ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުން ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ވަކި މުއްދަތެއްގެ ތެރޭގައި ކުރެއްވުމަށް ލާޒިމުކޮށްފައިވާ ކަންކަން ކުރެއްވުމުގައި އިޙްމާލުވެވަޑައިގެންފައިވާތީ އެކަން ކުށްވެރިކުރުން

“ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު” ގައި ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް، ކަނޑައެޅިފައިވާ ވަކި މުއްދަތެއްގެ ތެރޭގައި ކުރެއްވުމަށް ލާޒިމުކޮށްފައިވާ ކަންކަން ކުރެއްވުމުގައި ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް އިޙްމާލުވެވަޑައިގެންފައިވާތީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކޮށް އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 18 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމުކޮށްފައިވަނީ އެ ޤާނޫނަށް ޢަމަލުކުރަންފަށާ ތާރީޚުން ފެށިގެން 15 ދުވަހުގެ ތެރޭގައި ޓެރަރިސްޓް ޖަމާޢަތްތައްކަމަށް ބެލެވޭ ޖަމާޢަތްތައް ކަނޑައަޅައި، ޓެރަރިސްޓް ޖަމާޢަތްތަކުގެ ލިސްޓެއް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާޢިއުކުރުމަށެވެ.

މިގޮތަށް ޢަމަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ޤާނޫނުން ލާޒިމުކޮށްފައި ވީނަމަވެސް، އަދި 12 ނޮވެމްބަރ 2015 ވަނަ ދުވަހުގެ ނިޔަލަށް އެ 15 ދުވަހުގެ މުއްދަތު ފަހަނާޅައި ގޮސްފައިވީނަމަވެސް، ރައީސް ޢަބްދުﷲ ޔާމިން ޤާނޫނާ އެއްގޮތަށް ޢަމަލުކުރައްވާފައިނުވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. އަދި ޤާނޫނުގައި ލާޒިމުކޮށްފައިވާގޮތަށް ޢަމަލުކުރެއްވުމުގެ ބަދަލުގައި، 18 ވަނަ މާއްދާ އުވާލެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ނިންމަވާފައިވާކަމަށް ސަރުކާރުން ހާމަކުރައްވާފައިވެއެވެ.

ޓެރަރިސްޓް ޖަމާޢަތްތައްކަމަށް އދ. އިންނާއި ދުނިޔޭގެ ޤައުމުތަކުން ކަނޑައަޅާފައިވާ އެކިއެކި ޖަމާޢަތްތަކުގެ ލިސްޓް ބައިނަލްއަޤުވާމީގޮތުން ހާމަކޮށްފައިވާއިރު، ޓެރަރިޒަމް މަނާކުރުމުގެ ރާއްޖޭގެ ޤާނޫނުން، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ވަކިމުއްދަތެއްގެ ތެރޭގައި ޓެރަރިސްޓް ޖަމާޢަތްތައް ކަނޑައަޅުއްވައި ޝާޢިއުކުރެއްވުމަށް ލާޒިމުކޮށްފައިވާއިރު، އެކަން އެގޮތަށް ނުކުރެއްވުމަކީ ޤާނޫނާ ޚިލާފަށް ރައީސް ޢަބްދުﷲ ޔާމިން ވެވަޑައިގެންފައިވާ ބޮޑު އިޙްމާލެއްގެ އިތުރުން، ޙަޤީޤީ މާނާގައި ޓެރަރިޒަމް ހުއްޓުވުމުގެ އިޚްލާޞްތެރިކަމެއް ނެތްކަން ހާމަވެގެންދާ ކަމެއްކަމަށް ދެކެމެވެ. އަދި ޓެރަރިސްޓް ޖަމާޢަތްތައް ކަނޑައަޅުއްވައި ޝާޢިއުނުކުރެއްވުމުގެ ނަތީޖާއަކީ އދ. އިންނާއި ދުނިޔޭގެ ޤައުމުތަކުން ޓެރަރިސްޓް ޖަމާޢަތްތައްކަމަށް ކަނޑައަޅާފައިވާ ޖަމާޢަތްތައް ރާއްޖޭގެ ޤާނޫނުގެ ދަށުން ނުވަތަ ސަރުކާރުގެ ނަޒަރުގައި ޓެރަރިސްޓް ޖަމާޢަތްތަކެއްކަމަށް ކަނޑައެޅިގެންނުދިއުމެވެ. އޭގެ ސަބަބުން ރާއްޖޭގައި އެފަދަ ޓެރަރިސްޓް ޖަމާޢަތްތަކުގެ ނަމާއި، އެ ޖަމާޢަތްތައް ރަމްޒުކޮށްދޭ ނިޝާންތަކާއި، މޮޓޯތައް ބޭނުންކުރުމާއި، ޕްރޮމޯޓްކުރުމާއި، އެ ޖަމާޢަތްތަކުގެ މެސެޖްތައް ފެތުރުން ފަދަ ޢަމަލުތައް ހިންގުމުގެ ފުރުސަތު ހުޅުވިގެންދާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

2 ޑިސެމްބަރ 2015
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް