ޣައިރު ޤާނޫނީ އަމުރުތަކަށް ޖާގަ ނުދިނުމަށް ފުލުހުންނަށް އިލްތިމާސްކުރަން

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ފަރާތުން 27 ނޮވެމްބަރ 2015 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާއާ ގުޅިގެން މިނިސްޓަރ އޮފް ހޯމް އެފެއާޒް އުމަރު ނަސީރު ޣައިރު ޤާނޫނީ ޢަމުރު ފުލުހުންގެ މައްޗަށް ކުރަައްވަމުން ގެންދަވާތީ އެމްޑީޕީން އެކަން އެންމެ ހަރު އަޑުން ކުށްވެރި ކުރަމެވެ.

ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ ފަރާތުން އިންތިޒާމްކޮށްގެން ހުކުރުދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާއަކީ އެތައްހާސްް ދިވެހިރައްޔިތުންގެ އެދުމާއެކު އެމްޑީޕީން ބާްއްވާ މުޒާހަރާއެކެވެ. ސަރުކާރުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި އެތައް ގުނައަކުން އިހުމާލުވެފައިވާއިރު ސަރުކާރު ޖަވާބުދާރީކުރުވުމަކީ އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ޒިންމާއެކެވެ. އިދިކޮޅު ސިޔާސީ ފަރާތްތަކުގެ އަޑު އެހުމަކީ ޑިމޮކްރަޓިކް ސަރުކާރެއްގެ އެންމެ އަސާސީ އެއް ސިފައެވެ.

ބުދަ ދުވަހުގެރޭ އެމްޑީޕީއާއެކު ފުލުހުން ބޭއްވެވި ބައްދަލުވުމުގައި އެމްޑީޕީން އެންމެ ފުރަތަމަވެސް މުޒާހަރާ އިންތިޒާމްކޮށްފައިވާ ގޮތަށް މުޒާހަރާ ކުރިއަށް ގެންދިއުމާމެދު މަޝްވަރާކޮށް މުޒާހަރާގެ ސަލާމަތީ ކަންކަން ކުރިއަށް ގެންދާނެ ގޮތާމެދު އެއްބަސްވެފައިވަނިކޮށް ބުރާސްފަތިދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކުއްލި ގޮތަކަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ޓްވީޓްކުރައްވައި އެންގެވި އެންގެވުމަކީ ކަނޑައެޅިގެން ޣައިރު ޤާނޫނީ އަމުރެކެވެ. މިފަދަ ޣައިރު ޤާނޫނީ ކަންކަމުން ފުލުހުންގެ މުވައްސަސާ ހިމާޔަތް ކުރުމަކީ ފުލުހުންގެ ޤައުމީ އަދި ޤާނޫނީ ޒިންމާއެކެވެ.

އެމްޑީޕީގެ ފަރާތުން އިންތިޒާމް ކުރާ މުޒާހަރާއަކީ ޞުލްޙަވެރި ޤާނޫނީ އެއްވުމެކެވެ. މި މުޒާހަރާއާ ގުޅިގެން ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ 27 (ށ) ވަނަ މާއްދާގައިވާ ގޮތުގެ މަތީން 22 ނޮވެމްބަރ ގައި އެއްވުމުގެ ނޯޓިސް ފުލުހުންނަށް ވަނީ ފޮނުވާފައެވެ. އަދި ހަމަ މިޤާނޫނުގެ 42 (ހ)ަ މާއްދާގައިވާ ގޮތުގެ މަތީން އެއްވުމާ ގުޅޭގޮތުން އެއްވެސް ކަހަލަ ހަނިކުރުމެއް ގެނައުމަށް އެއްވުމުގެ ނޯޓިސް ލިބޭތާ 12 ގަޑިއިރުގެ ތެރޭގައި ފުލުހުން އެދިފައިނުވާކަން ފާހަގަކުރަމެވެ.

އެމްޑީޕީގެ ފަރާތުން އެދިފައިވާގޮތަށް މުޒާހަރާ ކުރިއަށް ގެންދިއުމަށް ފުލުހުން އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައިވަނިކޮށް ކުއްލި ގޮތަކަށް އެނިންމުން ބަދަލުކުރައްވާފައިވަނީ ހޯމް މިނިސްޓަރު އެގޮތަށް އެދިވަޑައިގަތުމުންކަމަށް ފުލުހުން މިއަދު ވަނީ ވިދާޅުވެފައެވެ. މިއީ ފުލުހުންގެ އިދާރާއަށް ސަރުކާރުން ސިޔާސީ ނުފޫޒު ފޯރުވުން ކަމުގައި މިޕާޓީން ޤަބޫލުކުރަމެވެ. އަދި ދަންނަވަމެވެ ބުދަ ދުވަހުގެ ރޭ އެމް.ޑީ.ޕީއާއި އެކު ފުލުހުން ބޭއްވެވި ބައްދަލުވުމުގައި އެއްވެސް ސިޔާސީ ފަރާތެއްގެ ނުފޫޒު އައުމުގެ ސަބަބުން މުޒާހަރާ ރޫޅާލާފާނެތޯ ސުވާލު ކުރުމުން ، ސުލްހަވެރިކަމާއިއެކު އެއްވުން ކުރިއްއަށް ގެންދާހާހިދަކު އެއްވުން އެއްވެސް ސިޔާސީ ފަރާތެއްގެ ނުފޫޒުން ނުހުއްޓުވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވަނިކޮށް މިފަދަ ސިޔާސީ މަޤްޞަދެއް ޙާސިލްކުރުމަށް އަމާޒުކުރެވިފައިވާ ޣައިރު ޤާނޫނީ އަމުރުތަކަށް ފުލުހުން ތަބާވުމުގެ ބަދަލުގައި ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ޙައްޤުތައް ހިމާޔަތްކޮށް މުޒާހަރާ ކުރުމުގެ ފުރުޞަތު އެންމެ މަތީ މިންވަރަށް ފޯރުކޮށްދިނުމަށް ފުލުހުންނަށް އިލްތިމާސްކުރަމެވެ. އަދި ޣައިރު ޤާނޫނީ ޢަމުރުތަކަށް ތަބާނުވުުމުގެ ޙައްޤު ސަލާމަތީ ޚިދުމަތްތަކަށްވެސް ލިބިގެންވާހިނދު 27 ނޮވެމްބަރ ގައި ފެއްޓުމަށް ހަމަޖެހިފައިވާ މުޒާހަރާއަށް ފުލުހުން އެއްބާރުލުން ދެއްވުމަށް ގޮވާލަމެވެ.