ހުޅުހެންވެއިރު ދާއިރާގެ މަޖިލިސް މެމްބަރު މޫސާ މަނިކު އެމް.ޑީ.ޕީއަށް ވަނުމަށް ހުށަހެޅި ސިޓީގެ ޖަވާބު ދީފި

30 ޑިސެމްބަރ 2015 ވަނަ ދުވަހު މޫސާ މަނިކުގެ ފަރާތުން އެމް.ޑީ.ޕީ އަށް ފޮނުއްވާފައިވާ ސިޓީއާ ގުޅޭ ގޮތުން އެމް.ޑީ.ޕީން މިއަދު އެ ސިޓީގެ ޖަވާބު ދީފިއެވެ.

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޕާރލަމެންޓްރީ ގްރޫޕުގެ މެމްބަރެއްގެ ގޮތުގައި ހުންނެވިއިރު މި ޕާޓީގެ ޕީ.ޖީ ގްރޫޕްގެ ވިޕްލައިނާ ޚިލާފުވެވަޑައިގެންނެވި މައްސަލާގައި ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީއިން އެ މައްސަލަ ބެއްލެވުމަށްފަހު 22 ޑިސެމްބަރ 2014 ވަނަ ދުވަހު ނިންމަވާފައިވަނީ؛ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން އަލްފާޟިލް މޫސާ މަނިކު ވަކުކުރުމަށާއި، އަލްފާޟިލް މޫސާ މަނިކު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް އަލުން ވަދެވަޑައިގަތުމަށް ސޮއިކުރައްވާނަމަ މި ޕާޓީގެ މެމްނަރުންގެ އިތުބާރު އަލްފާޟިލް މޫސާ މަނިކާމެދު އަލުން އުފެއްދުމަށްޓަކައި ޕާޓީގެ އެންމެހައި މެމްބަރުންގެ ކިބައިން މަޢާފަށް އެދިވަޑައިގެން، ޕާޓީގެ ރަސްމީ ވެބްސައިޓުގައި ޝާއިޢުކުރުމަށްޓަކައި މުސާ މަނިކު ބަޔާނެއް ޕާޓީ ސެކްރެޓޭރިއޭޓަށް ފޮނުއްވުމަށާއި، އަލްފާޟިލް މޫސާ މަނިކު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް އަލުން ވަދެވަޑައިގަތުމަށް ސޮއިކުރައްވާނަމަ، މޫސާ މަނިކުއާއެކު އިތުރު 50 މެމްބަރުންގެ (ގޮތްޕެއް ހެދުމަށް މިހާރު ކަނޑައެޅިފައިވާ ޢަދަދު) މި ޕާޓީއަށް އަލަށް ވެއްދުމަށް މެމްބަރޝިޕް ފޯމު ހުށަހެޅުއްވުމަށެވެ.

އެހެންކަމުން މުސާ މަނިކު ފޮނުއްވެވި ސިޓީއާއެކު ފޮނުއްވާފައިވާ މެމްބަރޝިޕް ފޯމް މި ޕާޓީއަށް ބަލައިގަނެވޭނީ 22 ޑިސެމްބަރ 2014 ވަނަ ދުވަހު މި ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީއިން އަލްފާޟިލް މޫސާ މަނިކަށް އަޅާފައިވާ ފިޔަވަޅުތަކުގައި ފުރިހަމަކުރުމަށް ކަނޑައަޅާފައިވާ ކަންކަން ފުރިހަމަކުރެއްވުމާއެކު މެމްބަރޝިޕް ފޯމު ހުށަހެޅުއްވުމުންކަމުގައި އެމް.ޑީ.ޕީގެ ސިޓީގައި ވެއެވެ.