އެމް.ޑީ.ޕީ ޒުވާނުންގެ ހިތްވަރުގެ ރައީސް އައި.ވައި.ޑީ.ޔޫ ގެ ވައިސް ޗެއާރމަންގެ މަޤާމަށް ހޮވިވަޑައިގެންފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޒުވާނުންގެ ހިއްވަރުގެ ރައީސް މުޙައްމަދު އަޒުމީލް އިންޓަރނޭޝަނަލް ޔަންގ ޑިމޮކްރަޓް ޔޫނިއަންގެ ވައިސް ޗެއާރމަންގެ މަޤާމަށް ހޮވިވަޑައިގަތުމާ ގުޅިގެން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން އަޒްމީލްއަށާއި އެމްޑީޕީގެ ޒުވާނުންގެ ހިއްވަރުގެ ހުރިހާ މެމްބަރުންނަށް މަރުޙަބާ ދަންނަވަމެވެ.

މުޙައްމަދު އަޒުމީލް އައި.ވައި.ޑީ.ޔޫގެ ވައިސް ޗެއާރމަންއަށް ހޮވިވަޑައިގެންނެވިކަން އަންގާ އައި.ވައި.ޑީ.ޔޫގެ ޗެއާރމަން ޖޭސަން ފްރެޑްރިކް އެމޯޓް އަޒްމީލްއަށް ފޮނުއްވެވި ސިޓީގައި އަޒްމީލް އަށާއި އެމް.ޑީ.ޕީއަށް ވަނީ މަރުޙަބާ ދަންނަވާފައެވެ. އަދި މިހާތަނަށް ޑިމޮކްރަސީ ކުރިއެރުވުމަށް ދިވެހިރާއްޖޭގައާއި ރާއްޖޭން ބޭރުގައި ކުރެއްވި މަސައްކަތްތައް ވަނީ ފާހަގަ ކުރައްވާފައެވެ.

އައި.ވައި.ޑީ.ޔޫގެ ވައިސް ޗެއާރމަންގެ ގޮތުގައި ދިވެހި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމަށާއި އިންސާނީ ޙައްޤުތައް ކުރިއެރުވުމަށް އިތުރު މަސައްކަތްކުރައްވައި ބައިނަލްއަޤްވާމީދުނިޔޭގައި ދިވެހިރާއްޖެ އަދި އެމް.ޑީ.ޕީގެ އިތުރުން އައި.ވައި.ޑީ.ޔޫ ތަމްސީލް ކުރެއްވުމަށް މި ސިޓީގައި އަޒްމީލްގެ އަރިހުން ވަނީ އެދިލައްވާފައެވެ. އަދި ސިޔާސީ މައިދާނުގައި ބައިނަލްއަޤްވާމީ ސިޔާސީ މަޝްރަޙަށް ޒުވާނުންނާއި ދިވެހިން އަހުލުވެރިކުރުމަށް މަަސައްކަތް ކުރެއްވުމަށް އައި.ވައި.ޑީ.ޔޫއިން އަޒްމީލް އަރިހުން އެދިވަޑައިގެންނެވިއެވެ.

އަޒްމީލްއާއެކު ދުނިޔޭގެ ޒުވާން ސިޔާސީ ލީޑާރުން މަސައްކަތް ކުރައްވާނެކަމަށާއި ކުރިއަށް އޮތް އަހަރުތަކުގައި އަޒްމީލްއާއެކު މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ތިއްބެވި ކަމުގައިވެސް އައި.ވައި.ޑީ.ޔޫގެ ޗެއާރމަން ޖޭސަން ފްރެޑްރިކް އެމޯޓް ވިދާޅުވިއެވެ.

އައި.ވައި.ޑީ.ޔޫ އަކީ ދުނިޔޭގެ ކަނާތު ފިޔައިގެ ސިޔާސީ ޕާޓީތަކުގެ ޒުވާން ސިޔާސީ ލީޑަރުންގެ ކޯލީޝަނެވެ. 1981 ވަނަ އަހަރު އުފެދުނު މި ކޯލީޝަންގައި މިއަދު 81 ގައުމު ތަމްސީލުކުރެއެވެ. އައި.ވައި.ޑީ.ޔޫގެ ފަރާތުން އެމްޑީޕީގެ ޒުވާނުންގެ ހިއްވަރުގެ މެމްބަރުންނަށް ވަނީ ސިޔާސީ ކަންކަމާ ގުޅޭ ގޮތުން ތަމްރީނުތައް ފޯރުކޮށްދެއްވާފައެވެ. އައި.ވައި.ޑީ.ޔޫގެ ގިނަ ހަރަކާތްތަކުގައި އެމްޑީޕީގެ ޒުވާނުންގެ ހިއްވަރުގެ ފަރާތުން ބައިވެރިވާކަން ފާހަގަ ކުރަމެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް
ތާރީޚް:4 ޖަނަވަރީ 2016