ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމުގައި ހުންނަވަނިކޮށް ރިޔާސީ ލޯންޗުކޮޅުގައި ހިނގި ޙާދިސާއާ ގުޅިގެން އެ މައްސަލައިގެ ތަޙްޤީޤަށް މިހާރު ޙައްޔަރުކުރެވިފައިވާ އަޙްމަދު އަދީބު ޢަބްދުލްޣަފޫރަށް، ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވިފައިވާ ފަރާތަކަށް ލިބިގެންވާ އެންމެހައި ޙައްޤުތައް ކަށަވަރުކޮށްދެއްވައިގެން އެ ތަޙްޤީޤް ހިންގެވުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލަމެވެ.
ރައީސުލްޖުމްހޫރިއްޔާގެ ކުރީގެ ނައިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރަކީ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުގެ ސަރުކާރުގައި އެމަނިކުފާނުގެ އެންމެ އަރިސް އަދި އެންމެ އިތުބާރު ކުރެއްވި ބޭފުޅާކަމަށްވީއިރު، އަދި އެ ބޭފުޅާ އެމަޤާމަށް ގެންނެވުމާއި ވަކިކުރެއްވުމަކީ ވެސް ރައީސް ޢަބްދުﷲ ޔާމިންގެ ނިންމެވުމަކަށްވުމުގެ އިތުރުން، އެބޭފުޅާ މިހާރު ޖަލުގައި ޙައްޔަރުކުރައްވާފައިވަނީ ވެސް ސީދާ ރައީސް ޢަބްދުﷲ ޔާމިން އެ ބޭފުޅާގެ މައްޗަށް ކުރެއްވި ތުހުމަތެއްގައި ކަމަށްވީތީ، މިއިން އެއްވެސް ކަމަކީ އެމް.ޑީ.ޕީ. ގެ ސީދާ މަސްލަޙަތާ ގުޅިފައިވާކަމަކަށް ނުވިނަމަވެސް، އަޙްމަދު އަދީބަށް ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވިފައިވާ ފަރާތަކަށް ލިބިގެންވާ އެންމެހައި ޙައްޤުތައް ކަށަވަރުކޮށްދެއްވައިގެން އެ ތަޙްޤީޤް ހިންގަވަމުން ނުދާކަން ފާހަގަކުރެވޭތީ މި ޕާރޓީން އެކަމާ ކަންބޮޑުވުން ފާޅުކުރަމެވެ.
މިގޮތުން ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުޣަފޫރަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯއްދެވުމުގެ ޙައްޤަށް ހުރަސް އަޅާފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. މިއަދާ ހަމައަށް އައިއިރު އަޙްމަދު އަދީބުގެ ޤާނޫނީ ވަކީލުންގެ ޓީމުގެ 3 ވަކީލަކު ވަނީ ސަސްޕެންޑްކުރައްވާފައެވެ. އޭގެ ތެރޭގައި އެމަނިކުފާނުގެ ވަކީލުންގެ ޓީމުގެ އިސް ވަކީލު އަލްއުސްތާޛު ޙުސެން ޝަމީމު، ސްޕްރީމް ކޯޓުން ވަކި މުއްދަތެއް ނެތްގޮތަށް ސަސްޕެންޑްކުރައްވާފައިވަނީ އެއްވެސް ކޯޓެއްގައި ވަކާލާތު ނުކުރެއްވޭނޭގޮތަށް، އެ ވަކީލުގެ ބަސްފުޅެއް ހޯއްދެވުމެއް ނެތި، އެ ވަކީލުގެ ޣައިރު ޙާޟިރުގައިކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. އަދި މިއަދާ ހަމައަށް ވެސް އަލްއުސްތާޛު ޙުސެން ޝަމީމު ސަސްޕެންޑްކުރައްވާފައިވާކަން އޭނާއަށް ރަސްމީކޮށް އަންގަވާފައި ނުވެއެވެ. އަދި އަލްއުސްތާޛު ޙުސެން ޝަމީމް އެއްވެސް ކޯޓެއްގައި ވަކާލާތުނުކުރެއްވޭނޭ ގޮތަށް ސްޕްރީމް ކޯޓުން މަނާކުރެއްވުމުގެ އިތުރުން، ފުލުހުން އަމިއްލައަށް ވަނީ އަލްއުސްތާޛު ޙުސެން ޝަމީމަށް، އަޙްމަދު އަދީބު ޖަލުގައި ހުންނަވަނިކޮށް ބައްދަލުނުކުރެއްވޭނޭކަމަށް ޤާނޫނު އަސާސީއާ ޚިލާފަށް އަންގައި އެކަމަށް ހުރަސްއަޅައިފައެވެ. ހަމަ އެފަދައިން، އަނެއް 2 ވަކީލުންކުރެ އެއްވަކީލަކު ކޯޓުގައި ތަމްސީލުނުކުރެއްވޭނޭ ގޮތަށް ސަސްޕެންޑް ކުރައްވާފައިވާއިރު، އަނެއް ވަކީލު ވެސް ވަނީ ފުލުހުން އަމިއްލައަށް ޤާނޫނު އަސާސީއާ ޚިލާފަށް ސަސްޕެންޑްކޮށްފައެވެ. މިކަމުގެ ސަބަބުން އަޙްމަދު އަދީބަށް ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯއްދެވުމުގެ ޙައްޤު ނިގުޅައިގަނެވިފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.
ކުށެއްގެ ތުހުމަތެއްގައިވާ މީހަކަށް، އެމީހަކު އިޚްތިޔާރުކުރާ ޤާނޫނީ ވަކީލަކާއެކު މަޝްވަރާކުރުމަށް ފުރުސަތު ދޭންވާނޭކަމަށް ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވެއެވެ. އަދި ކުށެއްގެ ތުޙުމަތުގައިވާ މީހަކަށް ލަސްކުރުމެއް ނެތި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި، އަދި ތުހުމަތުކުރެވުނު މައްސަލަ ނިމޭންދެން އެ އެހީތެރިކަން ދެމެހެއްޓުމުގެ ފުރުސަތު ފަހިކޮށްދޭންވާނޭކަމަށް ޤާނޫނު އަސާސީ ގެ 48 ވަނަ މާއްދާގެ (ށ) ގައި ބަޔާންވެގެންވެއެވެ. އަދި ޤާނޫނު އަސާސީގެ 53 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރަނީ ޤާނޫނީ ވަކީލެއްގެ އެހީއަކަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެފަދަ އެހީ ހޯދައި ލިބިގަތުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށެވެ.
ކުރީގެ ނައިބު ރައީސް ޢަހްމަދު އަދީބުގެ ބަންދާ ގުޅޭ މައްސަލަ ކްރިމިނަލް ކޯޓުގައާއި ހައިކޯޓުގައި ހިނގިއިރު، ވަރަށް ތަފާތުކަން ބޮޑުގޮތެއްގައި އެ ކޯޓުތަކުން ޢަމަލުކުރައްވާފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. އެގޮތުން އަޙްމަދު އަދީބު އެއިން އެއްވެސް ކޯޓަކަށް ޙާޟިރުކުރައްވާފައި ނުވެއެވެ. އެއާޚިލާފަށް އެ މައްސަލަ ކުރިއަށް ގެންދަވާފައިވަނީ އަޙްމަދު އަދީބު ދޫނިދޫ ޖަލުގައި ބަހައްޓަވައިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. އަދި އަޙްމަދު އަދީބުގެ އަރިހުގައި އެބޭފުޅާގެ ވަކީލަކު ހުންނެވުމުގެ ފުރުސަތު ދެއްވާފައި ނުވާއިރު، އެކަހެރިކޮށް މަޝްވަރާކުރެއްވުމުގެ ފުރުސަތުގެ ޙައްޤު ވެސް އަޙްމަދު އަދީބަށް ލިބިވަޑައިގެންފައިނުވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.
މިކަން މިހެން އޮތްއިރު، އަޙްމަދު އަދީބުގެ ޢާއިލީ ބައްދަލުވުންތަކަށް ވެސް ފުލުހުން ވަނީ އެތައް ގޮތަކުން ހުރަސް އަޅާފައެވެ. އާއިލީ ބައްދަލުވުމުގައި އެކަހެރިކޮށް ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތު ބަންދުކޮށް، ވަކި ކޮޓަރިއެއްގެ ތެރޭގައި 2 ފުލުހެއްގެ ހާޒިރުގައި ފޯނުގެ ޒަރިއްޔާއިން މެނުވީ ޢާއިލާ މީހަކާ ވާހަކަފުޅު ނުދެއްކެވޭނޭ ގޮތަށް ހަމަޖެއްސުމަކީ މީގެކުރިން ފުލުހުން ޢަމަލުކޮށްފައިނުވާގޮތެކެވެ. އަދި އެއީ އަޙްމަދު އަދީބުގެ މައްސަލާގައި ފުލުހުން ވަރަށް ބޮޑަށް ތަފާތުކުރުން ގެންގުޅޭކަމުގެ މިސާލެކެވެ.
އަޙްމަދު އަދީބުގެ މައްސަލާގައި ފާހަގަކުރެވޭ އަނެއް ބޮޑު ކަންބޮޑުވުމަކީ އެ މައްސަލައާގުޅިގެން ދޫނިދޫގައި ކްރިމިނަލް ކޯޓުގެ ގޮތްޕެއް ހަދަމުންދާ ދިއުމެވެ. ދޫނިދޫއަކީ މީހުން ދިރިއުޅޭ ރަށަކަށް ނުވާއިރު، އަދި އެއީ ފުލުހުންގެ ބެލުމުގެ ދަށުގައިވާ، މީހުން ހައްޔަރުކޮށްގެން ގެންގުޅޭ ޑިޓެންޝަން ސެންޓަރަކަށްވާއިރު، އެ ޑިޓެންޝަން ސެންޓަރުގައި ހެދޭ ކޯޓެއްގެ ޤާނޫނީ ސައްޙަކަމާމެދުގައާއި އަދި އެ ފަދަ ކޯޓެއްގެ މިނިވަންކަމާ މެދު ސުވާލު އުފެދެއެވެ.
ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގައި ބުނެފައިވަނީ، ޤާނޫނަކުން ޤާއިމުކޮށްފައިވާ މިނިވަން އަދި މުސްތަޤިއްލު ކޯޓެއްގައި ޢާންމުކޮށް ހުޅުވާލެވިގެން ބާއްވާ، އަޑުއެހުމެއްގައި އިންސާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށެވެ.
20 ވަނަ މާއްދާގައި ބުނެފައިވަނީ، ޤާނޫނުގެ ކުރިމަތީގައި، އަދި އެމީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީ ވެސް ހަމަހަމަވެގެންވާ މީހެއްކަމަށެވެ. އަދި ޤާނޫނުގެ ރައްކާތެރިކަމާއި، ޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ހަމަ ކޮންމެ މީހެއްގެ ވެސް ޙައްޤެއްކަމަށެވެ.
ޤާނޫނު އަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަން އެއްވެސް ގޮތަކުން ތަފާތުކުރުމެއް ނެތި ކޮންމެ މީހަކަށްވެސް ލިބިގެންވާކަމަށް ޤާނޫނު އަސާސީގެ 17 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވެއެވެ.
އެހެންކަމުން، ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވިފައިވާ މީހަކަށް ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ޙައްޤުތައް އަޙްމަދު އަދީބަށް ލިބިވަޑައިނުގަތުމަކީ އެމް.ޑީ.ޕީ. އިން އިންތިހާއަށް ކަންބޮޑުވާކަމެކެވެ.
ރިޔާސީ ލޯންޗުކޮޅުގައި ހިނގި ޙާދިސާގެ ތަޙްޤީޤަކީ ސިޔާސީގޮތުން ހިންގޭ ތަޙްޤީޤަކަށް ނުހެއްދެވުމުގެ އިތުރުން އެތަޙްޤީޤަކީ ފުރިހަމައަށް ހިންގޭ، އަދި ރައްޔިތުންގެ އިތުބާރު ލިބިގެންވާ ތަޙްޤީޤަކަށް ހެއްދެވުމަށްޓަކައި، އަދި އިތުބާރުހުރިގޮތަކަށް އިންސާފު ޤާއިމުކުރެވޭކަން ކަށަވަރުކުރުމަށްޓަކައި ތުހުމަތުކުރެވިފައިވާ ފަރާތަށް ޤާނޫނު އަސާސީން ލިބިދޭ އެންމެހައި ހައްޤުތަކެއް ފުރިހަމައަށް ފޯރުކޮށްދީގެން އެ މައްސަލައިގެ ހުރިހާ މަރުޙަލާތަކެއް ކުރިއަށް ގެންދެވުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކަށް އެމް.ޑީ.ޕީ. އިން ގޮވާލަމެވެ. އަދި އިންސާފުވެރިކޮށް ކަންކަން ކުރެއްވުމަކީ ޤައުމުގެ ހަމަޖެހުމާ ގުޅިފައިވާނޭކަމެއްކަމުގައި މި ޕާރޓީން ދެކެމެވެ.
ތާރީޚް: 19 ނޮވެމްބަރ 2015
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް