ޒިޔާދާ ނައީމަށް ލިބިފައިވާ އަނިޔާއަށް ސަރުކާރާއި ޝަރުއީ ނިޒާމުގެ ތެރެއިން އޭނާގެ ފިރިމީހާ ޖަވާބުދާރީކުރުވައި އަދަބު ދެވެން ޖެހޭނެ

އެމް.ޑީ.ޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަންހެނުންގެ ރޫހުގެ ރައީސާ ޝިފާ މުޙައްމަދު އަދި ޒިފްލީން ވިދާޅުވީ އެމް.ޑީ.ޕީން ގަބޫލުކުރާގޮތުގައި ޒިޔާދާ ނައީމަށް ލިބިފައިވާ އަނިޔާއަށް ސަރުކާރާއި ޝަރުއީ ނިޒާމުގެ ތެރެއިން އޭނާގެ ފިރިމީހާ ޖަވާބުދާރީކުރުވައި އަދަބު ދެވެން ޖެހޭނެއެވެ.

“ފިރިމީހާ އަނބިމީހާ އަނިޔާކުރަނީ ފިރިމީހާގެ ބާރު އަބިމީހާއަށް ދައްކާލުމަށް. މިފަދަ މައްސަލަތައް ދިރާސާކުރާ ތަޖްރިބާކާރުން ބުނަނީ އެއީ އަނިޔާ ދޭ މީހާ އަނިޔާ ލިބޭ މީހާއަށް ބާރުދައްކާލުމަށް ހިންގާ އަމަލެއްކަމައް.” އަންހެނުންގެ ރޫހުގެ ހިންގާ ކޮމެޓީގެ މެމްބަރު އަލްއުސްތާޒާ ފަރީޝާ އަބްދުﷲ ވިދާޅުވިއެވެ.

ގެވެށި އަނިޔާގެ އަމަލުތައް ހިނގުމަށް މަގުފަހިކުރުވާ ތަފާތު އެތައް ސަބަބުތަކެއް ރާއްޖޭގައި ހުރިއިރު އަދި ގެވެށި އަނިޔާގެ ޝިކާރައިން ތެރޭގައި ފިރިހެނުންނާ އަޅާބަލާއިރު މާ މަތީ މިންވަރަކަށް އަންހެނުން ހިމެނޭއިރު އެ ސަބަބުތައް ނައްތާލުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކުންވެސް އިހްމާލުވެފައިވާކަމީ ހަގީގަތެއްކަން އަޅުގަނޑުމެން ފާހަގަކުރެމެވެ.

“ޒިޔާދާ ނައީމަށް އެފަދަ އަނިޔާއެއް ލިބެން މެދުވެރިވެފައިވާ އެއް ސަބަބަކީ އޭނާގެ ފިރިމީހާ އަނިޔާ ދެމުންދާއިރުވެސް އެ އަނިޔާއާ ދުރަށް ދިޔުމުގެ ގާބިލްކަން އޭނާއަށް ލިބިފައި ނެތުމެވެ. އެއީ އޭނާއަށް އެ ގާބިލުކަން ލިބިދެވޭނެ ނިޒާމެއް މުޖްތަމައުއިންނާއި ސަރުކާރުންނާއި ޝަރުއީ ދާއިރާއިން އުފައްދައިދީފައި ނުވާތީ” ފަރީޝާ ވިދާޅުވިއެވެ.

އަޅުގަނޑުމެން ބޭނުންވަނީ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުން ޒިޔާދާ ނައީމަށާއި އޭނާގެ ތިން ދަރިންނަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރުކޮށްދީ އެ ހަތަރުމައިންނަށް ހަމަޖެހުމާއެކު ދިރިއުޅެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށްކަމަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމް.ޑީ.ޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ޝިފާ އަދި އަންހެނުންގެ ހިންގާ ކޮމެޓީގެ މެމްބަރު ޒިފްލީން ސަރުކާރަށް ގޮވާލެއްވިއެވެ.