ރައީސް ނަޝީދުގެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅައިފި

މިއަދު ސްޕްރީމް ކޯޓަށް ހުށަހަޅައިިފައިވާ މައްސަލައިގައި އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ކްރިމިނަލް ކޯޓުގައި ކުރެވުނު ޓެރަރިޒަމްގެ ކުށުގެ ދަޢުވާއަކީ ރަނގަޅު ދަޢުވާއެއް ނޫންކަމަށާއި، ރައީސް ނަޝީދަށް އިންސާފުވެރި ޝަރީޢަތެއް ލިބިވަޑައިގަންފައި ނުވާކަމަށާއި، އދ.ގެ ވަކިން ގްރޫޕްގެ ނިންމުމުގައި ބައިނަލްއަޤްވާމީ ޤާނޫނީ ހަމަތަކަށް ރިޢާޔަތްކޮށް ނިންމާފައިވާ ނިންމުމުގައި، ދިވެހިރާއްޖެ ބައިވެރިވެ ސޮއިކޮށްފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުން ލިބިދޭ އިންސާނީ ޙައްޤުތަކާއި މިނިވަންކަން ރައީސް ނަޝީދުގެ ކިބައިން ނިގުޅައިގެންފައިވާތީ، އެކަންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ރިޢާޔަތް ކުރައްވައި، ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކުރައްވާފައިވާ ދަޢުވާ އަދި ޙުކުމް ބާޠިލުކޮށްދެއްވުމަށެވެ.

އޭގެ އިތުރުން، ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ޢަބްދުﷲ މުޙައްމަދު އެމް.އެން.ޑީ.އެފް.ގެ ބެލުމުގެ ދަށަށް ގެންދެވުމާ ގުޅިގެން އިސް ޤާޟީ ޢަބްދުﷲ މުޙައްމަދު ދޫކޮށްލުމަށް އެމް.އެން.ޑީ.އެފް.ގެ މައްޗަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައިވާތީ، ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިޘިއްޔަތުން އެއަމުރު ތަންފީޛުކުރުމަށްޓަކައި އެކަމަށް މަގުފަހި ކުރުމުގެ ގޮތުން އަންގަންޖެހޭ އެންގުމެއްވާނަމަ އެކަމެއް ރައީސް ނަޝީދު ކުރައްވާފަ ނުވާނުވުމަކީ، މިހާރު ޢަމަލު ކުރަމުންދާ ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުށެއްގެ ދަޢުވާއެއް އުފުލިދާނެފަދަ ކަމެއް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ފެނިވަޑައިގަންނަވާނަމަ، އެކުށަކަށް ވަކި ދަޢުވާއެއް ކުރުމަށްޓަކައި މިމައްސަލައިގެ ތެރެއިން ޕްރޮސިކިއުޓަ ޖެނެރަލަށް އަމުރު ކޮށްދެއްވުމަށް ވެސް ރައީސް ނަޝީދު އެދިވަޑައިގަންފައިވެއެވެ.