އޭލެވެލް އިމްތިހާނުގައި އެންމެ މަތީ ވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕް މަދުނުކުރެއްވުމަށާއި ސްކޮލަރޝިޕްގައި ފޮނުވާ ގިނަ ދަރިވަރުން ތަރައްޤީ ވެފައިވާ ޤައުމުތަކަށް ނުފޮނުއްވަން ސަރުކާރުގެ މަތީފެންވަރުގައި ކުރެވޭ މަޝްވަރާތައް މިހާރުން މިހާރަށް ހުއްޓާލުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ޒުވާނުންގެ ހިތްވަރުގެ ފާރާތުން ގޮވާލަމެވެ.
ދިވެހިރާއްޖޭގެ އާބާދީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ޒުވާނުން ކަމުގައިވާއިރު މަތީ ތަޢުލީމުގެ ފުރުޞަތު އެންމެ ފުޅާމިންވަރަށް ޒުވާނުންނަށް ހުޅުވިފައި އޮތުމަކީ ދިވެހިރާއްޖޭގެ މުސްތަޤްބަލް ދެމެހެއްޓެނިވި ގޮތެއްގައި ބިނާކުރުމަށް އެންމެ މުހިއްމު އެއްކަން ކަމުގައި ޒުވާނުންގެ ހިއްވަރުން ޤަބޫލުކުރަމެވެ.
ދިވެހިރާއްޖޭގައި ސާނަވީ ތަޢުލީމު ފުރިހަމަ ކުރާ ދަރިވަރުންގެ ތެރެއިން މަތީ ތަޢުލީމުގެ ފުރުޞަތު ލިބެނީ އެންމެ %6 ދަރިވަރުންނަށް ކަމުގައި ވަރލްޑް ބޭންކުގެ ދިރާސާއިން ހާމަވެއެވެ. ދިވެހިރާއްޖޭގެ އާބާދީގެ ތިންބައިކުޅާ އެއްބަޔަށްވުރެ ގިނައީ ޒުވާނުންކަމަށްވާއިރު މަތީ ތަޢުލީމުގެ ފުރުޞަތު ލިބޭ ދަރިވަރުންގެ ނިސްބަތް މިހާ ދަށްވުމަކީ އިންތިހާއަށް ކަންބޮޑުވާކަމެކެވެ. ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުކުރުމަށް އެންމެ މުހިއްމީ ހުނަރުވެރި ޒުވާނުން ކަމުގައިވާތީ ޒަމާނުއްސުރެ ރައީސުލްޖުމްހޫރިއްޔާ އޭލެވެލް އިމްތިޙާނުގައި އެންމެ މަތީ ވަނަ ޙާސިލްކުރާ ދަރިވަރުންނަށް ދެއްވާ ސްކޮލަރޝިޕް ކުއްލިގޮތަކަށް މަދުކުރެއްވުމުން ޒުވާނުންނަށް މަތީ ތަޢުލީމު ހާސިލްކުރުމަށް ލިބޭ މަދު ފުރުޞަތު އެތައް ގުނައަކުން މަދުވެގެންދާނެއެވެ.
ކުއްލި ގޮތަަކަށް މިފަދަ ބޮޑު ބަދަލެއް ގެނައުމުން މިކަމުގެ ގެއްލުން އެންމެ ބޮޑަށް ލިބޭނީ ފުދުންތެރިކަން ކުޑަ ޢާއިލާތަކަށް ނިސްބަތްވާ ދަރިވަރުންނަށެވެ. އަދި މިފަދަ ސިޔާސަތުގެ ސަބަބުން މާޒީގައި އަޅުގަނޑުމެން ތަހައްމަލް ކުރަން ޖެހުނު ފަދަ މުއްސަނދިންގެ ގާތުގައި ސަލާން ޖެހުމުގެ ސަގާފަތް އަނެއްކާވެސް އިއާދަވާނެއެވެ. އަދި މިކަމުގެ ސަބަބުން ޒުވާނުންގެ މައްޗަށް މަހުޖަނުންނާއި ސިޔާސީ ފަރާތްތަކުގެ ނާޖާއިޒު ނުފޫޒު ފޯރުވުމަށް ފުރުޞަތު ހުޅުވިގެންދެއެވެ. ސްކޮލަރޝިޕްގެ ފުރުޞަތުތައް ކުޑަކުރުމަށް ސަރުކާރުގެ ވިސްނުން ހުރިއިރު މަތީ ތައުލީމު ހާސިލްކުރުމަށް އެދޭ ދަރިވަރުންނަށް ސްޓުޑެންޓް ލޯން ސްކީމުންވެސް އެދެވޭ ފައިދާ ނުލިބެއެވެ. ދަރިވަރުން ތައުލީމު ހާސިލްކުރުމަށް އެދޭ ގިނަ ދާއިރާތަކަށް ލޯން ދޫނުކުރުމާއި އަދި ރާއްޖޭއިން ތައުލީމު ހާސިލްކުރެވޭ ދާއިރާއެއްކަމުގައިވާނަމަ އެދާއިރާތަކަށް ލޯން ދޫނުކުރުމަކީ ދަރިވަރުން އިޚްތިޔާރު ކުރާ ތަނެއްގައި ކިޔެވުމަށް އެޅޭ ހުރަހެކެވެ. އަދި ހަމަމިއާއެކު މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިިޓީން މަތީ ތައުލީމު ހާސިލްކުރުމަށް ބޮޑެތި ހުރަސްތަކެއް ހުންނަކަން ފާހަގަ ކުރަމެވެ.
މި ފުުރުޞަތުގައި ވޮކޭޝަނަލް ޓްރެއިންނގެ ފުރުޞަތުތައް ދިވެހި ޒުވާނުންނަށް ބޭނުންވެފައިވާ މިންވަރާ ގާތަށްވެސް ފަހިވެފައިނުވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. މިކަމުގެ ސަބަބުން ވަޒީފާ ހޯދުމަށް ޒުވާނުންނަށް އެތައް ދަތިތަކާ ކުރިމަތިވެ، ވަޒީފާ ނެތި، މުޖުތަމައުގައި ބާކީވެގެންދާ ޒުވާނުން މިއަދު އަނެއްކާވެސް އިތުރުވަމުންދެއެވެ. އަދި މިކަމަކީ ބޮޑެތި ޖިނާއީ ކުށްތަކުގައި ޒުވާނުން ބައިވެރިވެރިވުމަށް ފުރުޞަތު ބޮޑުވެގެންދާކަމެކެވެ.
ރާއްޖޭގެ ޒުވާނުންގެ ހުރިހާކަމެއްވެސް ގުޅިފައިވަނީ ޒުވާން އުމުރުގައި ތައުލީމުގެ އުނގެނުމަށް ހުރި ފުރުޞަތު ތަކެއްގެ މައްޗަށެވެ. ތައުލީމީ ދާއިރާގެ ކަންކަން ދޯދިޔާގޮތަކަށް ގޮސް އެކަމުގެ ސަބަބުން ލިބޭ ގެއްލުމުގެ އަގު ވަޒަން ކުރެއްވޭވަރަށްވުރެ މާ ބޮޑެވެ. ތައުލީމީ ދާއިރާގެ ސިޔާސަތަކީ ދުވާލަކު އެއްފަހަރަު ބަދަލު ކުރާ އެއްޗަކަށް ވެގެން ނުވާނެއެވެ. ތައުލީމާ އަދި ޒުވާނުންނާ ގުޅޭ ސިޔާސަތުތަކަކީ އެކަމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި ދުރުރާސްތާއަށް ޕްލޭން ކުރެވިގެން ތަންފީޒުކުރަންޖެހޭނެ ސިޔާސަތުތަކެކެވެ. އެހެންކަމުނ މިފަދަ ދޯދިޔާ ނިންމުންތަކާ މަޝްވަރާތަކުން ދުރުވުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނަށާއި ރައީސުލްޖުމްހޫރިއްޔާއަށް ގޮވާލަމެވެ.
ބަޔާން ނެރުނީ: އެމް.ޑީ.ޕީގެ ޒުވާނުންގެ ހިއްވަރު
ތާރީޚް: 15 ޑިސެމްބަރ 2015