލެނިވެރިންގެ ޝަކުވާ އިންތިހާއަށް ބޮޑުވި އަހަރަކަށެވެ.

27 ޑިސެމްބްރ 2015