މުސްތަޤިއްލު ޚިދުމަތެއްގެ ގޮތުގައި ޤާނޫނު އަސާސީއާއި ޤާނޫނުން ސިވިލް ސަރވިސް އެއް އުފައްދަވައި، އަދި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި ވަޒީފާއިން ވަކިކުރުމާއި މުސާރައާއި އިނާޔަތްތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު މިނިވަން ޤާނޫނީ ޝަޚްޞެއްގެ ގޮތުން ސިވިލް ސަރވިސް ކޮމިޝަނާ ޤާނޫނީ ގޮތުން މަތިކުރެވިފައިވަނިކޮށް، ފިނޭންސް މިނިސްޓްރީގެ މުހިއްމު ސެކްޝަންތަކެއް އުވާލައްވައި އަދި 75 މުވައްޒަފަކު އެ މިނިސްޓްރީގެ ވަޒީފާތަކުން ކުއްލިގޮތަކަށް ވަކިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ނިންމަވައި، އަދި ޤާނޫނު އަސާސީން ލިބިދޭ ހަޅުތާލުކުރުމުގެ ޙައްޤު އެ މުވައްޒަފުން ބޭނުންކޮށްފިނަމަ މުސާރަ ކަނޑުއްވާލުމާއި އެނޫން ގޮތްތަކަށް ވެސް ޢަމަލުކުރައްވާނޭކަމުގެ ބިރުދައްކަވައި އިންޒާރުދެއްވައި، ޤާނޫނު އަސާސީއާ ބީރައްޓެހި ވާހަކަފުޅުދައްކަވައި، ޤާނޫނު އަސާސީއާ ޚިލާފަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ޢަމަލުކުރައްވަމުން ގެންދަވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް، ފިނޭންސް މިނިސްޓްރީގެ 75 މުވައްޒަފަކު އެ މިނިސްޓްރީގެ ވަޒީފާތަކުން ކުއްލިގޮތަކަށް ވަކިކުރެއްވުމަށް ނިންމެވުމަކީ އެ މުވައްޒަފުނާއި އެ މުވައްޒަފުންގެ ޢާއިލާތަކަށް ކުއްލިގޮތަކަށް ލިބިގެންދާ ބޮޑު ގެއްލުމަކާއި ނިކަމެތިކަމެއްގެ އިތުރުން، ސިވިލް ސަރވިސް ކޮމިޝަނާ ޤާނޫނީ ގޮތުން މަތިކުރެވިފައިވާ މަސްއޫލިއްޔަތެއްގެ ތެރެއަށް ޤާނޫނާ ޚިލާފަށް ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ވަދެވަޑައިގަތް ވަދެވަޑައިގަތުމެއްކަމަށް ދެކެމެވެ. އަދި ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުންނަށް ރައީސް ޢަބްދުﷲ ޔާމިން ހަރުކަށި ބަސްފުޅު ރައްދުކުރައްވައި، ސިވިލް ސަރވިސްގެ ވަޒީފާތަކަކީ އެމަނިކުފާނު ދެއްވާ އެއްޗެއްގެ ގޮތުގައި ދޭހަވާގޮތަށް ވާހަކަފުޅު ދައްކަވާފައިވާތީ ކަންބޮޑުވުން ފާޅުކުރަމެވެ. އަދި ޝަރުތު ހަމަވެގެން ސިވިލް ސަރވިސްގެ ވަޒީފާ ލިބި އެ ވަޒީފާތަކުގައި ދެމިތިބި މުވައްޒަފުން ކަމުގައި ވިޔަސް އެވަޒީފާތަކުގައި ތިބުމުގެ ޙައްޤަކީ އެ މުވައްޒަފުންނަށް ލިބިގެންވާ ޙައްޤެއް ނޫންކަމާއި އެ މުވައްޒަފުން ވަޒީފާ އަދާކުރަންޖެހޭ ތަންތަން އެނގިވަޑައިގަންނަވާނީ ސަރުކާރަށްކަމަށް ރައީސް ޢަބްދުﷲ ޔާމިން ވިދާޅުވުމަކީ ޤާނޫނުތަކާ ޚިލާފު ވާހަކަފުޅެއްކަމަށްވާތީ އެކަން ކުށްވެރިކުރަމެވެ.
މިކަމުން ފެންނަން އޮތް އަނެއް ބިރަކީ 2008 ވަނަ އަހަރުގައި ޢަމަލުކުރަންފެށި ޤާނޫނު އަސާސީއަށް ޢަމަލުކުރަން ފެށުމުގެ ކުރިން އޮތް ގޮތަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ގޮތަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހިމެނޭ ޕަބްލިކް ސަރވިސް ޑިޕާރޓްމެންޓުން މުވައްޒަފުންނަށް ވަޒީފާ ދިނުމާއި ވަޒީފާއިން ވަކިކުރަމުންދިއަ ގޮތަށް އަލުން އަނބުރާ ބަދަލުވަމުންދާކަމުގެ ބިރެވެ.
ފިނޭންސް މިނިސްޓްރީގެ 75 މުވައްޒަފުން އެ މިނިސްޓްރީގެ ވަޒީފާއިން ވަކިކުރެއްވުމުގައި ރައީސް ޢަބްދުﷲ ޔާމިން އެއްފަހަރު ދައްކަވާ ވާހަކަފުޅަކީ ސިވިލް ސަރވިސްގެ މުވައްޒަފުންގެ އަދަދު ގިނަ ކަމުގެ ވާހަކަފުޅެވެ. އަދި އެ އަދަދު މަދުކުރެވިގެން ނޫނީ މުސާރައާއި އިނާޔަތްތައް ބޮޑުކުރެވެން ނެތްކަމުގެ ވާހަކަފުޅެވެ. ނަމަވެސް އެއާ ވިދިގެން އެމަނިކުފާނު ދައްކަވާ އަނެއް ވާހަކަފުޅަކީ އެ 75 މުވައްޒަފުން ސަރުކާރުގެ އެހެން އިދާރާތަކުގެ ވަޒީފާތަކަށް ބަދަލުކުރައްވާނޭކަމުގެ ވާހަކަފުޅެވެ. އެހެންކަމުން އެމަނިކުފާނު ދައްކަވާ އެއް ވާހަކަފުޅާއި އަނެއް ވާހަކަފުޅު ތަޢާރަޒުވާކަން ފާހަގަކުރެވެއެވެ.
ސިވިލް ސާރވިސް ގެ މުވައްޒަފުންގެ އަދަދު ގިނަ ކަމުގައި ވީނަމަވެސް ހިޔުމަން ރިސޯރސް އޯޑިޓެއް ނުހައްދަވައި، ހަމައެކަނި އެއްވުޒާރާއަކަށް އަމާޒުކުރައްވައިގެން 75 މުވައްޒަފުން އެއްފަހަރާ ވަކިކުރެއްވުމަކީ އެއްގޮތަކަށް ވެސް ޤަބޫލުކުރެވޭކަމެއް ނޫނެވެ.
ރައީސް ޢަބްދުﷲ ޔާމިން ގެ އަމުރުފުޅަށް ފިނޭންސް މިނިސްޓްރީން 75 މުވައްޒަފުން އެއްފަހަރާ ވަކިކުރެއްވުމުގެ މައްސަލާގައި އެ މުވައްޒަފުން އިޙްތިޖާޖުކުރުމުގެ ގޮތުން ހަޅުތާލުކުރުމުން އެކަމުގައި ރައީސް ޢަބްދުﷲ ޔާމިން އެ މުވައްޒަފުންނަށް ހަރުކަށި ބަސްފުޅުތައް ރައްދުކުރައްވައި މުސާރަ ކަނޑުއްވާލާނޭކަމަށާއި އަދި އެނޫން ވެސް ފިޔަވަޅު އަޅުއްވާނޭކަމުގެ އިންޒާރުދެއްވި ދެއްވުމުން އެނގެނީ އެމަނިކުފާނު މިރާއްޖޭގެ ޤާނޫނު އަސާސީއާ ބީރައްޓެހިފުޅު ކަމެވެ. އަދި އެމަނިކުފާނުގެ އެ އިންޒާރަކީ ޤާނޫނު އަސާސީއާއި ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފަށް ދެއްވާފައިވާ އިންޒާރެއްކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.
ޤާނޫނު އަސާސީގެ 31 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ” އިޙްތިޖާޖުކުރުމަށްޓަކައި ހަޅުތާލުކުރުމުގެ ގޮތުން މަސައްކަތް ހުއްޓައިލައިގެން ތިބުމުގެ ޙައްޤު ދިވެހިރާއްޖޭގެ ވަޒީފާ އަދާކުރާ މީހުންނާއި އެނޫންވެސް މަސައްކަތްތެރިންނަށް ލިބިގެންވެއެވެ” މިފަދައިންނެވެ.
އެހެންކަމުން ސިވިލް ސާރވިސްގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ވަޒީފާ އަދާކުރުމުގެ ޙައްޤަށް ރައީސް ޢަބްދުﷲ ޔާމިންގެ ސަރުކާރުން އަރައި ނުގެންނެވުމަށާއި އެފަރާތްތަކަށް ބިރުނުދެއްކެވުމަށް ސަރުކާރަށް ގޮވާލާހިނދު، ސިވިލް ސާރވިސް ކޮމިޝަނުން އެ މުވައްޒަފުންގެ ޙައްޤު ދިފާޢުކޮށްދެއްވުމަށާއި ޤާނޫނު އަސާސީއާއި ޤާނޫނުގައިވާގޮތުގެ މަތިން މިނިވަންކަމާއެކު މަސައްކަތްކުރާ ކޮމިޝަނެއްގެ ގޮތުގައި ސިވިލް ސާރވިސް ކޮމިޝަން ވެވަޑައިގަތުމަށް އެ ކޮމިޝަނަށް މި ޕާރޓީން ގޮވާލަމެވެ.
23 ޑިސެމްބަރ 2015
ބަޔާންނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް