ކޮރަޕްޝަންގެ ސަބަބުން މުޅި ދައުލަތް ވަނީ ފުލުން ގޮސްފައި

ބައިނަލްއަޤްވާމީ އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރާއިރު ދިވެހިރާއްޖޭގައި މިއަދު ދިމާވެފައިވާ އެންމެ ބޮޑު ސިޔާސީ، އިޖްތިމާޢީ އަދި އިޤްތިޞާދީ މައްސަލައަކީ ކޮރްޕްޝަންގެ ވަބާ ކަމުގައިވާތީ އެކަން ހުއްޓުވުމަށް މުޅި ދިވެހި ދައުލަތް ތެދުވުމަށާއި ސަރުކާރާ މުވައްސަސާތައް ޒިންމާދާރުކުރުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމް.ޑީ.ޕީ)ން ގޮވާލަމެވެ.

ދިވެހިރާއްޖޭގެ ކޮންމެ ދާއިރާއަކަށް ބެލިކަމުގައިވީނަމަވެސް ކޮރަޕްޝަންގެ ނުފޫޒު ވަދެފައިނުވާ އެންމެ ދާއިރާއެއްވެސް ނެތެވެ. ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ މަދަނީ ޖަމްޢިއްޔާ ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން 2015 ވަނަ އަހަރު ޝާޢިއު ކުރެއްވި ޑޮމޯކްރަސީ ސަރވޭއިން ދައްކާ ގޮތުގައި %72 ރައްޔިތުން ދެކޭގޮތުގައި ފާއިތުވީ އަހަރު ތެރޭގައި ކޮރަޕްޝަންގެ މިންވަރު ވަނީ އިތުރުވެފައެވެ. މިކަމުގެ ސަބަބުން ރައްޔިތުން ދައުލަތުގެ މުވައްސަސާތަކަށް ކުރާ އިތުބާރު މިވަނީ އެތައް ގުނައަކުން ދަށަށް ގޮސްފައެވެ.

ޝަރުޢީ ދާއިރާގެ ނަޒާހަތްތެރިކަން ގެއްލި ރައްޔިތުން ކޯޓުތަކަށް ކުރާ އިތުބާރު އިންތިހާއަށް ދަށްވެފައިވާއިރު ޔޫއެންޑީޕީގެ ފަރާތުން ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާއާ ގުޅޭ ގޮތުން ނެރުއްވާފައިވާ ރިޕޯޓުންވެސް ހާމަވެފައިވަނީ %71 ރައްޔިތުން މައްސަލަތައް ނިންމުމަށް ޚިޔާރުކުރަނީ ކޯޓުން ބޭރުގައި ކަމަށްވާއިރު %40 ރައްޔިތުން އެގޮތަށް އެދެނީ އިންސާފު ހޯދުމަށް ކޮރަޕްޝަން ހުރަހަކަށް ވާތީކަމުގައެވެ.

މިފަދަ ސާރވޭތަކުން ދިވެހިރާއްޖޭގައި ކޮރަޕްޝަން ފެތުރިފައިވާ މިންވަރު ހާމަވާއިރު މި މައްސަލައާ ދެކޮޅަށް ޤަނޫނުން ލާޒިމުކޮށްފައިވާ މިނިވަން މުވައްސަސާއަށްވެސް ރައްޔިތުން އިތުބާރުކުރާ މިންވަރު ކަންބޮޑުވާ މިންވަރަށް ވަނީ ދަށަށްގޮަސްފައެވެ. އެ ކޮމިޝަނަކީ ސިޔާސީ ނުފޫޒު ވަދެފައިވާ ވަކި ބައެއްގެ މަސްލަހަތު ހިމާޔަތް ކުރާ ތަނެކެވެ. ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ އެންޓި ކޮރަޕްޝަން ކޮމިޝަން ކޮމިޝަންގެ ފަރާތުން އެކިއެކި ޕްރޮގްރާމްތައް ރާއްވަވާފައިވާހިނދު، އެކޮމިޝަނުގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދެއެވެ. އެހެންކަމުން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މިނިވަންކަމާ މުސްތަޤިއްލުކަން ދެމެހެއްޓުމަކީ ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ކޮންމެހެނެ ކުރަން ޖެހޭ ކަމެއްކަމުގައި އެމް.ޑީ.ޕީން ދެކެމެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންގެ އިތުރުން ޑިމޮކްރަސީ ޤާއިމުކުރުމަށް މުހިއްމު މުވައްސަސާތައް ކަމުގައިވާ އިލްކްޝަންސް ކޮމިޝަނާއި، ސަލާމަތީ ޚިދުމަތްދޭ މުވައްސަސާތަކާއި އަދި އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމަށް ޤާނޫނީ ބާރު ލިބިފައިވާ މުވައްސަސާތަކަކީވެސް މިފަަދަ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ރައްޔިތުންގެ ޙައްޤުތައް ހިމާޔަތް ކުރުމަށް މަސަައްކަތް ކުރާ ބަޔަކަށްވުމަށް އެމް.ޑީ.ޕީން ގޮވާލަމެވެ. އަދި މި މިނިވަން މުވައްސަސާތަކުގެ ބާރުވެރިކަން ދަމަހައްޓައި ސަރުކާރު އެންމެ ފުރިހަމައަށް ޖަވާބުދާރިކުރުވާ ތަންތަން ކަމުގައި ހެދުމަށް ރައްޔިތުންގެ މަޖިލިހުގެ ދައުރު ނުހަނު ބޮޑުކަމުގައިވީހިނދު އެ މުވައްސަސާތަކުގެ މަސައްކަތްތަކަށް އަރައިނުގަތުމަށް ރައްޔިތުންގެ މަޖިލިހަށް ގޮވާލަމެވެ.

މުޅި ދައުލަތް ކޮރަޕްޝަންގެ ޢަމަލުތަކުން މިއަދު ކިލަނބުވެފައިވާއިރު މިފަދަ ނޭދެވޭ ކަންކަން ހުއްޓުވުމަށް ދައުލަތުގެ އެންމެ އިސް ވެރިޔާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ދައުރު އިންތިހާއަށް ބޮޑެވެ. މުޅި ދައުލަތުގެ ޑިމޮކްރަޓިކް ސިފަ ނައްތާލައި، ތިން ބާރު އެކުވެ މަސްހުނިވެ ކޮރަޕްޝަންގެ ސަބަބުން ދައުލަތް މިއަދު މިވަނީ ފުލުން ގޮސްފައެވެ. ދައުލަތުގެ ބަޖެޓުގެ ޚަރަދުތައް ޢާންމު ނުކުރުމާއި، ޤާނޫނުތަކާ ޚިލާފަށް ދައުލަތުގެ މުދާ ބޭނުންކުރުމާއި، ސަރުކާރުގެ ވެރިންގެ ކިބައިން ކޮރަޕްޝަނަށް މަގުފަހިވާ އެތައް ކަމެއް ހާމަވާ އިރުވެސް ރައީސުލްޖުމްހޫރިއްޔާ އެކަމަށް ދެއްވާފައިވަނީ ބީރު ކަންފަތެކެވެ.

މިއަދު ދިވެހިރާއްޖެއަށް ކުރިމަތިވެފައިމިވާ ކޮރަޕްޝަންގެ ވަބާއިން ޤައުމު ސަލާމަތް ކުރުމަށް އެކުއެކީ މަސައްކަތްކުރުމަށް ރައްޔިތުންނާއި، މަދަނީ ޖަމްޢިއްޔާތަށް އަދި މީޑިޔާއަށް ހަރު އަޑުން ގޮވާލަމެވެ. އަދި މިކަމުގައި ކެނޑިނޭޅި މަސައްކަތްކުރުމަށް އެމްޑީޕީން ދެމި އޮންނާނެ ކަމުގެ ޔަގީންކަން އަރުވަމެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް
ތާރީޚް: 10 ޑިސެމްބަރ 2015